ޗުއްޓީގައި ތިއްބަވާ ފަނޑިޔާރުން ޝަރީއަތުގައި ބައިވެރިވެ ވަޑައިގެންނެވުމަކީ ޢާއްމުކަމެއް: ހައިކޯޓު

ޗުއްޓީގައި ތިއްބަވާ ހައިކޯޓުގެ ފަނޑުޔާރުންވެސް ޙުކުމް އިއްވާ މުހިންމު ޝަރީޢަތްތަކަށް ވަޑައިގެން ޙުކުމް އިއްވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަކީ ކުރިން ފެށިގެން ކުރައްވާ ކަމެއް ކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.

ހައިކޯޓުން އެހެންވިދާޅުވެފައިވަނީ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ މައްސަލަތަކެއް ހައިކޯޓުން ބާތިލް ކުރެއްވި ޝަރީޢަތްތަކެއްގައި، އެ ކޯޓްގެ އިސް ފަނޑިޔާރު ސުޖާޢު ޢުސްމާން ބައިވެރިވެ ވަޑައިގެންނެވުމުންނެވެ. އެކަން މައްސަލައަކަށް ހަދައިފައިވަނީ އޭނާ ޗުއްޓީގައި ހުންނަވައިގެން އެ ޝަރީއަތުގައި ބައިވެރިވެ ވަޑައިގެންނެވުމުންނެވެ. އެކަން ވަނީ ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް ވެސް  ހުށަހަޅުއްވައިފައެވެ.

ހައިކޯޓުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ކޮންމެ ފަނޑިޔާރަކީވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހާ ވަގުތެއް ޚާއްސަ ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ކޯޓުގައި ޙުކުމެއް ކުރައްވަން ޖެހޭ ޝަރީޢަތެއް ނުވަތަ ވަކި ޢަދަދެއްގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއް ނުވަތަ އެ ނޫންވެސް އެ ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫން ގޮތަކަށް އެ މައްސަލައިގައި ޙުކުމް އިއްވެންނެތް ކަމަށް ބެލެވޭ ޙާލަތްތަކުގައި، ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިޔަސް އެ ޝަރީޢަތެއްގައި އެ ފަނޑިޔާރަކު ބައިވެރިވެ ވަޑައިގެންނެވުމަކީ ކުރިން ފެށިގެން ޢަމަލު ކުރައްވާ އުސޫލެއް ކަމަށެވެ.

އެފަދަ ޙާލަތްތަކުގައި ވެސް ޗުއްޓީގައި ތިއްބަވާ ފަނޑިޔާރުން ޝަރީޢަތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާނީ އެބޭފުޅަކަށް ޝަރީޢަތުގައި ބައިވެރިވެވޭ ޙާލަތެއްގައި ހުންނެވި ނަމައެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ އުސޫލު ކަނޑައަޅުއްވައިފައިވަނީ 2011 ވަނަ އަހަރު ޖޫންމަހު 30 ވަނަ ދުވަހުއެވެ.

"އިސްވެ އިޝާރާތްކުރެވުނު ނިންމުން ނިންމި ފަހުން މިއަދާ ހަމަޔަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދަނީ އެ ނިންމުމުގައިވާ ގޮތުގެ މަތިން ޙުކުމްކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވަމުން ކަމަށްވާތީ، އެކަން ހިނގަމުން ދާގޮތާ މެދު ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ޙަޤީޤަތް އޮޅިފައި އޮވެދާނެ ކަމަށްޓަކައި، އެކަން ހާމަ ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ." ހައިކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.