މިއަދަކީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހެވެ. ޒުވާނުންގެ ދުވަސް އެންމެ ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޯގަސްޓު މަގުގެ 12 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރާން ނިންމާފައި ވަނީ 1999 ވަނަ އަހަރު ބޭއްވި އަލިފުދާލުގެ ޖެނެރަލް އެސެމްބްލީގައެވެ. މިއީ ގައުމެއްގެ ތަރައްގީގައި ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ދައުރު ހަނދާންކޮށް، ޒުވާނުން ބާރުވެރި ކުރުވުމާއި، ކުރިމަތިވާ ގިންޖެހުންތަކަށް ޒުވާނުން އަހުލުވެރި ކުރުވުމުގެ ބޭނުމުގައި ފާހަގަ ކުރާ ދުވަހެކެވެ.
ދުނިޔޭގެ އާބާދީއަށް ބަލާއިރު އުމުރުން 10 އަހަރާއި 24 އަހަރާ ދެމެދުގެ ކުދިންގެ އާބާދީއަކީ 1.8 ބިލިއަނެވެ. މިއީ މިހައި ތަނަށް ދުނިޔޭގެ ތާރީޚުގައި މި އުމުރުފުރާގެ ކުދިންގެ އަދަދު އެންމެ ގިނަވީ އަހަރެވެ. އުމުރުން 6 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ގިނަ ކުދިން ސުކޫލަށް ދެއެވެ. އެކަމަކު ދެބައިކުޅަ އެއްބައި ކުދިންނަކަށް ކިޔާކަށް ނޭނގެއެވެ. ގުނާކަށް ނޭނގެއެވެ. މިއީ ޒުވާން އުމުރަށް އަޅަައިގަންނަ ކުދިންގެ ފެންވަރު ދެރަ ވާން މެދުވެރިވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.
މިއަހަރުގެ ޒުވާނުގެ ދުވަހުގެ ޝިއާރެއް ކަމަށް ކަނޑައަޅާފައި ވަނީ "ޓްރާންސްފޯރމިންގ އެޑިއުކޭޝަން" އެވެ. މިއީ ތައުލީމީ ހަރަކާތްތަކާއި ތައުލީމުގެ ފުރުސަތުތައް ފޯރުކޮށް ދިނުމުގެ އުސޫލުތަކަށް ޒަމާނީ ބަދަލުތައް ގެނެސް، އައު ޚިޔާާލުތަކާއި ތަދުބީރުތަކާއެކު ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި ކަނޑައަޅާފައިވާ ޝިއާރެކެވެ.
އަލިފުދާލުން ވަނީ "ސަސްޓެއިންއެބްލް ޑެވެލޮޕްމެންޓް އެޖެންޑާ" (ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ) ގެ ނަމުގައި 2030 ވަނަ އަހަރާ ހަމައަށް ކަނޑައެޅޭ 17 އަމާޒެއް 2015 ވަނަ އަހަރު ވަނީ ހަމަޖައްސައިފައެވެ. މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ އޭގެ ތެރޭގައި ހިމެނޭ އަމާޒެކެވެ. އެއީ އެ އެޖެންޑާގެ 4 ވަނަ އަމާޒެވެ. އަމާާޒުގެ ބޭނުމެއް ކަމަށް ކަނޑައަޅާފައި އޮތީ 2030 ވަނަ އަހަރާ ހަމައަށް ވާސިލު ވެވޭއިރު ހުރިހައި އުމުރު ފުރައަކާއި ފެންވަރަކާއި ހާލަތެއްގެ މީހުނަށް ތައުލީމުގެ ފުރުސަތު އެއްވަރެއްގައި އެއް ފެންވަރަކަށް ފޯރުކޮށްދިނުމާއި އުމުރު ހުސްވާންދެން އެންމެންނަށްވެސް ކިޔެވުމުގެ ފުރުސަތު ހުޅުވިފައި އޮންނާނޭ ފަދަ ގޮތަކަށް ހަމަޖެއްސުމެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ބޭނުމުގެ ތެރޭގައި ސަރުކާރުތަކުންނާއި ޒުވާނުން ހިންގާ ޖަމއިއްޔާތަކުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޖަމްއިއްޔާތަކުންނާއި މި ނޫނަސް ޒުވާނުންނާ ގުޅުން ހުރި ފަރާތްތަކުން ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށާއި އެންމެންނަށް އެއްވަރަކަށް ތައުލީމީ ފުރުސަތު ލިބޭނޭ މަގު ފަހި ކުރުމަށްޓަކައި ކުރާާ މަސައްކަތްތައް މުއާއިނާާ ކުރުމެވެ. ބޭނުމަކީ 2030 ގެ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ ގެ މަގުސަދުތައް ހާސިލު ކުރުމަށް މަގުކޮށުމެވެ.
އެންމެނަށް އެއް މިންވަރަކަށް ހުޅުވައިލެވޭ ތައުލީމީ ފުރުސަތުތަކަކީ ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރުމަށާއި ދެކޮޅުވެރިކަމާއި އަރައިރުންތައް ނައްތައިލުމަށް ބާރު ލިބޭ ކަމެކެވެ. އަލިފުދާލުގެ އެޖެންޑާގެ 17 އަމާޒަށްވެސް ފައިދާ ކުރުވަނިވި ކަމަކަށް ތައުލީމުގެ ފުރުސަތުތައް ވީހައިވެސް ބޮޑަކަށް ހުޅުވިފައި އޮތުން ވާނޭ ކަމަށް އެ ޖަމްއިއްޔާއިން ދެކެއެވެ. ފަގީރުކަން ނައްތައިލުމާއި، ދުޅަހެއު ދިރިއުޅުމާއި، މިންތީގެ ހަމަހަމަކަމާއި، އަބުރުވެރި މަސައްކަތުގެ މާހައުލާއި، ތަރައްގީގެ ފުރުސަތުތަކާއި، ނަސްލީ ތަފާތުކުރުން ނައްތައިލުމާއި، ތިމާވެށީގެ ހޭލުންތެރިކަން ފަދަ ކަންކަމަކީ ތައުލީމުގެ އެހީގައި ކުރިއަށް ގެންދެވޭނޭ މުހިއްމު ކަންތައްތަކެވެ. ތައުލީމު އާއްމު ކުރުމުގެ ނަތީޖާއަކަށް ވާނީ ފިޔަވަޅު އެޅުމާއި ކަންތައްތައް ގޮތްގޮތަށް ނިންމުމުގައި ހަރުދަނާކަން އެކުލެވުމެވެ. ކުރަނީ ކީއްކަން ދަނެގެން ކަންތައްތައް ކުރާން ފުރުސަތު ލިބުމެވެ.
ފުރިހަމަ ތައުލީމެއްގެ ސަބަބުން ޒުވާނުންނަށް ލިބޭ ފައިދާތަކަކީ އެންމެން ދަންނަ އާއްމު ކަމެކެވެ. އެނގުން ކުޑަ ކަމަކީ ތައުލީމު ދިނުމާއި ފުރުސަތު ހުޅުވައިލުމުގައި ޒުވާނުންގެ ދައުރެއް އޮންނަ ކަމެވެ. ޒުވާނުންގެ ބައިވެރިވުން މުހިއްމު ކަމެވެ. ތައުލީމުގެ ފުރުސަތުތައް އެންމެނަށް ފަހިވާ ގޮތަށް ހުޅުވިގެން ދާނީ ސަރުކާރުތަކުން ކުރާ މަސައްކަތުގައި ޒުވާނުންގެ ޖަމްއިއްޔާތަކާއި ޒުވާނުންނަށްޓަކައި މަސައްކަތްކުރާ ޖަމްއިއްޔާތައް ފަދަ ތަންތަނުގެ ބައިވެރިވުން އިތުރުކޮށްގެންނެވެ. ދުނިޔޭގެ ގިނަ ތަންތަނަށް ބަލާއިރު ގައުމުގެ ކަންކަން ބައްޓަން ކުރުމުގައި ޒުވާނުންގެ ޚިޔާލާއި ބުއްދި ނެރެ ހާމަކުރަކުން ދަނީ ވަރަށް ބޮޑަށެވެ. ޒުވާނުން އެމީހުން ބޭނންވާ ކަންތައްތައް އެކި ވަސީލަތުގެ ބޭނުން ކޮށްގެން ނެރެ ހާމަކުރަމުން ގެންދެއެވެ. ތައުލީމީ ދާއިރާއަށް ބޭނުންވާ ކަމަށް އެމީހުންނަށް ފެންނަ ޚިޔާލުތައްވެސް ވަރަށް ފުޅާ ދާއިރާއެއްގައި ފާޅު ކުރަމުން ގެންދެއެވެ. ސަރުކާރުތަކަށް ޖެހެނީ މި ޚިޔާލުތަކުގެ އަލީގައި ތައުލީމީ ސިޔާސަތުތައް ބައްޓަންކޮށް ހަރުދަނާ ސިޔާސަތުތަކެއް ބިނާ ކުރާށެވެ.
މި އަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ޝިއާރުގެ މައިގަނޑު އަމާޒަކީ އެއީއެވެ.