މިސައިލް ޕްރޮގްރާމާ މެދު ވާހަކަ ނުދައްކާނޭ ކަމަށް އީރާނުން ބުނެފި

އީރާނުގެ މިސައިލް ޕްރޮގްރާމަކީ އެއްވެސް ކަހަލަ "މަޝްވަރާ"އެއް ކުރެވޭނޭ ޕްރޮގްރާމެއް ނޫން ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބެހެރާމް ޣާސިމީ އަންގާރަ ދުވަހު ވިދާޅު ވެއްޖެއެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގެ ސިޔާސީ ބައެއް ބޭފުޅުންނަށް އީރާނުން ދިން ރައްދެކެވެ.

"އީރާނުގެ ދިފާޢީ ގާބިލިއްޔަތަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއްގައި ވާހަކަ ދެއްކުމަކީ އީރާނުން ކުރާނޭ ކަމެއް ނޫނެވެ." އީރާނުގެ ރަސްމީ ޓީވީން ފޮނުވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. "މިސައިލް ޓެސްޓްތައް ކުރަމުން މި ދަނީ އީރާނުގެ ދިފާޢީ ސިޔާސަތުގެ އޮނިގަނޑުގެ ތެރެއިންނެވެ."

ހޯމަ ދުވަހު ބަރްސަލްސްގައި ބޭއްވި ބައްދަލު ވުމެއްގައި ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން ވަނީ ބެލިސްޓިކް މިސައިލް ޓެސްޓް ކުރުން ހުއްޓާލަން އީރާނަށް ގޮވައިލައްވައިފައެވެ.

ވޭތުވެ ދިޔަ ދެތިން މަހެއްގެ ތެރޭފގައި އީރާނުން ވަނީ ބެލިސްޓިކް މިސައިލްތަކެއް ޓެސްޓް ކޮށްފައެވެ. އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނާ ގޮތުގައި އެއީ ނިއުކްލިއަރ ޓެސްޓާ ބެހޭ ގޮތުން މި ދިޔަ އަހަރު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އީރާނުން ކުރތަމުން ގެންދާ ކަމެކެވެ.

ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި މިސައިލަކީ ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލް ތަކަކަށް ވާތީ އެއީ މި ދިޔަ އަހަރުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް އީރާނުން ކުރަމުން ގެންދާ ޓެސްޓް ތަކެކެވެ. އީރާނުން އެއްބަސް ވެފައި ވަނީ އީރާނާ މެދު އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލެއްގެ ގޮތުން އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަށް ބަދަލު ތަކެއް ގެންނާށެވެ.

ޔޫރަޕުގެ ޚާރިޖީ ވަޒީރުން ގޮވައިލައްވައިފައި ވަނީ ހުރިހައި ގައުމަކުންވެސް އެ އެއްބަސްވުމަށް އިހުތިރާމު ކުރާށެވެ. އަނެއް ކޮޅުން އެމެރިކާގެ ރައީސް ކަމަށް މިހާރު ހޮވިވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅު ވެފައި ވަނީ އެ އެއްބަސްވުން ބާތިލު ކުރައްވާނޭ ކަމަށެވެ.

އިސްލާމީ ގައުމުތަކާއެކު ގުޅުން ބަދަހި ކުރާން ޔޫރަޕިއަން ޔޫނިއަނުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވެ ބެހެރާމް ވާހަކަފުޅު ދެއްކެވިއެވެ. އަދި ހުރިހައި ގައުމަކުންވެސް އެއްބަސްވުންތަކަށް އިހުތިރާމު ކުރާން ގޮވައިލެއްވުމަކީ ހެއު މަގަށް އެޅުނު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަނުން މިހާރުވެސް ގެންދަނީ އީރާނުގެ ވެރި ރަށް ތެހެރާނުގައި އެ ޔޫނިއަންގެ އޮފީހެއް ހުޅުވޭތޯ މަސައްކަތް ކުރަމުންނެވެ. އީރާނުގައި ވިޔަފާރި ކުރާން ޔޫރަޕްގެ ވަރަށް ގިނަ ކުންފުނި ތަކުން ޝައުގުވެރިކަން ފާޅު ކުރަމުންވެސް އެބަ ގެންދެއެވެ.

ބެހެރާމް ވިދާޅުވާ ގޮތުގައި ޔޫރަޕިއަން ޔޫނިއަނުން ބޭނުންވާ ފަދަ އޮފީގެއް ކައިރި ކުރިމަގެއްގައި ހުޅުވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ޔޫރަޕިއަން ޔޫނިއަނުން ބުނާ ގޮތުގައި މި ފަދަ އޮފީހެއްގެ މައިގަނޑު ބޭނުމަކަށް ވާނީ އީރާނުގެ އިންސާނީ ހައްގުގެ ހާލަތު ބަލައި ރަނގަޅު ކުރުމުގެ މަސައްކަތެވެ. މިއީ އީރާނުން ރުހޭ ކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.