ބ. އަތޮޅު ފެހެންދުއާއި ހިތާދޫގައި ގެންގުޅޭ ޖަނަވާރުތަކުގެ ޞިއްޙީ ޙާލަތުބަލައި ބަލި ޖަނަވާރުތަކަށް ފަރުވާ ދީފި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގުރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.
އެ ޖަނަވާރުތަކަށް ފަރުވާ ދީފައިވަނީ ސެޕްޓެމްބަރު 23 އިން 26 އަށް އެ ދެރަށުގައި ހިންގި އެނިމަލް ޕެސްޓް އެންޑް ޑިޒީސް ސަވައިލެންސް ޕްރޮގްރާމުގެ ދަށުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެ ދެރަށަކީ ބަކަރި އަދި ކޯލިދޫނީގެ ބާވަތްތައް ގެންގުޅެ ވިއްސާ އާލާކޮށްގެން އާމްދަނީ ހޯދާ ދެ ރަށް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. އެ ޕްރޮގްރާމް ތެރޭގައި ކޯލިދޫންނަށާއި ބަކަރިއަށް ޢާއްމުކޮށްޖެހޭ ބަލިތަކާއި އެބަލިތައް ދެނެގަންނާނެ ޢަލާމާތްތައް ކިޔައިދީފައިވެއެވެ. އަދި ފާމްތައް ވެސް ވަނީ އިންސްޕެކްޓް ކޮށްފައެވެ. އެދެރަށުން ވަނީ ޖުމްލަ 4 ފާމް އިންސްޕެކްޓްކޮށްފައެވެ.
ފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސެމްޕަލް ނެގުމަށްފަހު ބަކަރިއަށްޖެހޭ ބައްޔެއް ކަމަށްވާ ފުޓު އެންޑް މައުތު ޑިޒީސް (އެފްއެމްޑީ) އަށް ޓެސްޓް ކޮށްފައިވެއެވެ. އޭގެ އިތުރަށް ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯ ސެކިއުރިޓީ) ހާލަތު ބަލައި ރަނގަޅުކުރަންވީ ކަންތަކާއި ބެހޭގޮތުން އެ ގެންގުޅޭ މީހުންނަށް ލަފާދެއްވާފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
އެ ޕްރޮގްރާމުގެ ދަށުންވަނީ އެ ދެ ރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސް ހިސާބު ނަގައިފައެވެ. އެ ޕްރޮގްރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްރަށުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.