ރިޟްވާން ޢަބްދުﷲގެ މަރާ ގުޅޭ ރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރުން އަތުން އަނބުރާ އަތުލާފައި ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިކަންހާކުރައްވައިފައި މި ވަނީ ޕީޖީ ލީޑަރުންގެ އަތުން އެރިޕޯރޓް އަތުލައިފައިވާ ކަމަށް ޚަބަރު ފެތުރިފައި ވަނިކޮށެވެ. މިކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން ކުރި ޓްވީޓެއްގައެވެ.
މަޖިލީހުގެ ޕީޖީ ލީޑަރުންނަށް އެ ރިޕޯރޓް ލިބުމުން ބައެއް ސިޔާސީ ފާރާތްތަކުން ދަނީ ހިތް ހަމަ ނުޖެހުން ފާޅުކުރައްވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުންވެސް ހިމެނިވަޑައި ގަންނަވައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯރޓް ހުށަހެޅި މިހާރު ވަނީ ބަހުސްވެސް ފަށްޓަވައިފައެވެ. އަދި ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން، ހުށަހެޅުންތަކެއް ހުށަހެޅި ވަނީ ތާއީދުވެސް ލިބިފައެވެ.
ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ވަނީ މި މައްސަލައިގައި ތިން ހުށަހެޅުއްވުމެއް ހުށަހެޅުއްވައިފައެވެ. ފުރަތަމަ ހުށަހެޅުއްވުމަކީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުންގެ ރިޕޯރޓް ދިރާސާކުރުމަށްފަހު ފުލުހުންގެ ޤާނޫނާއި ކަމާބެހޭ އެހެން ޤާނޫނުތައް ދިރާސާކޮށް އެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް އެ އިސްލާޙުތައް ގެނައުމެވެ. ދެވަނަ ހުށަހެޅުމަކީ ރިޕޯރޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށްޓަކައި އެކަމަށް ޚާއްޞަ އިޖުރާތުތައް ކަނޑައަޅައި އެ އިޖްރާތުތައް ޤާނޫނެއްގެ ސިފައެއްގައި ގެނައުމެވެ. ތިން ވަނަ ހުށަހެޅުމަކީ ރިޕޯރޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ކުރިއަށްދާ ގޮތް ބަލައި އެކަން ދިރާސާކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެކުލަވާލެއްވުމެވެ. މި ހުށަހެޅުންތަކަށް ފޭދޫ ދާއިރާގެ މެމްބަރ މުޙައްމަދު ނިހާދު ވަނީ ތާއީދު ކުރައްވައިފައެވެ. މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި މި މައްސަލައާ މެދު ގޮތެއް ނިންމަވާނެއެވެ.