ފްލައިޓް އެމްއެޗް17 ވައްޓާލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ނިންމައިފި

މެލޭޝިޔާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 ވައްޓާލި މައްސައިގައި ދައުވާ ލިބޭ ހަތަރު މީހުން: 1- އިގޯރް ގިރްކިން 2- ސެރްގޭ ޑުބިންސްކީ 3- ލެއޮނިޑް ޚަރްޗެންކޯ 4- އޮލެގް ޕުލަޓޯވް.

ޔުކްރޭންގެ މަތިން ދަތުރުކުރަމުން ދަނިކޮށް މިސައިލް ހަމަލާއަކުން 2014 ވަނަ އަހަރުގެ ޖުލައި މަހު މެލޭޝިޔާ އެއާލައިންސްގެ މަތިންދާބޯޓެއް ވައްޓާލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދައުވާކުރަން އެ މައްސަލަ ތަހުގީގުކުރި ބައިނަލްއަގުވާމީ ޓީމުން ނިންމައިފިއެވެ.

2014 ޖުލައި މަހުގެ 17 ވަނަ ދުވަހު ނެދަލޭންޑްސްގެ އެމްސްޓަޑޭމްއިން ފުރައިގެން މެލޭޝިޔާގެ ކުއާލަލަމްޕޫރަށް ދަތުރުކުރަމުން ދަނިކޮށް ރަޝިޔާ-ޔުކްރޭން ސަރަހައްދީ ރޮނގާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ޔުކްރޭންގެ ޚްރާބޯވް މަތިން މެލޭޝިޔާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 ވައްޓާލާފައި ވަނީ ބިމުން ޖައްވަށް ފޮނުވާ މިސައިލަކުންނެވެ. މިހާދިސާގައި ބޮއިންގ 200-777އީއާރް މަރުކާގެ ބޯޓު ވެއްޓި އެއިން ދަތުރުކުރި 283 ފަސިންޖަރުންނާއި 15 ފަޅުވެރިން ވަނީ މަރުވެފައެވެ.

މައްސަލަ ތަހުގީގުކުރިން ޓީމުން ވަނީ ރަޝިޔާގެ 3 މީހަކާއި ޔުކްރޭންގެ އެކަކުގެ މައްޗަށް ދައުވާކުރަންޖެހޭ ކަމަށް ބުނެފައެވެ. އެއީ ރަޝީޔާގެ ރައްޔިތުން ކަމުގައިވާ އިގޯރް ގިރްކިންއާއި، ސެރްގޭ ޑުބިންސްކީއާއި، އޮލެގް ޕުލަޓޯވްއާއި، ޔުކްރޭންގެ ރައްޔިތެއް ކަމުގައިވާ ލެއޮނިޑް ޚަރްޗެންކޯއެވެ. މީގެ ތެރެއިން ގިރްކިން އަކީ ޔުކްރޭންއިން ވަކިވެގަންނަން ހަނގުރާމަކުރި ލަޝްކަރު އިސް ކޮމާންޑަރެކެވެ. ދެން ތިބި ތިން މީހުންނަކީ ހަނގުރާމަވެރިންގެ ލަޝްކަރުގައި އޭނާގެ ދަށުން މަސައްކަތްކުރި މީހުންނެވެ. އޭނާގެ ދަށުން މަސައްަކތމި މި ނިންމުމާ ގުޅިގެން ނެދަލޭންޑްސްގެ ޑަޗް ޕަބްލިކް ޕްރޮސެކިއުޝަން ސާވިސް އިން ބުނީ އެ 4 މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި 9 މާރިޗު 2020 ވަނަ ދުވަހު ދަހޭގްގެ ޑިސްޓްރިކްޓް ކޯޓުގައި އެމީހުން ޝަރީއަތް ފެށޭނެ ކަމުގައެވެ. އެތިން މީހުން ހޯދަން އިންޓަނޭޝަނަލް އެރެސް ވޮރަންޓް މިހާރު ވަނީ ނެރެފައެވެ. ހައްޔަރު ނުކުރެވުނުނަމަ، ޣައިރު ހާޒިރުގައިވެސް އެމީހުންގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ތަހުގީގު ޓީމުން ބުނީ ބޯޓު ވައްޓާލި ބަކް މިސައިލް އުދުއްސާލަން ސުވިޗަށް ފިތުމުގައި އެ 4 މީހުން ބައިވެރިނުވި ނަމަވެސް، އެ މީހުން ވަނީ މިސައިލް އުދުއްސާލަން ތައްޔާރުކުރުމުގައި ބައިވެރިވެފައެވެ. އެމީހުން މައްޗަށް ދައުވާކުރަން އެކަން ފުދެއެވެ.

ރަޝިޔާގައި އުފައްދާފައިވާ ބަކް މޯބައިލް މިސައިލް ސިސްޓަމަކީ މަތިންދާބޯޓުތަކަށް ހަމަލާ ދިނުމަށް ބޭނުންކުރާ މިސައިލެކެވެ. މިސައިލް ހަމަލާ އަރައި، އެމްއެޗް17 ފްލައިޓް ވެއްޓުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިގޯރް ގިރްކިން ވަނީ ޔުކްރޭންގެ އޭއެން-26 ގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށާއި، އެކަން ކުރީ އެމީހުން ކަމަށް ބުނެ މީސްމީޑިޔާގައި ވާހަކަދައްކާފައެވެ. ބެލެވޭ ގޮތުގައި ޔުކްރޭންގެ ބާޣީ ހަނގުރާމަވެރިން މެލޭޝިޔާ އެއާލައިންސް މަތިންދާބޯޓަށް ހަމަލާދީފައި ވަނީ ޔުކްރޭންގެ އަސްކަރީ މަތިންދާބޯޓެއް ކަމަށް ބަލާފައެވެ.

ނެދަލޭންޑްސް މި މައްސަލައިގެ ތަހުގީގު ހިންގައި ދައުވާކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ މަތިންދާޓު ފުރައިގެން ދިޔައީ ނެދަލޭންޑްސްއިން ކަމަށްވެފައި، އެބޯޓުން ދަތުރުކުރި ގިނަ މީހުންނަކީ އެގައުމުގެ ރައްޔިތުން ކަމުގައިވާތީއެވެ. އެމްއެޗް17 ވެއްޓި މަރުވި މީހުންގެ ތެރޭގައި ނެދަލޭންޑްސްގެ 193 މީހުން ހިމެނެއެވެ.

ތަހުގީގު ރިޕޯޓ އާއްމުކުރުމާ ގުޅިގެން ރަޝިޔާއިން ބުނެފައިވަނީ އެ ރިޕޯޓުގައި ވަނީ "އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް" ކަމުގައެވެ. ރަޝިޔާގެ ފޮރިން މިނިސްޓަރީން ބުނީ ތަހުގީގުގައި ބަލާފައި ވަނީ ޔުކްރޭނުން "އުފައްދާފައިވާ ހެކިތަކަކަށް" ކަމަށެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.