މޮސްކޯގެ ޒުކޯވްސްކީ އިންޓަނޭޝަނަލް އެއާޕޯޓުން ކްރައިމިއާގެ ސިންފެރޮޕޯލްއަށް ފުރި ރަޝިޔާގެ މަތިންދާބޯޓެއް ދޫނި ބައިގަނޑެއްގައި ޖެހުމުން ކުއްލި ހާލަތުގައި ކައިރީގައި އޮތް ޒުވާރި ދަނޑަކަށް ޖައްސައިފިއެވެ.
234 މީހުންނާއެކު ފުރި ޔުރާލް އެއާލައިންސް އެއާބަސް 321 މަރުކާގެ މަތިންދާބޯޓު ޖެއްސީ އެއާޕޯޓާ މާދުރު ނޫން ހިސާބެއްގައެވެ.
ޔުރާލް އެއާލައިންސްގެ ޓުވިޓާގައި ބުނެފައިވާ ގޮތުގައި އެ އެއާލަނުގެ ފްލައިޓު ޔޫ6178 ކުއްލި ހާލަތުގައި ޖެއްސީ ދޫނި ބައިގަނޑެއް ބޯޓުގައި ޖެހިގެން ދޫނިތަކެއް ބޯޓުގެ އިންޖީނުގެ ތެރެއަށް ވަދެ ދެ އިންޖީނުވެސް ހުއްޓުމުންނެވެ. އަދި މަތިންދާބޯޓު ޖެއްސީ އެއާޕޯޓާ އެއް ކިލޯމީޓަރު ދުރުގައި އޮތް ދަނޑަކަށެވެ.
އިންޖީނު ނިވާލައިގެން، ފުރޮޅު ތިރިނުކޮށް ޖެއްސި މަތިންދާބޯޓުން ދަތުރުކުރި މީހުންގެ 23 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އެކަކުގެ ހާލު ދެރަކަމަށް ބައެއް ފަރާތްތަކުން ޚަބަރުދީފައި ވެއެވެ. ރަޝިޔާގެ ބައެއް ނޫސްތަކުން ވަނީ އެ ހާލަތުގައި ކާމިޔާބުކަމާއެކު ޖައްސާފައިވާތީ އެ ބޯޓުގެ ކެޕްޓަން ޑަމީރް ޔުސުޕޯވަކީ ބަޠަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކުއްލި ހާލަތުގައި ޖެއްސި މަތިންދާބޯޓުން ދަތުރުކުރި މީހަކު ބުނީ އުދުއްސާލި ފަހުން އިރުކޮޅެއްގެ ތެރޭގައި ބޯޓު ވަރަށް ބޮޑަށް ތެޅެން ފެށިކަމަށެވެ. ދެން އެއްޗެއް އަނދާވަސް ދުވަން ފެށި ކަމަށް.
ރަޝިޔާގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ވަނީ މި މަތިންދާބޯޓު ޖެއްސުމަކީ 2009 އަހަރު ޔޫއެސް އެއާވޭޒްގެ ފްލައިޓް 1549 ހަޑަސަން ކޯރަށް ޖެއްސުން ފަދަ ކަމެއް ކަމުގައި ސިފަކޮށްފައެވެ.
ރަޝިޔާގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ގަލް ދޫނީގެ ބައިގަނޑެކެވެ. ގަލް އަކީ ގާތް ގަނޑަކަށް ދެ ފޫޓަށް ބޮޑުވާ، 1.5 ގެ ބަރުދަން ހުންނަ ދޫންޏެކެވެ.