ފުލުހުންނަށް ބޮޑެތި ބާރުދީ މޮނިޓަރ ކުރެވޭނެ އުޞޫލަކާއެކު ޓެރެރިޒަމް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރައްވައިފިއެވެ. މިއަދު ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައި މިބިލް މަޖިލީހުން ފާސްކުރައްވައިފައިވަނީ 52 މެމްބަރުންގެ ޢިއްތިފާޤުންނެވެ.
ބިލް މަޖިލީހުން ފާސްކުރައްވައިފައިވަނީ މަޖިލީހުގެ ތަޅުމުގައި ހުށަހެޅުނު ނުވަ އިޞްލާހާ އެކުގައެވެ. ބިލްގައި ފުލުހުންނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ކޯޓްއަމުރެއްނެތި މީހުން ބަލާ ފާސްކުރުމުގެ ބާރާއި މީހުން ހައްޔަރުކުރުމުގެ ބާރު ހިމެނެއެވެ. ސަރުކާރުން ބިލް ހުށަހެޅީ، ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް، ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް ބިލްމަޖިލީހުން ފާސްކުރައްވައިފައިވަނީ އެމުއްދަތު 24 ގަޑިއިރަށް ބަދަލު ކޮށްފައެވެ.
ކޯޓު އަމުރެއްނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާ، ކުށްތަކުގެތެރޭގައި ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވުމާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުންވެސް ހިމެނެއެވެ. މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަވެސް ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަވެސް ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ވަނީ ފުލުހުންނަށް ދީފައެވެ.
ކޯޓް އަމުރެއް ނެތި ބަލާފާސްކުރުމާއި ހައްޔަރު ކުރުމުގެ ބާރު ދިންނަމަވެސް ފުލުހުން ޢަމަލު ކުރަމުންދާ ގޮތް ބަލާ މޮނިޓަރ ކުރެވޭނެ މެކޭނިޒަމެއް ބިލްގައި ކަނޑައެޅިފައިވުމުން ކަންބޮޑުވާން ނުޖެހޭ ކަމަށް ބައެއް މެމްބަރުން ވަނީ ކޮމެޓީގެ ރިޕޯރޓަށް ބަހުސްކުރައްވަމުން ވިދާޅުވެފައެވެ. ބިލަށް ކޮމެޓީން ގެނައި އިޞްލާހުގައި ބުނާ ގޮތުން ހަ މަހުން ހަ މަހުން ފުލުހުން ޢަމަލުކޮށްފައިވާގޮތުގެ ރިޕޯޓެއް އެކުލަވާލާ ރައީސުލް ޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ.
ސަރުކާރުން ހުށަހެޅި ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް މަޖިލީހުން ފާސް ކުރައްވައިފައިވަނީ ކޮމެޓީން 9 ޖަލްސާ ބާއްވާ ވަރަށް ފުޅާ ދާއިރާ އެއަގައި ބަހުސްކޮށް ބިލް އިޞްލާހު ކުރުމަށްފަހުއެވެ. އެގޮތުން ބިލަށް ބައެއް އާއްމު ފަރާތްތަކުންވެސް ޚިޔާލު ހުށަހަޅައިފައިވެއެވެ. މީގެ އިތުރުން ކަމާ ބެހޭ މުޢައްސަސާތައް ކަމުގައިވާ، ޕްރޮސެކިއުޓަރ ޖެނެރަލާއި، ކައުންޓަރ ޓެރެރިޒަމްގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލާއި ފުލުހުންނާއި މިނޫންވެސް ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާއެކު މަޝަވަރާ ކުރެވިފައިވަކަމަށް ކޮމެޓީ ރިޕޯރޓް ހުށަހަޅުއްވަމުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ މުޤައްރިރު އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.