ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 22 ސެޕްޓެމްބަރ 2019 ގައި 'ގަރލްސް ޓު ކޯޑް' ނަމުގައި ޓްރެއިނިންގ ސީރީޒް އެއް ފުވައްމުލަކުގައި ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ދެމެދު ވެފައިވާ އެއްބަސް ވުމުގެދަށުން ހިންގާ މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ އަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
"ގަރލްސް ޓު ކޯޑް" ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ވެބް ޑިވެލޮޕްމަންޓް ނުވަތަ ކޯޑު ކުރުމަށް ޝައުގުވެރިކަން ހުންނަ އަންހެން ކުދިންނަށެވެ. މި ޓްރެއިނިންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ހޯދުމަށް ފުވައްމުލަކުގެ ހާފިޒް އަހްމަދު ސްކޫލް، މަދަރަސަތުލް ޝައިޙް މުހައްމަދު ޖަމާލުއްދީން ސްކޫލް، ފުވައްމުލަށް ސްކޫލް އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒާއި ޕޮރްގްރާމާއި ބެހޭ މަޢުލޫމާތު ހިއްސާ ކުރެވިފައިވެއެވެ. އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖު ތަކުން 12 ސެޕްޓެމްބަރ 2019 އިން ފެށިގެން ޕްރޮގްރާމްގައި ރެޖިސްޓްރީ ވުމަށް އޮންލައިން ފޯމް މެދުވެރިކޮށް އެޕްލައި ކުރެވޭގޮތް ވަނީ މަގުފަހިކޮށްފައެވެ. 2 މަސް ދުވަހުގެ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. 20 ކުދިންނަށް އަމާޒުކޮށްގެން ފައްޓާ މިޕްރޮގްރާމްގެ ޖާގަ ފުރުމުން 22 ސެޕްޓެމްބަރު ގައި ފުވަށްމުލަކުގައި ކޯސް ފެއްޓުމަށް ކަނޑައެޅިފައިވެއެވެ.
"ގަރލްސް ޓު ކޯޑް" ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން އަމިއްލައަށް ވެބްސައިޓެއް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭވޭނެއެވެ. އަދި ކްލާސްރޫމުގައި ނަގާދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައެވެ.
ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްޤީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، "ގަރލްސް ޓު ކޯޑް" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތަޢާރަފުކުރުން ވަރަށް މުހިންމުކަމަށެވެ.
ދިރާގު ގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ޚާއްޞަ އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެކެވެ.
މިޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު، ސީރީސްގެ އެހެން ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައިވެސް ހިންގުމަށް ވަނީ ރޭވިފައެވެ.