ޖަލުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާޙުކުރުމުގެ މަސައްލަތް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަމިއްލައަށް އިސްނަގައިގެން ކުރެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢާބްދުﷲ އެދިވަޑައިގެންފިއެވެ.
މިނިސްޓަރ ޢިމްރާން މިކަމަށް އެދިވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން މެދުފަންތީގެ މެނޭޖްމަންޓް އޮފިސަރުންނަށް ޚާއްސަކޮށްގެން މާފުށި ޖަލުގައި މިއަދު ފެށި 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
މިތަމްރީނު ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ފަރާތުން ކުރިއަށްގެންގޮސްދެއްވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. ޕްރޮގްރާމްގައި ކިޔަވައިދެއްވަނީވެސް އެޖަމްއިއްޔާގެ ބޭފުޅުންނެވެ.
މި ޕްރޮގްރާމް ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ތަމްރީނު ނިންމުމަށްފަހު ކޮންމެ އޮފިސަރަކުވެސް އަމިއްލައަށް އިސްނަގައިގެން ޖަލުގެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރުމުގެ އިތުރުން ޖަލުތަކަކީ އިންސާނީ ކަރާމަތާއި އިއްޒަތް ނުގެއްލޭގޮތަށް ހިންގޭ ތަންތަނަށް ހެދުމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބަންދުކުރަންޖެހޭ ފަރާތްތައް މުޖުތަމައުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ރިހިބިލިޓޭޓްކުރެވި މުޖުތަމަޢަށް ނެރުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. ނެރުންކަމަށެވެ. އެބޭފުޅުންނާ ޙަވާލުވެފައިވާ މަޞްޢޫލިއްޔަތަކީ ޤައުމަށްޓަކައި، ވަޠަނަށްޓަކައި، ޢާންމު ހަމަޖެހުމާއި، އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" މިފަދަ މަޞްޢޫލިއްޔަތެއް އަދާކުރުމުގައި ގެންގުޅެންވާނެ ސިފަތަކާއި، ހަމަތައް އަބަދުމެ ހަނދާނަށް ގެނެސް ވީހާވެސް އިންސާފްވެރިކަމާއި، ހަމަހަމަކަމާއެކު އިޙުސާންތެރިކަންމަތީ ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު ގޮވާލަން،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްއާއެކު ރަނގަޅު މަސައްކަތްތަކެއްކޮށް، ޖަލުގެ ހާލަތު ރަނގަޅުކުރުމުގައި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސިސްޓަމް ރަނގަޅު ކުރުމުގައި ކުރިއެރުންތަކެއް ހޯދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.