ޝަރީޢަތުގައި ރައީސް ޔާމީނާއި އަދީބާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރައްވައިފި

ރައީސް ޔާމީނާ ދެކޮޅަށް ހިންގޭ މަނީ ލޯންޑްރިންގެ ތުޙުމަތުގެ ޞަރީޢަތުގެ، މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީނާއި އެމަނިކުފާނާ ދެކޮޅަށް ހެކި ބަސް ދެއްވުމަށް ދައުލަތުން ހުށަހެޅި ހެކިވެރިޔާ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރައްވައިފި އެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބާ، ސުވާލު ކުރެއްވުމަށް ރައީސް ޔާމީނަށް ލިބިވަޑައިގެނެވި ފުރުޞަތުގައި ރައީސް ޔާމީން ވިދާޅުވީ އަނިޔާވެރި ސަރުކާރަކުން ވަރަށްގިނަ އަނިޔާލިބިވަޑައިގެންނެވިކަމަށް ވިދާޅުވެފައި ވުމާގުޅިގެން، ހިތްބުރަމެއް ނުވަތަ ހިތް ނުތަނަވަސް ކަމެއް އެއްވެސް ފަރާތަކާ ދޭތެރޭގައި އެބަ އޮތްތޯ އަދީބާ ސުވާލުކުރައްވައިފައެވެ. އަދީބު ވިދާޅުވީ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަނީ އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް އަދި ހިތްބުރަ ކަމެއްވެސް، އެއްވެސް ފަރާތަކާ މެދު ނެތިކަމުގައެވެ. "އަޅުގަނޑަކަށް ނޭނގޭ ސިދާ އަނިޔާ ދެއްވި ކޮންބައެއްކަމެއް. އަޅުގަނޑުވާނީ ހިތުގެ އަޑިން އެ އަނިޔާ ދެއްވި ހުރިހާ ފަރާތްތަކަށްވެސް، ހުދު ރައީސް ޔާމީނަށްވެސް ހިތުގެ އަޑިން މަޢާފްކޮށްފައި އެއް ވެސް ޒާތީ ކަމެއް ހަޞަދަވެރިކަމެއް ނެތް އެއްވެސަ ފަރާތަކަށް" ޝަރީޢަތުގެ މަޖިލީހުގައި އަދީބް ވިދާޅުވިއެވެ.

ހެކި ބަސް ދެއްވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ މުޢާމާލަތްތައް ކުރައްވަމުން ގެންދެވީ ރައީސް ޔާމީނަށް އެނގިވަޑައިގެން ރައީސް ޔާމީން އެންގެވި ގޮތަށް ކަމުގައެވެ. ނަމަވެސް އެވާހަކަ ތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިފދާޅުވީ އެމަނިކުފާނު އެމްއެމްޕީއާރްސީގެ ބޯޑަށް މެމަބްރުން އައްޔަން ކޮށް އެފަދަ ކަންކަން ކުރުމަކީ އެމްއެމްޕީއާރުސީން ކުރާ ހުރިހާ މުޢާމަލާތެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނޫން ކަމުގައެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ އެމްޕީޕީ އާރުސީ ގެ ޚިޔާނާތާ ގުޅިގެން އެނގިހުރި ހުރިހާ މަޢުލޫމާތެއް ވިދާޅުވެދެއްވަން ބޭނުންފުޅުވާކަމުގައެވެ.

"އަޅުގަނޑު ބޭނުންވޭ މިއަދު ދައުލަތަށް ކިޔައިދޭން، އަޅުގަނޑަށް އޯޑަރުދެއްވި ފަރާތާއި އެކަމުގެ މުގުލުގައި ހުރި ފަރާތާއި އެފައިސާ ބޭނުންކުރެވުނު ގޮތް" އަދީބު ވިދާޅުވިއެވެ.

ޝަރީޢަތުގައި ދެއްވާ ހެކި ބަހުގެ ސަބަބުން އިތުރު ދައުވާއެއް އައި ކަމުގައި ވިޔަސް ހަޤިގަތް ހާމަކޮށްދެއްވަން ބޭނުންފުޅު ކަމަށް އަދީބު ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ފައިސާ ހިފައިގެން ޔާމީންގެ ގެޔަށް އެސްއޯއެފްގެ އިސްމީހުން ދިޔަ، ޔަކަމަށްވެސް އަދީބު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެއީ އަދީބް ހެއްދެވި އިތުރުފުޅެއްކަމުގައެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އެސްއޯއެފްގައި ކެމްޕޭން ފައިސާ ނުހުންނާނެ ކަމަށާއި ޔާމީން ވާހަކަ ދައްކަވާ ގޮތުން އެމްއެމްޕީއާރްސީގެ ފައިސާއަކީ ކެމްޕޭން ފައިސާކަމަށް ސިފަ ކުރެއްވޭ ކަމުގައެވެ.

ގއ. ވޮޑެމުއްލާ އިކިއުޒިޝަން ކޮސްޓްގެ ފައިސާގެ ޗެކް އެމްއެމްޕީއަރުސީގެ މެނޭޖިން ޑިރެކްޓރ އަދިބާ ހަވާލިކުރެއްވިތޯ، ރައީސް ޔާމީން އަދީބާ ސުވާލު ކުރެއްވުމުން އަބީދު ވިދާޅުވީ، ރައީސް ޔާމިންގެ ލަފާފުޅުގެ މަތިން އެފައިސާ ޖަމާކޮށްފައިވަނީ، އެމަނިކުފާނު، ރައީސް ޔާމީންގެ އެކައުންޓަށް ކަމުގައެވެ.

"އަޅުގަނޑަށް ރައީސް ޔާމީން ނޫންތޯ ލަފާ ދެއްވަނީ، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯ އެފްގެ އެކައުނޓަށް ޖަމާކުރުމަށް" އަދީބު ވިދާޅުވިއެވެ.

ރައިސް ޔާމީން އަންގަވައިގެން ޤާނޫނާ ޚިލާފް ކަންތައްތަކެއް ކުރެއްވިކަމަށް އިޢުތިރާފްވެވަޑައިގަންނަވަނީތޯ، ރައީސް ޔާމީން އަދިބާ ތަކުރާރުކޮށް ސުވާލުކުރެއްވުމުން، އަދީބު ވަނީ ޝަރީޢާތުގެ މަޖިލީހުގައި އެކަމަށް އެއްބަސްވެ އިޢްތިރާފްވެވަޑައިގެންފައެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވައިފިނަމަ ވިހަދީ މަރާލާނެ ކަމުގެ އިންޒާރު އެމަނިކުފާނަށް ދެއްވައިފައިވާކަމުގައެވެ. އަދި އެކަން، ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ އަޅުގަނޑަށް އެބަހުއްޓޭ ވަރަށް ބޮޑެތި ތްރެޓްތައް. ޚާއްޞަކޮށް މިއަދު މި ހެކިބަސް ދޭތީވެސް އަޅުގަނޑަށް އެބަހުރި ވަރަށް ބޮޑެތި ތްރެޓްތައް. އަޅުގަނޑު ޖަލުގައި މަރާލާނެކަމަށް ވިހަދާނެކަމަށްވެސް އެބަހުރި ތްރެޓްތައް" ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވިއެވެ.

ވޮޑަމުއްލާގެ އިކުއުޒިޝަން ކޮސްޓްގެ ގޮތުގައލިބުނު އެއް މިލިއަން ޑަލަރު، ޔާމީންގެ އެކައުންޓަށް ޖަމާކުރިމައްސަލައިގައި ތަހުގީގުގައި، އަދީބާ ސުވާލުކޮށްފައި ނެތުމުން، އެމައްސަލައިގައި އަދީބަށް ހެކިބަސް ދެއްވޭނެކަމަށް ދެކެވަޑައި ނުގަންނަވާކަމަށް މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވަމުން އަދީބު ވިދާޅުވީ އެމަނިކުފާނު ހެއްކަކަށް "ރެލެވެންޓް" އެކަށީގެންވަނީ ، ރައީސް ޔާމީން އެކަމަށް އެމަނިކުފާނު ރެލެވެންޓް ކުރެއްވުމުން ކަމަށެވެ. އަދި ރައީސް ޔާމީން ސަލާމަތްވެ ވަޑައިގެންނެވުމަށް ކެޕްޕޭނު ފައިސާއޭ ވިދާޅުވެ އަދިބު ގެ ބޮލަށް އެމައްސަލް ޖައްސަވަނީ ކަމަށް ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ފުލުހުން އެމަނިކުފާނާ ސުވާލުކުރެއްވީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ ކެމްޕޭން ފައިސާތޯ ކަމަށެވެ.

މިއަދުގެ ޝަރީއތުގައި އަދީބުގެ ހެކިބަސް ނަގައި ވަނީ ނިންމަވައިފައެވެ.

ނަމަވެސް އަދީބު ޝަރީޢަތަށް ހާޒިރު ކުރެއްވުނީ ކަނޑައެޅިފައިވާ ވަގުތަށްވުރެ 40 ހަކަށް މިނެޓް ފަހުންނެވެ. ހެކިބަސް ނެގުމަށް ޓަކައި އަދީބު ހާޒިރު ކުރުމަށް ކަނޑައަޅައިފައި އޮތި 11:00 ގައެވެ. ނަމަވެސް11:30 ވީ އިރުވެސް އަދީބު ޝަރީއަތުގެ މަޖިލީހަށް ހާޒިރު ނުކުރައްވުމުން އަދީބު ހާޒިރު ކުރެވެންދެން މިއަދުގެ ޝަރީޢަތުގެ މަޖިލީސް މެދު ކަނޑާ ލެއްވިއެވެ. ޔާމީނާ ދެކޮޅަށް ދައުލަތުގެ ފަރާތުން ފުރަތަމަ ހުށަހެޅި ހެކި ކަމުގައިވާ އޭސީސީގެ ކުރީގެ ނާއިބް ރައީސް މިހާރުގެ ރައީސް މުޢައްވިޒު ރަޝީދުގެ ހެކިބަސް ނަގާ މިއަދު ވަނީ ނިންމަވައިފައެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ އިތުރު ހެކި ތަކުގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތާއި ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒާއި ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި މުހައްމަދު ވަސީމް އިސްމާއިލް ކިޔާ ބޭފުޅަކު ހިމެނެއެވެ. މިހެކިންގެ ތެރެއިން ޒިއަތުގެ ހެކިބަސް ނެގުމަށް މިއަދު، އިތުރު އަޑު އެހުމެއްވެސް ބާއްވާނެ ކަމަށް އިސް ޤާޒީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރައްވަމުން ގެންދަވަނީ އެސްކްރޯ އެގްރިމެންޓާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭވިން އެކައުންޓަގައި ހުރި ތުޙުމަތުކުރެވޭ އެއްމިލިއަން ޑޮލަރު އެ ބޭންކުގައި ހުޅުވައިފައިވާ ރައީސް ޔާމީންގެ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށްފައިވާތީއެވެ. އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އެކައުންޓުން ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.