ބ. ކަމަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެރަށަށް އިތުރު ޖަނަރޭޓަރެއް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ފެނަކައިން ވިދާޅުވެފައިވަނީ އެރަށަށް ގެންދާނީ 250 ކޭވީ ގެ ޖަނަރޭޓަރެއް ކަމަށެވެ. "ރަށުގެ ކަރަންޓުގެ ޑިމާންޑް ބެލުމަށްފަހު ދެމެހެއްޓެނިވި ގޮތަށް ބ. ކަމަދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 250 ކޭވީ ޖަނަރޭޓަރެއް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް މިކުންފުނިން ދަނީ ކުރަމުން،" ފެނަކައިން ވިދާޅުވިއެވެ.
އެކުންފުނިން މިހެން ވިދާޅުވެފައިވަނީ އިއްޔެއާއި މިއަދު އެރަށުން ކަރަންޓު ކެނޑުމުން އެކަމާބެހޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ އިއްޔެ އެރަށުން ކަރަންޓު ދިޔައީ 250 ކޭވީގެ ޖަނަރޭޓަރުގެ ބެޓަރީ ފެއިލް ވެގެންނެވެ. އެއްމައްސަލަ ޙައްލު ކުރުމަށް ފެނަކައިންވަނީ އެރަށަށް އިންޖިނިއަރެއް ފޮނުވައިފައެވެ. އިންޖިނިއަރުގެ މަސައްކަތުން މައްސަލަ ޙައްލުކޮށް އިއްޔެ 12:00 ގައިވަނީ މުޅި ރަށަށް ކަރަންޓު ދީފައި ކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.
މައްސަލަ ޙައްލުވެފައިވަނިކޮށް މިއަދު ހެނދުނު 7:30 ގައި އެ އިންޖީނުގެ ބެޓްރީ ގޮވައި ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަ ކަމަށް ފެނަކައިން ވިދާޅުވިއެވެ. މިއަދު 12:50 ވަންދެން ރަށަށް ކަރަންޓު ދެމުން ގެންދިޔައީ ފީޑަރުތަކަށް ބަހާލައިގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ. "އަދި 12:50 އެހައިކަންހާއިރު ކަމަދޫ ގެ 180 ކޭވީގެ ދެ އިންޖީނު ރަނިންއަސް ގެނައުމަށާއި ޕެނަލް ބުރޭކަރ ބަދަލުކުރުމަށް ރައްށުގެ ރައްޔިތުންނަށް އެންގުމަށްފަހު 12:50 އިން 13:30 އަށް މުޅިރަށުން ކަރަންޓު ކަނޑާލެވިފައިވެއެވެ. ޕެނަލް މަސައްކަތް ނިމި 13:30ގައި ވަނީ މުޅިރަށަށް ކަރަންޓުގެ ޚިދުމަތް ދެވިފައެވެ." ފެނަކައިން ވިދާލުވިއެވެ. 250 ކޭވީގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ފެނަކައިގެ އިންޖީނޭރުން ބަލަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.