ރާއްޖޭގެ ޖުޑިޝަރީ މިހާތަނަށް ހިނގަމުން އައީ މައްސަލައެއްގައި މާމޮޅު ލޯޔަރެއް ނުގެންދިޔަ ނަމަވެސް ގިނަ ފައިސާ ހިނފައިގެން ދާ މީހަކު މޮޅުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް މިހާރު ވަނީ ގުޑިޝަރީއާ ގުޅިފައިވާ ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ އިސްލާހު ކުރަން ކުރާ މަސައްކަތް ވީއެންމެ ރަނގަޅަކަށްކޮށް އެންމެ އާދައިގެ މީހާއަށްވެސް އިންސާފުލިބޭ ތަނަކަށް ޖުޑިޝަރީ ހަދާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީން ވަނީ ރައްޔިތުންނަށް އިންސާފެއްނުދީ ރައްޔިތުން ބިކަކޮށްލާފައި ކަމަށެވެ. އަދި ޖުޑިޝަރީއަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވެރިންނާއި ބޮޑުންނަށް ރަނގަޅު ގޮތް ހޯދައިދޭން އޮތް ތަނެއް ނޫން ކަމަށާއި އެއީ އެންމެ އާދައިގެ ނިކަމެތި ރައްޔިތު މީހާއަށްވެސް އިންސާފު ހޯދައިދޭނެ ތަނަކަށް ވާންޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ފައިސާ އޮތް މީހާ އެކަނި މޮޅުވާ ގޮތަށް އަޅުގަނޑުމެންގެ ޖުޑިޝަރީގެ ކަންތައްތައް ހިނގާދަނީ. އަޅުގަނޑުމެންގެ ފަޑިޔާރުގެ ތަކަކީ އެތަނަށް މާމޮޅު ލޯޔަރެއް ގެންދާކަށް ނުޖެހޭ. ގިނަ ފައިސާ ހިފައިގެން ދިޔާމަ އެމީހަކު ކޮޅު މޮޅުވާ ގޮތަށް އޮތް ކަންތައްތަކެއް" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ އިސްލާހުކޮށް، އިންސާފުވެރި ތަނަކަށް އެތަން ހެދުމަށް ކުރާ މަސައްކަތުގައި ފަސްނުޖެހޭނެ ކަމަށާއި އަދި މިއީ މުޅިން ތަފާތު މަޖިލީހެއްކަން ރައްޔިތުން މިހާރުވެސް ބަލައިގެންފައިވާ ކަމަށެވެ. ނިމިދިޔަ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައިވެސް މެމްބަރުކަން ކުރެއްވި އާޒިމް ވިދާޅުވީ 18 ވަނަ މަޖިލީހާ ޚިލާފަށް 19 ވަނަ މަޖިލީހުގެ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ވަރަށްގިނަ، ތަފާތު ކަންތައްތަކެއް ކުރެއްވިއްޖެ ކަމަށެވެ. އެގޮތުން ޖުޑިޝަރީ އިސްލާހު ކުރުމަށް މަޖިލީހުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.
19 ވަނަ މަޖިލިސް ހިނގައި ގަންނައިރު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލިއިރު މިފަހަރު ވަނީ ޖުޑިޝަރީ ކޮމިޓީއެއްވެސް ހިމަނާފައެވެ. އަދި އެކޮމިޓީއަށް ގިނަ ބާރުތަކެއްވެސް ވަނީ ދީފައެވެ. 19 ވަނަ މަޖިލީހުގެ ގިނަމެމްބަރުންގެ ފާޑުކިޔުންވެސް އެންމެ ބޮޑަށް އަމާޒު ވެފައިވާ ދާއިރާއަކީ ޝަރުއީ ދާއިރާއެވެ.