މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގައި،ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ކުރި ތަޙްޤިޤްގެ ރިޕޯރޓް ރަށްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބަހުސް ކުރާނެ އެވެ. އެމައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފައެވެ.
ރިލްވާން ޢަބްދުﷲ ގެއްލުވާލައިފައިވާ މައްސަލައިގެ ތަޙްޤީޤުން ރިލްވާން ޢަބްދުﷲ މަރާލާފައިވާ ކަމަށް ހެކިލިބިވާކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ޙުސްނު ސުޢޫދު ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ހޯދުނު މަޢުލޫމާތުތަކުން ރިލްވާން ޢަބްދުﷲ ކިޑްނައިޕްކޮށް މަރާލީ ސީރިއާއަށް ދިވެހިން ފޮނުވުމުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާޢތަކުން ކަން ހެނކިންގެ ހެކި ބަހުން ހޯދިފައިވާކަމަށް ކޮމިޝަންގެ ރައީސް ޝިޢޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވެފައު ވަނީ ކޮމިޝަނުން ހިންގި ތަޙްޤީޤުން މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ހުޅުމާލޭގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށް ކަމަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި ދާގަނޑެއް އޮޅާލާ އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދީ ޝަހާދަތް ކިޔުމުން މަރީލިކަމަށް ބުނާ ނަމަވެސް ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ހެކި ލިބިފައި ވިޔަސް ހެކި ބަހުގައި ފަރަގު ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.
މައްސަލައިގެ ފެށުމަކީ، 2010 ވަނައަހަރާއި 2011 ގައި މިނިވަން ފިކުރުގެ ބަޔަކާއި ޖިހާދީ ފިކުރުގެ ބަޔަކާއި ދެމެދުގައި ފެށުނު ފިކުރީ އަރާރުމެއްކަމަށް ސުޢޫދު ފާހަގަ ކުރެއްވިއެވެ. ފިކުރީ އަރާރުން ފެށުނީ ސޯޝަލް މީޑިއާއި މަޢުލޫމާތު ފެތުރުމުގެ ވަޞީލަތްތަކުގައި ނަމަވެސް އެކަން ހޫނުވެ މިނިވަން ފިކުރުގެ މީހުން މެރުމާ ހަމައަށް މިހަމަނުޖެހުން ދިޔަކަން ސުޢޫދު ފާހަގަ ކުރެއްވިއެވެ. މިވަން ފިކުރުގެ މީހުން ހާމަކޮށްފައިވާ މަޢުލޫމާތު ތަކުން އެނގޭ ގޮތުގައި އެމީހުންގެ ބޭނުމަކީ ފިކުރީ ގޮތުން ޤައުމަށް ބަދަލުތަކެއް ގެނައުން ކަމަށް ސުޢޫދު ފާހަގަ ކުރެއްވިއެވެ. ރިލްވާން ޢަބްދުﷲ ހިމެނެނީ މިނިވަން ފިކުރުގެ މީހުންގެ ތެރޭގައިއެވެ. މިނިވަން ފިކުރުގެ މީހުން ހަރަކާތްތައް ހިންގަން ފެށި ފަހުން ރިލްވާން އާއި އިތުރު ބައެއްގެ ލިސްޓެއް ހަދައި އެ މީހުން ކިޑްނައިޕްކޮށް މަރާލުމަށް ޓާގެޓްކޮށްފައިވާކަމަށް ސުޢޫދު ވިދާޅުވި އެވެ. އޭގެ ފަހުން އެމީހުން ދިޔައީ ރިލްވާންއަށް ފާރަލަމުން ކަމަށް ވިދާޅުވިއެވެ. އަދި ރިލްވާނާއި އެމީހުންނާ ދެމެދު ކުރެވުނު މުޢަމަލާތް ތަކެއްވެސް ސުޢޫދު ވަނީ ހާމަކުރައްވައިފައެވެ. އެޖަމާޢަތުގެ ހަރަކާތް ފެށިގެން ހިންގަމުންދާ ގޮތާއި އެކަމަށް ފައިނޭންސް ކުރާ ގޮތްވެސް ސުޢޫދު ވަނީ ވަރަށް ތަފްސީލްކޮށް ހާމަކުރައްވައިފައެވެ.
މި ތަޙްޤީޤަށް ފޮރިން ސިކް އެނަލިސިސްއެއްވެސް ހެދިފައިވާކަން ހާމަކުރައްވާ ސުޢޫދު ވިދާޅުވީ ރިލްވާން ޢަބްދުﷲގެ އިސްތަށިކަމަށް ޝައްކުކުރެވޭ އިސްތަށިތަކެއް އެކާރުގެ ތެރެއިން ހޯދިފައިވާ ކަމަށެވެ. އެ އިސްތަށި ރިލްވާންގެ މަންމަގެ އިސްތަށްޓާ އަޅާ ކިއުމުން އެއީ ތިމާގެ މީހުން ކަން އަދި ރިލްވާން ދަތް އުނގުޅާ ބުރުހުން ނެގި ސާމްޕަލްއާވެސް އިސްތަށްޓާ ދިމާވާކަމަށް ސުޢޫދު ވިދާޅުވިއެވެ.
"އެކާރުން ފެށުނު އިސްތަށި ރިލްވާން އާ ގުޅުން ހުރިކަމަށްވާތީ އަދި އެކާރަށް ރިލްވާންގެ މަންމައާ ތިމާގެ އެއްވެސް މީހަކު އަރާފައ ނުވާކަމަށް ހެކިންގެ ހެކިބަހުން އެނގޭތީ އެކާރުގައި އުފުލީ ރިލްވާންކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ޤަބޫލު ކުރެވޭ." ސުޢޫދު ވިދާޅުވިއެވެ.
ޔާމީން ރަޝީދު މަރާލުމަށް ރާވާ ފައިނޭންސް ކުރި މީހުންނާއި ރިލްވާން ޢަބްދުﷲ ކިޑްނައިޕްކޮށް މަރާލުމުގައި ރާވައި ފައިނޭންސ ކުރި މީހުންނާ އެއީ އެއްބައެއް ބައެއް ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލައިގައި އަލަށް ހޯދުނު ހެކިތަކުން ހަތަރު ފަސް މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނެކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި އިތުރު ހެކި ލިބިއްޖެނަމަ އިތުރަށް ވިސްނަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލައިގައި ހެކިބަސް ދިނުމަށް ހަރުކަށި ފިކުރުގެ މީހުން އިންކާރު ކުރާތީ ހެކި ހޯދުމަށް ދަތިވާކަން ސުޢޫދު ފާހަގަ ކުރެއްވިއެވެ.