ކަލޭމެން ފަހެ ލަދެއް ނުގަނޭތަ؟

ތިމާވެށިގެ ސަބަބުން ދުނިޔެއަށް އަންނަ ބަދަލުތަކުގެ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. ދުނިޔެ ސަލާމަތް ކުރަން ވެއްޖެއޭ ގޮވުމުގެ މޫސުން ދޭތެރެދޭތެރެއިން އާދެއެވެ. ގޮވެލިފަތީގެ އަޑު ވަރަށް ގަދަ ވެފައި ހިނދެމުން ގޮސް މުޅީން ހިނދިދެއެވެ.

ތިމާވެށިގެ ބަދަލުތަކާއެކު ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ވާހަކަ ދުނިޔޭގެ ފެންވަރުގައި އެންމެ ފުރަތަމަ ދެއްކެވި އެއް ބޭފުޅަކަށް ރައީސް މައުމޫނު ވާނެއެވެ. އޭގެ ފަހުން ރައީސް ނަޝީދުވެސް ވަނީ އެކި ތަންތާގައި އެވާހަކަފުޅު ދައްކަވައިފައެވެ. އަދި މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ތިމާވެށީގެ މައްސަލަތަކުގައި އެކި ފެންވަރުގައި ވަކާލާތު ކުރައްވަމުންނެވެ. މީގެ އިތުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސަމިޓްގައި ދެއްވި ތަގުރީރުގައިވެސް ތިމާވެށީގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

ތިމާވެށީގެ މައްސަލަތަލުގައި އެކި ދުވަސްވަރު އެކި ގައުމުތަކުގެ ޒުވާނުން ވަނީ އަޑު އުފުލައިފައެވެ. މީގެ ތެރޭގައި ބްރެޒީލްގެ ރިއޯގައި 1992 ވަނަ އަހަރު އޮތް ތިމާވެށިގެ ސަމިޓްގައި ކެނެޑާގެ (އޭރުގެ) ކުޑަ ކުއްޖެއް ކަމުގައިވާ ސިވާރން ކަލިސް ސުޒުކީ ދެއްކި ވާހަކަ ފާހަގަ ކުރެވެއެވެ. އޭރު އޭނާގެ އުމުރަކީ އެންމެ ތޭރަ އަހަރެވެ.

މިހާރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސްވިޑްންގެ ކުޑަ ކުއްޖެއް ކަމުގައިވާ ގްރެޓާ ޓުންބާރްގް 23 ސެޕްޓެމްބަރ 2019 ގައި ފެށުނު "ގްލޯބަލް ކްލައިމެޓް ސަމިޓް" ގައި ދެއްކި ވާހަކައެވެ. ގްރެޓާގެ އުމުރަކީ 16 އަހަރެވެ. އޭނާއަކީ ދުނިޔެ ހޫނުވާ މައްސަލައިގައި އަޑު އުފުލަމުންދާ ކުޑަ ކުއްޖެއެވެ.

މި ވާހަކަކޮޅުގައި އޭނާ ބޭނުން ކުރި "ކަލޭމެން ފަހެ ލަދެއް ނުގަނޭ ހެއްޔެވެ؟" މިހާރު ވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެގެން ގޮސްފައެވެ.

ތިރީގައި މިވަނީ އޭނާގެ ކުރު ވާހަކަކޮޅުގެ އަވަސް ތަރުޖަމާއެކެވެ. މި ތަރުޖަމާގައި ބޭނުން ކޮށްފައި ވާނީ އާދައިގެ ބަހުރުވައެވެ. އެންމެ ފުރަތަމަ ޖުމުލައަކީ ދުނިޔޭގެ ލީޑަރުންނަށް ދޭން އޮތް މެސެޖަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ގްރެޓާ ދިން ޖަވާބެވެ.

"އަހަރެންގެ މެސެޖަކީ އަހަރެމެން މިތިބީ ބަލާށޭ.

މިއީ ރަނގަޅު ކަމެއް ނޫނެވެ. އަހަރެން މިތަނަށް އަންނާކަށް ނުޖެހެއެވެ. މި ކަނޑުގެ އަނެއް ފަރާތުގައި (އަހަރެންގެ ރަށުގައި) އަހަރެން ހުންނާން ޖެހެނީ އިސްކޫލުގައެވެ. އެކަމަކު ކަލޭމެން އެންމެން މިތަނަށް އައިސް ތިޔަ ތިބީ އަހަރެމެން ޒުވާނުންގެ ގާތަށް އުއްމީދަކަށް އެދިގެންނެވެ. ލަދެއް ފަހެ ނުގަނޭ ހެއްޔެވެ!

ކަލޭމެން ތިޔަ ތިބީ ހޮޅި ވާހަކަތަކެއް ދައްކައިގެން އަހަރެންގެ ހުވަފެންތަކާއި ޅަފުރާ ފޭރިގެންފައެވެ. އެކަމަކުވެސް އަހަރެން ހިމެނެނީ ނަސީބުވެރިންގެ ތެރޭގައެވެ. (ތިމާވެށިގެ މައްސަލަތައް މަދު ގައުމެއްގައި ދިރިއުޅޭތީއެވެ.) (އެހެން) މީހުން ގަނަތެޅެނީއެވެ. (އެހެން) މީހުން މަރުވަނީއެވެ. މުޅި އީކޯސިސްޓަމް އިނދަޖެހެނީއެވެ. އަހަރެމެން މިތިބީ ބައިގަނޑުގަނޑަށް ނެތެމުން ގޮސް ފަނާވުމުގެ މަގުމަތީގައެވެ. އެކަމަކު ކަލޭމެން ތިޔަ ދައްކަނީ ފައިސާގެ ވާހަކައާއި އިގްތިސާދީ ތަރައްގީގެ ފުލޯކު ވާހަކައެވެ. ލަދެއް ފަހެ ނުގަނޭ ހެއްޔެވެ!

މީގެ ތިރީސް އަހަރުން ފެށިގެން ސައިންސު ބުނަމުން (ތަކުރާރު ކުރަމުން އަންނަ) ވާހަކަތައް ނުހަނު ސާފެވެ. (ސައިންސުން ދައްކާ) މިސްރާބަށް ފުރަގަސް ދިނުމަށް ފަހު ސިޔާސީ މަސައްކަތާއި ޙައްލަކާ ދިއުމުގެ ވިސްނުމުގެ ހިލަމެއް ނެތް އިރުވެސް ތިމަންމެން އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމޭ ބުނާކަށް ލަދެއް ނުގަނޭ ހެއްޔެވެ؟

އަހަރެމެންގެ ވާހަކަތަކުގެ އަޑު އެބަ އިވެޔޭ، ވަގުތުން ފިޔަވަޅު އެޅުމުގެ މުހިއްމުކަން އިހްސާސް ކުރެވެއޭ ކަލޭމެން އެބަ ބުނަމުއެވެ. އަހަރެން ކިތަންމެ ދެރަ ވެފައި ނުވަތަ ރުޅި އައިސްފައި ހުއްޓަސް (ކަލޭމެންގެ) މިވާހަކަ ގަބޫލު ކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެހެނީ ހާލަތު ރަނގަޅަށް ވިސްނި ދޭހަ ވުމާއެކުވެސް (އެކަށޭނަ) ފިޔަވަޅެއް ނާޅާ ތިބޭ ނަމަ ކަލޭމެން ހިމެނެނީ ވިޔާނުދާ މީހުންގެ ތެރޭގައެވެ. އެއީ އަހަރެން ގަބޫލުކުރާ ކަމެއް ނޫނެވެ.

މިހާރު ވައިގައި ހިފައިފައިވާ ވިސްނުމަކީ ވިހަ ގޭސް ޖައްވަށް ދޫކުރާ މިންވަރު 10 އަހަރުގެ ތެރޭގައި ދެބައިކުޅައެއްބަޔަށް މަދު ކުރުމުގެ ވިސްނުމެވެ. މި ވިސްނުމުގެ ސަބަބުން އަހަރެމެންނަށް 1.5 ޑިގްރީ ސެލްސިއަސްގެ ފިނިކަމުގައި ތިބުމުގެ ފުރުސަތު 50 އިންސައްތައަށް ލިބިގެންދާނެއެވެ. އަދި އިންސާނުންނަށް ކޮންޓްރޯލު ކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާފަދަ ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ތަކުރާރުވަމުން ދާނެއެވެ.

50 އިންސައްތައަކީ ކަލޭމެން ގަބޫލުކުރާ ހެޔޮ މިންވަރެއް ކަމުގައި ވެދާނެއެވެ. އެކަމަކު (ކަލޭމެން ވިސްނާފައިވާ) މިންވަރުގެ ތެރޭގައި ކުދިކުދި ހާދިސާތައް ބޮޑެތި ވަމުން ގޮސް ބޮޑު ނުރައްކަލަކަށް ވެދާނޭ ފަދަ ހާލަތުގައި ހުރި ތަންތަނާއި، މެދުކެނޑުމެއްނެތި ހޫނުކަން އިތުރުވަމުންދާ ގިނަ ތަންތަނާއި، ހަމަ ލޮލަށް ނުފެންނާތީ ނޭނގޭ ފަދަ ގޮތަކަށް ޖައްވު ނުސާފުވަމުންދާ ދިއުމާއި، ތިމާވެށީގެ މައްސަލަތަކުގައި ހަމަހަމަކަމާއި އިންސާފު ގާއިމު ކުރުމެއް ނުހިމެނެއެވެ.

ނުވެސް ހައްދަވައޭ ބުނެވިދާނޭ ފަދަ ޓެކްނޮލޮޖީއަކާއެކު ކަލޭމެން ބުރަވަނީ މިހާރުވެސް (ޖައްވުގައި ހުރި) އެތައް ބިލިއަން ޓަނެއްގެ ކާބަންޑައިއޮކްސައިޑް ބޭނުން ކުރަމުން ގެންދާ އަހަރެމެންގެ ނަސްލުގެ މައްޗަށެވެ.

އެހެންވީމާ 50 އިންސައްތަ ހިރާހަކީ އަހަރެމެން ގަބޫލު ކުރާ ކަމެއް ނޫނެވެ. ސަބަބަކީ އެ ހިރާހުގެ ނަތީޖާއާއެކު ދިރިއުޅޭން ޖެހޭ ބަޔަކީ އަހަރެމެން ކަމުގައި ވުމެވެ.

މިއީ އާދަވެގެން ކަންތައް ކުރާ އުސޫލުތަކުގެ މަތީން ކަންތައްތައް ކޮށްގެންނާއި ބައެއް ފަންނީ ހައްލުތަކުގެ ބޭނުން ކޮށްގެން ހައްލު ކުރެވިދާނޭ ކަމެއް ކަމަށް ހެދިގެން އުޅޭކަށް ކަލޭމެން ފަހެ ލަދެއް ނުގަނޭ ހެއްޔެވެ؟

މިއަދު ވިހަ ގޭސް ޖައްވަށް ބޭރުކުރާ ނިސްބަތަށް ބަލާނަމަ، މިހާރު ހުރި ކާބަންޑައިއޮކްސައިޑް އަށް އަހަރާ ބަޔަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި މުޅީން ހުސް ވާނެއެވެ.

މި ތަފާސް ހިސާބުތަކަށް ބަލައިގެން ހަދާފައިވާ އެއްވެސް ކަހަލަ ހައްލެއް މިއަދަކު މިތަނަކުން ނުފެނެއެވެ. ސަބަބަކީ އެއީ (ކަލޭމެނަށް) ކަމުނުދާ ކަހަލަ އަދަދުތަކެއް ކަމުގައި ވުމެވެ. (އެހެންވީމާ އެ އަދަދުތަކުގެ މައްޗަށް ބަލައިގެން އެއްވެސް ކަމެއް ނުކުރަނީއެވެ.) ސީދާ ކަންތައްތައް އޮތް ގޮތް ހާމަ ކުރާ ވަރަކަށް އަދިވެސް ކަލޭމެން ބޮޑެތި ނުވަނީ ހެއްޔެވެ؟

ކަލޭމެން ތިޔަ ވަނީ އަހަރެމެންނަށް އޮޅުވައިލާފައެވެ. (މިހާރުގެ) ޒުވާނުންނަށް ކަލޭމެންގެ މަކަރުވެރިކަން އެނގޭން ފަށައިފިއެވެ. ކުރިމަގުގެ ނަސްލުތަކުގެ ލޯ ހުއްޓިފައި ވަނީ ކަލޭމެންގެ މައްޗަށެވެ. މަކަރު ހެދުން ހުއްޓާ ނުލައިފިއްޔާ މި ބުނަނީއެވެ. އަހަރެމެން ކަލޭމެނަކަށް މައާފެއް ނުކުރާނަމެވެ.

ކަލޭމެން ތިޔަ ހަދާ މަކަރާއެކު ބޯ ދަމައިގަނެގެން ދިޔަޔަކަ ނުދޭނަމެވެ. އަހަރެމެން ހަމަ މިއަދު (އަހަރެމެން ކެތްތެރިވާނޭ) ހައްދު މި ކަނޑައަޅަނީއެވެ. ދުނިޔެ ހޭލަނީއެވެ. ކަލޭމެން ރުހުނަސް ނުވަތަ ނުރުހުނަސް (ޢާއްމުންގެ ވިސްނުމަށް) ބަދަލު އެބަ އާދެއެވެ.

ޝުކުރިއްޔާ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.