މިއަދު ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެންގެ ޒުވާނުންގެ ހާލަތަކީ ކޮބައިތޯ ބަލަން ޖެހެއެވެ. މިހާރު ރާއްޖޭގެ އާބާދީގެ 70 އިންސައްތަ އަކީ ޒުވާނުންނެވެ. އާބާދީގެ މިފަދަ ބޮޑު އިންސައްތައެއް ޒުވާނުންނަށް ވުމަކީ ރާއްޖޭއަށް ލިބިފައިވާ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް ރާއްޖޭގެ ތަފާސް ހިސާބުތަކާބެހޭ ޤައުމީ އިދާރާގެ އިސްވެރިޔާ ނުވަތަ ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސްޓެޓިސްޓިޝިއަން އައިޝަތު ޝަހުދާ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އާބާދީގައި މިހާރު އެންމެ ގިނަ އީ ޒުވާނުން ކަމަށް ވާއިރު ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ފުރިހަމަ ހިއްސާ އެއް ގެންނަންޖެހޭ ކަމަށް ތަފާސް ހިސާބުތަކާ ބެހޭ އިސާރާގެ އިސްވެރިޔާ ފާހަގަ ކުރެއްވިއެވެ. އެކަން ކުރެވޭނީ ޒުވާނުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި ފެންވަރު ރަނގަޅު ތަޢުލީމާއި މަސައްކަތުގެ ހުނަރާއި އަދި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ފަހިކޮށްގެން ދީގެން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގެ އާބާދީގެ 70 އިންސައްތައަކީ ޒުވާނުން. މަސައްކަތު އުމަރުފުރާގެ މީހުން. އެހެންކަމުން މިހާރު ހުޅުވިފައި މިއޮތީ އަޅުގަނޑުމެނަށް ވަރަށް ބޮޑު ފުރުޞަތެއް. އާބާދީގައި ތިބި ޒުވާނުން މަސައްކަތުގެ މާހައުލަށް ނެރެވި އެކުދިންނަށް ރަނގަޅު ތަޢުލީމާއި ސްކިލް (ހުނަރު) ފޯރުކޮށް ދެވިއްޖެ ކަމަށްވެއްޖިއްޔާ އެލިބޭ އާމްދަނީއެއް ފަހަށް ރައްކާކުރެވި، އެކަހަލަ ކަންކަމުން އުފެއްދުންތެރިކަން އިތުރުކުރެވި ކުރިއަށް އޮތް ތަނުގައި މިހާރު މިއޮތް ޒުވާން އާބާދީގެ ބޭނުން އެންމެ ބޭނުންތެރިގޮތުގައި ހިފޭނީ." ޝަހުދާ ވިދާޅުވިއެވެ.
ޒުވާނުންގެ ބޮޑު އިންސައްތައެއް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި
ޒުވާނުންގެ ބޮޑު ބައެއް ތިބީ މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިކަމީ ތަފާސް ހިސާބުތަކުން އަޅުގަނޑުމެންނަށް ދައްކައިދޭ ޙަޤީޤަތެވެ. މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ 69 އިންސަތައަކީ ޢުމުރުން 18 އަހާރި 34 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު މަސްތުވާތަކެތީގެ 2188 މައްސަލަގައި 1490 މީހުން ހައްޔަރު ކޮށްފައިވެއެވެ. އޭގެތެރެއިން 54 އިންސައްތައަކީ ޢުމުރުން 25 އަހަރާއި 39 އަހަރާ ދެމެދު މީހުންނެވެ. 30 އިންސައްތަ އަކީ ޢުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންނެވެ. އަދި15 އިންސައްތަ އަކީ 40 އަހަރުން މަތީގެ މީހުންނެވެ، ޢުމުރުން 16 އަހަރުން ދަށުގެ ނިސްބަތް ހިމެނެނީ އެކެއް އިންސައްތައިގައެވެ.
މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙައްޔަރުކޮށްފައިވާ މީހުންގެ ތަފާސް ހިސާބުތަކުން ހާމަވާގޮތުގައި 88 އިންސައްތައަކީ ދިވެހިންނެވެ. 11 އިންސައްތަ އަކީ ބިދޭސީންނެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެނުންގެ ނިސްބަތް 97 ގައި އުޅޭއިރު އަންހެނުންގެ ނިސްބަތަކީ ތިނެކެވެ. މިހިސާބު ތަކުން ފެންނަ ގޮތުން ޤައުމުގެ ތަރައްޤީޤައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ޒުވާނުން މިއަދު މިތިބީ އެފަދަ ޒިންމާ އެއް އުފުލޭ ޙާލަތެއްގައެއް ނޫނެވެ. މިއީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ އެކަމާމެދު ވިސްނަން ޖެހޭ މުހިންމު ބޮޑު މައްސަލައެކެވެ.
މަސްތުވާ ތައްކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހު ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ދެއްވި ޚިތާބުގައި މިމައްސަލައަށް ހައްލުކުރުމަށް ރެވިފައިވާ މުހިންމު މަސައްކަތެއްގެ ޚަބަރު ވަނީ ދެއްވައިފައެވެ. އެއީ މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ޚާއްޞަ ފަރުވާއެއް ކަމަށްވާ މެތަޑޯން މެއިންޓެނަންސް ތެރަޕީ އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޚަބަރެވެ. ކުރިން ވެސް ރާއްޖޭގައި މި ފަރުވާ ދިނެވެ. ނަމަވެސް، ތަފާތު ސަބަބުތަކާހެދި އެޕްރޮގްރާމްވަނީ މީގެ 3 އަހަރު ދުވަސް ކުރިން ހުއްޓާލާފައެވެ. މެތަޑަންސް ތެރަޕީ އަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ރާއްޖޭގެ ޒުވާން އާބާދީ މަސައްކަތެރިކަމަށް ނެރެން ޖެހިފައި
ރާއްޖޭގެ ޒުވާން އާބާދީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ޓަކައި އެމީހުން މަސައްކަތްތަކަށް ނެރުމަކީ މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ. މިހާރު ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަތަކަށް ވެސް އޮތް އެންމެ ބޮޑު ޙައްލަކީ ޒުވާން މަސައްކަތް ތެރިން އުފެއް ދުމެވެ. ތަފާސް ހިސާބުތަކުން ރާއްޖޭގެ ޒުވާން އާބާދިއަށް ނުވަތަ ޤައުމުގެ މަސައްކަތު ޢުމުރު ފުރާގެ އާބާދީއަށް ވުރެ ޤައުމަށް އެތެރެވެފައިވާ ބިދޭސީންގެ ޢަދަދު އިތުރެވެ. މިކަމުގެ ސަބަބުން ޤައުމަށް ލިބޭ ބޮޑު އާމްދަނީ އެއް ޤައުމުން ބޭރުވުމުގެ އިތުރުން ތަފާތު އިޖްތިމާޢީ މައްސަލަތައް ކުރިމަތި ވެ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ކަމާ ބެހޭ މުޢައްސަސާތަކުން ހާމަކޮށްފައިވާ މަޢުލޫމާތު ތަކުން އެނގެއެވެ.
އެހެންކަމުން މިހާރު ބިދޭސީން ކުރަމުންދާ މަސައްކަޔްތައް ކުރާނެ ޒުވާނުން އަޅުގަނޑުމެން އުފައްދަންޖެހެއެވެ. މަދު ލާރިކޮޅަކަށް ބިދޭސީންގެނެސް ވިޔާފަރީގެ ބޮޑު ފައިދާއެއް ހޯދަން މަސައްކަތް ކުރި ކަމުގައިވެސް އެކަމު އާޚިރު ނަތީޖާ އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދަނީ ވަރަށް ވެސް ހިތި ކޮށެވެ. މިއީ އަޅުގަނޑުމެންގެ ޤައުމުގައި ސިޔާސަތު ކަނޑައަޅަން ތިއްބެވި ޒިންމާދާރު ވެރިންވެސް ވިސްނާ ހަރުދަނާ ސިޔާސަތު ތަކެއް ކަނޑައަޅައި އަދި އެ ސިޔާސަތު ތަންފީޒު ކުރަންވީ ވަގުތެވެ.
ކޮވިޑްގެ ޙާލަތު ބަދަލު ކުރުމަށް ވެސް ޒުވާނުން ދައުރު މުހިންމު
މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމަށްވާ ކޮވީޑްގައި ވެސް ހުރިހާ ގޮތަކުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޒުވާނުންނަށެވެ. ބަލީގެ ޝިކާރައަކަށް ވުމުގެ އިތުރުން ކުރިމަތިވަމުންދާ އިޖްތިމާޢީ އިޤްތިޞާދީ ގޮންޖެހުންތަކުގެ އަސަރުވެސް އެންމެ ބޮޑަށް ކުރަމުންދާ ބަޔަކީ ޒުވާނުންކަމީ ދެބަސް ނުވެވޭނެ ހަޤީޤަތެކެވެ.
ފުރަބަންދާއެކު ހުއްޓިގެން ދިޔަ އިޤްތިޞާދީ މަސައްކަތް ތަކާއެކުވެސް ވަޒީފާ ގެއްލި މަގުމަތިވި މީހުންގެ ތެރޭގައި ވެސް ހިމެނެނީ ޒުވާނުންނެވެ. ހަމަ މިއާއެކު މުޖުމަތަމަޢުތަކުގައި ބަލި ފަތުރާ ބަޔަކަށް ވެސް ވެފައި މިވަނީ ޒުވާނުންނެވެ. ސަބަބުތަކުގެ ތެރޭގާއި ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ޒުވާނުންގެ ޢަދަދު އިތުރުވުން ހިމެނެއެވެ. އަދި އިޤްތިޞާދީ މަސައްކަތްތަކުގައި ބޭރުގައި އުޅެން ޖެހޭ މީހުންގެ ތެރޭގައި ވެސް ޒުވާނުން އިތުރުވުން ހިމެނެއެވެ. އަދި މިފަދަ ކަންކަމުގައި ބޭރުގައި އުޅެން ޖެހޭ ޒުވާނުންގެ އިތުރުން "ޒުވާން ޖޯޝްގައި" އެކުވެރިންނާއެކު އުޅެމުންދާ އިރު ރައްކާތެރި ކަމުގެ އުޞޫލުތައް ނުހިފެހެއްޓުން ނުވަޔަ ފަރުވާ ކުޑަކުރުންވެސް ހިމެނެއެވެ.
ދުނިޔޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަނީ ޒުވާނުން ފަރުވާކުޑަވުމުގެ ސަބަބުންކަމަށް ދާދި ފަހުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ޙަޤީޤަތަކީ ވެސް މީއީ އެކެވެ. ރާއްޖޭގައި ބަލިޖެހޭ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އެންމެ ގިނައިން މިބަލީގެ ޝިކާރައަކަށް ވެފައި ވަނީ ޢުމުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ގޭގައި ތިބޭ ޢުމުރުން ދުވަސް ވީ މީހުންނާއި ކުޑަކުދިންނާއި އެނޫންވެސް ބަލީ ނުރައްކާ ބޮޑު މީހުންނަށް ބަލި އުފުލާ ބަޔަކަށް ޒުވާނުން ވަނީ ވެފައެވެ. މި ބަލީގެ ގޮތުން ޒުވާނުންނަށް ވުރެ ބަލީގެ ނުރައްކާ ބޮޑުވެ ދުނިޔެ ދޫކުރަމުން ދަނީ ޢުމުރުން ދުވަސް ވީ މީހުންނެވެ. އަޅުގަނޑުމެންގެ ޒުވާނުންގެ މާމައިންނާއި ކާފައިންނާއި މަންމަ ނުވަތަ ބައްޕަ އެވެ. ރާއްޖޭގައި ކޮވިޑްގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރޭގައި ވެސް ގިނައީ ޢުމުރުން ދުވަސްވީ މީހުންނެވެ. މިހާރު މިވަނީ ބަލިޖެހޭ އުޢުމުރުން ދުވަސްވީ މީހުން އިތުރުވެ ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ އެއުމުރުގެ މީހުންގެ ޢަދަދުވެސް އިތުރުވެފައެވެ. އަޅުގަނޑުމެންގެ އާބާދީގެ އެންމެ ބޮޑު އެއް ރައުސް މާލުކަމުގައިވާ ޢުމުރުން ދުވަސް ވީ މީހުން ނުވަތަ އިސްރަށްވެހިންގެ ޖީލު މިބަލީގައި ނެތި ހިނގައިދާނެ ކަމުގެ ބިރުމިވަނީ ހީވެފައެވެ. އަޅުގަނޑުމެންގެ މުސްކުޅި ޖީލު މިބަލިން ރައްކާތެރިކޮށްދިނުމުގެ ބާރުވެސް އޮތީ ހަމަ ޒުވާނުންގެ އަތްމަތީގައެވެ. އެހެން ކަމުން އަޅުގަނޑުމެން ޒުވާނުން ޒިންމާދާރު ބަޔަކަށް ވާން ޖެހެއެވެ.