(4 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ގޮސްލާފަ އަވަހަށް އަންނާނީ އޭ."
"ފުރްގާން. އަހަރެންެ ސެމިނާރަށް ގޮސްފައި އެނބުރި އަންނާނެ ދުވަހެއް އަދި ޔަގީނެއް ނޫން. ދުވާލު ނާދެވިދާނެ. އާދެވޭނީ އާދީއްތަ ދުވަހުގެ ރޭ ކަންނޭނގޭ."
"ތީ ބޭކާރު މީހެއް. އޭނަ ކިހާ ދެރަވާނެ."
"އަހަރެން ދިޔަ އަސް ނުދިޔަސް ވާނެ ކަމެއް ނޯންނާނެ. އެހަރެން ނުދިޔަ އަސް ކާވެނި ނުހުއްޓި ކުރިއަށްދާނެ. އޭނާއަށް ހީވަނީ ކަންނޭނގޭ އަހަރެން ނުދާނެއޭ. އެހެން ނޫނަސް އަހަރެމެންނަކީ އެހާ މުހިއްމު މެހްމާނުންނަށް ނުވެދާނެ." ސަލާރް ފަރުވާ ކުޑަ ރާގަކަށް ބުނެލިއެވެ.
"ކިތަންމެ ބޭކާރު ބަޔަކަށް ވިޔަސް މަށާ ނައުޝީން އާ ދެމީހުން ދާނަން." ފުރްގާން ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
"އަހަރެން ނުބުނަމެއްނު ނުދާށޭ. އެހެން ނޫނަސް ސައީދައްތަ އާ ނުލާހިކު ގާތް މީހެއްނު ތީ."
"އާނ. އެކަމަކު އޭނަ ބޮޑަށް ވިސްނަނީ ސާލަރް އާ މެދު." ފުރްގާން އޭނައަށް ހީވާ އެއްޗެއް ބުންޏެވެ.
"އެއީ އޭނަގެ ހިތް ހެޔޮކަން." ސާލާރް އާދައިގެ ގޮތަކަށް ބުންޏެވެ.
"ކޮންމެ ގޮތަކަށް ވިޔަސް އޭނާ ނުލާހިކު ކަންބޮޑުވޭ ސާލާރް އާ ދޭތެރޭ. ޑޮކްޓަރ ސިބްތެ ޢަލީ އަށް ޓަކައިވެސް ދާންވާނެ. އެއީ އޭނާގެ ކޮއްކޮ ވިއްޔާ." ފުރްގާން މަސައްކަތް ކުރީ ސާލާރް އެއްބަސްކުރުވޭތޯއެވެ.
"ޑރ. ޢަލީ ވެސް ރަށަކު ނޫޅޭ. ރަށުގައި ހުރިނަމަވެސް ތި ގޮތަަށް އަހަންނަށް މަޖުބޫރެއް ނުކުރާނެ."
"އެންމެ ރަނގަޅު. އަހަރެން މަޖުބޫރެއް ނުކުރަން." ފުރްގާން ދޫކޮށްލިއެވެ.
ސާލާރް އޭނާގެ ލެޕްޓޮޕުން މަސައްކަތް ކުރިއަށް ގެންދިޔައެވެ.
***
އެއީ ރީތި ނަލަ ފެހި ބަގީޗާއެކެވެ. އަވި ދޯދިތަކުން ބަގީޗާގައި ފޮޅިފައި ހުރި މާމެލާމެލީން މުޅިތަން ވަނީ ދިއްލިފައެވެ. އިމާމާ އިނީ ދެ ކަކުލުގައި އަތް އަޅުވައިގެން ބަގީޗާގެ ވިނަގަނޑު މަތީގައި އިށީނދެލައިގެންނެވެ. ސާލާރް އޮތީ ވިނަގަނޑު މަތީގައި އޮށޯވެލައިގެންނެވެ. އޭނާ އޮތީ ލޯ މަރައިގެންނެވެ. އެ މީހުންގެ ފައިވާންތައް ހުރީ ތަންކޮޅެއް ދުރުގައެވެ. އިމާމާ އިނީ ހުދުކުލައިގެ ޝޯލް އެއް ގައިގައި އޮޅައިގެންނެވެ. އެމީހުން ތިބީ އޮލަ ވާހަކައެއްގައެވެ. އިމާމާ ވާހަކަ ދައްކަމުން ދިޔައިރު ސާލާރް އޮތީ އިމާމާގެ ޝޯލްގެ އެއް ކަނުން މޫނު ފޮރުވައިގެންނެވެ. އެ ޝޯލް އިން އޭނާގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. އިމާމާ އޭނާގެ މޫނުމަތިން ޝޯލް ނަގާކަށް ނޫޅެއެވެ. ލޯ މެރެމުން ގޮސް ފުން ނިންޖަކަށް އޭނާ ޣަރަގުވިއެވެ.
ސާލާރް ކުއްލިއަކަށް ލޯ ހުޅުވައިލިއެވެ. އޭނާ އޮތީ އެނދު ހުރަހަށް އޮށޯވެލައިގެންނެވެ. އޭނާ ނިދިން ހޭލެއްވީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ޔަގީން ނުވެފައި ހުރެ ކޮޓަރިތެެރެއަށް ނަޒަރު ހިންގައިލިއެވެ. މިއީ އޭނާ އޮންނާން ބޭނުންވީ ތަނެއް ނޫނެވެ. އަނެއްކާވެސް ހުވަފެނެކެވެ. އޭނާ އަނެއްކާވެސް ލޯ މަރައިލިއެވެ. އޭނާގެ ސަމާލުކަން ހުއްޓުނީ އެނދުގެ އެއްފަރާތުގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. އެ ހުވަފެނުން އޭނާ ހޭލައްވައިލީ އެ ފޯނު ކޯލެވެ. ހިތްހަމަނުޖެހިފައި އޮވެ އޭނާ ފޯނު ނެގިއެވެ. އެއީ ފުރްގާންގެ ފޯނެކެވެ.
"ކޮންތާކު ތިއުޅެނީ؟ އަހަރެން ގުޅާތާ މިހާރު ކޮން އިރެއް... ކީއްވެ ފޯނު ނުނަގަނީ؟" ސާލާރް ފޯނު ނެގުމާއެކު ފުރްގާނު ފަތިވަރެއް އަމުނައިލިއެވެ.
"އަހަރެން އޮތީ ނިދާފައި." ތެދުވެ އެނދުމަތީގައި އިށީންނަމުން ސާލާރް ބުންޏެވެ. އޭނާ ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ.
"ހަމަ މިހާރު ސައީދައްތަ މެންގެއަށް އާދޭ!" ފުރްގާން ބުންޏެވެ.
"ކިހިނެއްވީ؟ ބުނީމެއްނު އަހަރެން..."
"ބުނި އެއްޗެއް އަހަންނަށް އެނގޭ." ފުރްގާން އޭނާގެ ވާހަކަ ހުއްޓުވިއެވެ. "އެކަމަކު ވަރަށް ބޮޑު ކަމެއް ދިމާވެގެން މިއުޅެނީ."
"ކޮން ކަމެއް؟" ސާލާރް ހާސްވެފައި އަހައިލިއެވެ.
"އައިމަ އެނގޭނެ. ހަމަ މިހާރު އާދޭ. ބާއްވަނީ ދެން." ފުރްގާން ފޯނު ބޭއްވިއެވެ.
ސާލާރް ކަންބޮޑުވެފައި ފޯނަށް ބަލައިލިއެވެ. ފުރްގާން ވާހަކަ ދެއްކި ރާގުން ބޮޑު ކަމެއް ދިމާވެގެން އުޅޭކަން އެނގެއެވެ. އެކަމަކު ސައީދައްތަ މެންގޭގައި ދިމާވާނީ ކޮން ކަމެއް ހެއްޔެވެ؟ ފަނަރަ ވަރަކަށް މިނެޓު ތެރޭގައި ސާލާރް އެއްޗެހި ބަދަލުކޮށްގެން އެގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ދެވަނަ ފަހަރަށް ގުޅި އިރު އޭނާ އިނީ ކާރުގައެވެ.
"ވީ ކަމެއް ބުނެބަލަ؟ އަހަރެން ވަރަށް ހާސްވެފައި މީނީ." ސާލާރް އަނެއްކާވެސް އެހިއެވެ.
"ހާސްވާނެ ކަމެއް ނެތް. ތި އަންނަނީނުން. އައިމަ އެނގޭނެ. ފޯނުން ކިޔައެއް ނުދެވޭނެ." ފުރްގާން ފޯނު ބޭއްވިއެވެ.
ބައިގަޑިއިރުގެ ރާސްތާ އެއް ފަނަރަ މިނެޓުގެ ތެރޭގައި ސާލާރް ކަޑައްތު ކުރިއެވެ. ސައީދައްތަގެ ގޭގެ ދޮރުމަތިން ފުރްގާން އޭނާ އާ ބައްދަލުކުރިއެވެ. ސާލާރް ހީކުރި ގޭތެރެއިން އުފާ ފާޅުކުރާ އަޑު ވަރަށް ގަދަވާނެ ކަމަށެވެ. ނަމަވެސް އެކަހަލަ ހިލަމެއް ވެސް ނެތެވެ. ގޭގެ މައިދޮރާއި ޖެހިގެން ހުރި ބޮޑު ކޮޓަރިއަށް އޭނާ ގޮވައިގެން ފުރްގާން ވަނެވެ.
"ކީއްކުރަން އަހަރެން މިތަނަށް ތި ގެނައީ؟" ސާލާރް އެހިއެވެ.
"ސައީދައްތަ އާއި އޭނާގެ ދަރިފުޅަށް ބޮޑު ކަމެއް ދިމާވީ." އިށީންނަމުން ފުރްގާން ބުންޏެވެ. އޭނާ އިނީ ވަރަށް ކަންބޮޑުވެފައެވެ.
"ކޮން ކަމެއް؟"
"އޭނަގެ ދަރިފުޅާ އިންނަން ހަމަޖެހިފައި އޮތް މީހާ ގޮސް އެހެން މީހަކާ އިނދެފި."
"ސުއްބޫހުން!" ސާލާރް އަށް ބުނެވުނެވެ.
"އެ މީހުން އިރުކޮޅެއް ކުރިން ސައީދައްތަ އަށް ގުޅާފަ އެ ވާހަކަ ބުނެފި. އެ މީހުން ނާންނާނެ މިގެއަކަށް. އަހަރެން އެގެއަށް ދިޔައިން ދެންމެ، އެ މީހުންނަށް މި ކަމުގައި ކުރެވޭނެ ކަމެއް ނެތް. އެ މީހުންގެ ފިރިހެން ދަރިފުޅު ވީ ތަނެއް އެ މީހުންނަކަށްވެސް ނޭނގެ." ވެގެން އުޅޭ ގޮތް ފުރްގާން ކިޔައިދިނެވެ.
"އޭނަ އިންނަން ބޭނުން ނޫންނަމަ މައިންބަފައިން ގާތު އެވާހަކަ ނުބުނީ ކީއްވެ؟ ފިލައިގެން ދާނެ ހިތްވަރު ހުރި މީހަކަށް މައިންބަފައިން ގާތު ކާވެންޏަށް އިންކާރުކުރަން ވެސް ކެރެންވާނެެ." މިއީ ސާލާރް އަށް މާ ކަމުދާ ވާހަކައަކަށް ނުވިއެވެ. "މި މައްސަލަ ހައްލުކުރަންވާނީ ސައީދައްތަގެ ކުދީން."
"އާނ. އެމީހުންނެއް ނެތެއްނު، އެހެންވީމާ ތިބި ބަޔަކު މިކަމަށް ހައްލު ހޯދައިދޭންވާނެ."
"ސައީދައްތަގެ ގާތް ތިމާގެ އެހެން މީހަކު ވެސް ނެތީތަ؟" ސާލާރް އެހިއެވެ.
"މީގެ ކުޑަ އިރުކޮޅެއް ކުރިން އަހަރެން ޑޮކްޓަރ ސިބްތެ ޢަލީ އާ ވާހަކަ ދެއްކިން." ފުރްގާން ބުންޏެވެ.
"އެކަމަކު ޑޮކްޓަރ ޢަލީ އެއްވެސް ނެތެއްނު؟ އޭނާ ހުރި ނަމަ މިކަން ކޮންމެވެސް އެހެން ގޮތަކަށް ހައްލުކުރީސް." ސާލާރް ބުންޏެވެ.
"އޭނަ ބުނީ ސާލާރް އާ ފޯނުން ވާހަކަ ދެއްކޭނެ ގޮތެއް ހަދައިދޭށޭ." ފުރްގާން ލަސްލަހުން ބުންޏެވެ.
"މަށާ؟ ތިޔަ ކަމުގައި މަށަށް ކުރެވޭނީ ކޮން ކަމެއް؟" ސާލާރް ބުންޏެވެ.
"އާމިނާ އާ އިންނަންވީ."
ސާލާރް އާގަމަ ވެފައި ފުރްގާން އަށް ބަލަހައްޓައިގެން އިނެވެ. "ފުރްގާން ތިހިރީ ހަމަހޭގަތަ؟" އެހެން ބުނެވުނީ ވެސް ކިރިޔާ އެވެ.
"އާނ. އަހަރެން މިހިރީ ހަމަހޭގައި."
"ތިކިޔާ އެއްޗެއް އެނގޭހެނެއް ހިއެއް ނުވޭ." ސާލާރް ގެ މޫނު ހީވަނީ ރަތް އަނގުރުގަނޑެއް ހެންނެވެ. އޭނާ ދާން ވެގެން ތެދުވިއެވެ. ފުރްގާން އޭނާއަށް ދިޔަކަ ނުދިނެވެ.
"ކީއްވެ އެހެން ބުނީ؟" ސާލާރް އަޑު ކޮންޓްރޯލު ކުރަން މަސައްކަތް ކުރަމުން ބުންޏެވެ.
"އަހަރެން ބުނި އެއްޗެއް ބުނީ ޑޮކްޓަރ ޢަލީގެ އިރުޝާދާ އެކު."
ސާލާރް ގެ މޫނަށް އެތައް ކުލަވަރެއް އަރައިފައިބަމުން ދިޔައެވެ. "ކީއްވެ އަހަރެންގެ ނަން ބުނީ؟"
"އަހަރެން އެއްވެސް މީހެއްގެ ނަމެއް ނުބުނަން. އޭނަ އަމިއްލައަށް އެހެން ބުނީ. އޭނަ ބުނީ އާމިނާ އާ އިންނަން ސާލާރް ގާތު ބުނާށޭ."
ސާލާރް އަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެެނެވެ. ނުވަތަ އުޑު ބޮލަށް ވެއްޓުނުހެންނެވެ. އޭނާ މަޑުމަޑުން ސޯފާގައި އިށީނެވެ.
"ފުރްގާން. އަހަރެން މީހަކާ އިނދެގެން އުޅޭ ވާހަކަ ބުނިންތަ؟"
"އާނ. އަހަރެން ބުނިން މީހަކާ އިނދެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއޭ، އެކަމަކު އެކުއްޖާ ގެއްލުނު ވާހަކަ އާއި، އޭގެ ފަހުން ދިމާނުވާ ވާހަކަ ވެސް ބުނިން."
"ދެން؟"
"އެހެންވިޔަސް އޭނާ ބޭނުންވަނީ ސާލާރް އާމިނާ އާ އިންނަން."
"ފުރްގާން... އަހަރެން..." އޭނާ ވާހަކަ ހުއްޓައިލިއެވެ. ދެން ކުރީ ސުވާލެކެވެ. "ދެން އިމާމާ؟ އިމާމާ އަށް ވާނީ ކިހިނެއް؟"
"މިއޮތް ހުރިހާ ދުވަހުވެސް އިމާމާ އެއް ސާލާރް ގެ ހަޔާތަކު ނެތް. އޭނަވީ ތަނެއް ދެނެވޮޑިގެންވަނީ މާތް ރަސްކަލާނގެ، ދުނިޔޭގައި އުޅޭ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް..."
"ފުރްގާން!" ސާލާރް ވަރަށް ހަރުކަށިކޮށް ފުރްގާން އަށް ގޮވައި އޭނާގެ ވާހަކަ ހުއްޓުވިއެވެ. "އޭނާ ބަހައްޓާ. އެކަމަކު އޭނާ މާދަމާ ވެސް އަތުވެއްޖެނަމަ ދެން ވާނީ ކިހިނެއް؟"
"ޑޮކްޓަރ ޢަލީ އާ ތި ވާހަކަ ދައްކަން ވީނުން." ފުރްގާން ލަފާދިނެވެ.
"ނޫން. ސައީދައްތަ އާއި އާމިނާއަށް ހަގީގަތް ކިޔައިދީ. މީހަކާ އިނދެގެން ހުރި މީހަކު އޭނާގެ ޅީދަރިއަކަށް ވާން ބޭނުން ނުވެދާނެ އެއްނު. އެގޮތަށް އެއްބަސްވާނަމަ މިއަދު ކާވެނި ކުރަން އުޅުނު މީހާ އާ ވެސް އެއްބަސްވީސް."
"އޭނާ ވެސް އާއިލާ އާއެކު އައިނަމަ އޭނާޔާ ވެސް އެއްބަސްވީސް. މައްސަލައަކީ ދެ އަތްނބަށް އާމިނާ އާ އިންނަން އޭނާ ބޭނުންނުވާކަން."
"އޭނާވީ ތަނެއް ހޯދޭނެ އެއްނު."
"އާނ. އެކަމަކު މިހާރަކު ނޫން."
"ޑޮކްޓަރ ޢަލީ އަށް ވެސް ތިއޮތީ އާމިނާ އާ އިންނަން ރަނގަޅު މީހަކު ނުހޯދިފައި. އަހަރެން އޭނާއަށް ދޭނީ ވަކި ކޯޗެއް؟ ފިލައިގެން ތި ދިޔަ މީހާއަށްވުރެ އަހަރެންގެ ހާލު ދެރަ." ސާލާރް ބަލި ގަބޫލުކުރާ ފާޑަށް ބުނެލިއެވެ.
"ސާލާރް، އެ މީހުން މިވަގުތު މީހަކު އެބަ ބޭނުންވޭ. އެކަހަލަ ވަގުތެއްގައި ބޭނުންވާނީ އިތުބާރު ހިފޭ މީހެއް. ދިރިއުޅުމުގައި މިހާތަނަށް އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފީމު، ޑޮކްޓަރ ޢަލީ އަށްޓަކައި އެވަރު ކަމެއް ނުކޮށްދެވޭނެތަ؟"
"އެހެން މީހުންނަށް އަހަރެން ދެނީ ފައިސާގެ އެހީ." އޭނާ ބުންޏެވެ. "ޑޮކްޓަރ ޢަލީ އަކަށް ފައިސާގެ އެހީއެއް ބޭނުމެއް ނުވާނެ."
ފުރްގާން އަަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް ބަލާލާފައި އޭނާ ސާލާރް އަށް ފޯނު ދިއްކުރިއެވެ. އެއީ ޑރ. ސިބްތެ ޢަލީގެ ފޯނެކެެވެ.
މިލައި މޯޅިވެފައި އިން މޫނަކާއެކު އޭނާ ފޯނަށް ޖަވާބު ދިނެވެ. ކަންފަތުގައި ފޯނު ޖައްސައިގެން އިން އިރު ކޮންމެ ކޮންމެ މީހަކާ ދިމާއަށް ހިތުހުރި އެއްޗެއް ނުކިޔޭނޭކަން އޭނާއަށް އިހުސާސްކުރެވުނެވެެ. ފުރްގާން އާއި ދިމާއަށް ރުޅި އައިސްފައި ބުނި އެއްވެސް ވާހަކައެއް ޑރ. ސިބްތެ ޢަލީ އާ ދިމާއަކަށް ނުބުނެވޭނެއެވެ. ޑރ. ސިބްތެ ޢަލީ އަށް ނޫނެކޭ ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އޭނާޔާ ބަހުސް ކުރާކަށް ނުވަތަ ބަހަނާއެއް ދައްކާކަށް ނުކެރުނެވެ. ޑރ. ޢަލީ އޭނާޔާ ވާހަކަ ދެއްކީ އާދައިގެ މަތިން، މަޑުމައިތިރި ކަމާއި އޯގާތެރިކަމާއެކު އެވެ.
"މައިންބަފައންގެ ރުހުން ހޯދައިގެން އާމިނާ އާ ކާވެނިކުރޭ. އާމިނާ އަކީ އަހަރެންގެ އަމިއްލަ ދަރިއެއް ފަދަ ކުއްޖެއް. މިއީ އަހަރެންގެ ދަރިއަށްޓަކާ އަހަރެން އެދޭ އެދުމެއް ކަމަށް ބަލާ. މިއީ އެހައި ފަސޭހަކަމެއް ނޫން. އެކަމަކު އަހަންނަށް މި ނޫން ގޮތެއް ނެތް."
"އަހަރެން ތި އެދުން ފުރިހަމަ ކޮށްދޭނަން." ސާލާރް ވަރަށް އަދަބުވެރިކަމާއެކު ބުނެލިއެވެ.
ދިހަވަރަކަށް މިނެޓު ފަހުން ފުރްގާން އެނބުރި އެކޮޓަރިއަށް އައެވެ. ސާލާރް ބިންމަތީގައި އިށީނދެލައިގެން ފޯނު އަތަށް ލައިގެން އިނެވެ. އޭނާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ.
ފުރްގާން ގޮނޑިއެއް ގެނެސް އޭނާގެ ކުރިމަތީގައި އިށީނެވެ. "ޑޮކްޓަރ ޢަލީ އާ ވަހަކަ ދެއްކިންތަ؟" އޭނާ މަޑުމަޑުން އެހިއެވެ.
ސާލާރް އިސް އުފުލާފައި ފުރްގާން އަތަށް ފޯނު ދިއްކުރިއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި އޭނާ ބުންޏެވެ. "އަދި އެކަމަކު އަހަރެން އޭނާ ގެއަކަށް ނުގެންދާނަން. ކާވެނި ކުރުމުން މި ވަގުތަށް ފުދޭނެ."
(ނުނިމޭ)
Aaah.mivanee kihineiy.mi alhaage dheloa mudhunah araifi.lolun karun husve,thalin kulhuhiki bas huttijje.hiy fihi maalai sikun'di luhijje.
Amina e-ee Saalaaruge Imaamaa kamuga vejjiyyaa ekani Saalar ah noon.mashah ves libeyne bodu ufaleh
Heevanee aee aaminaa eh noonhen imaamaa hen..lets see dhw..