އޮޒިލްގެ ކައިވެނީގައި ހެކިވެރިއަކަށް އެރްދޮޣާން

އޮޒިލްގެ ކައިވެނީގައި އެރްދޮޣާން

ތުރުކީ ދަރިކޮޅުގެ ޖަރުމަނު ކުޅުންތެރިޔާ މެސުދް އޮޒިލްގެ ކައިވެނީގައި ހެކިންގެ ގޮތުގައި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާންއާއި އޭނާގެ އަނބިކަނބަލުން އަމީނާ ބައިވެރިވެވަޑައިގެންފިއެވެ.

އިސްތަންބޫލުގެ ބޮސްފޯރަސް ކަނޑުއޮޅީގެ އައްސޭރީގައި އޮތް ހަފުލާގައި އުމުރުން 30 އަހަރުގެ އޮޒިލް ކައިވެނިކޮށްފައި ވަނީ 'މިސް ޓާރކީ' ގެ މަގާމު ކުރިން ހޯދާފައިވާ، މިހާރު ސްވިޑަންގެ ފިލްމީ ތަރިއެއް ކަމުގައިވާ، އުމުރުން 26 އަހަރުގެ އަމީނާ ގުލްސޭއާއެވެ. އަމީނާއަކި ތުރުކީ ބައްޕައަކާއި، އިރާގުގެ ތުރްކުމާން މަންމައަކަށް އުފަން ސްވިޑަން ރައްޔިތެކެވެ.

2018 ވަނަ އަހަރު މެސުދް އޮޒިލް ރައީސު އެރްދޮޣާންއާއެކު ނަގާފައިވާ ފޮޓޯގަނޑަކާ ގުޅިގެން އޭނާ 'ޖަރުމަނަށް ވަފާތެރިކަމާ' މެދު ޖަރުމަނުގެގެ  ގިނަ ބަޔަކު ސުވާލު އުފައްދައި އޭނާއަށް ފާޑުކިއުންތަކެއް އަމާޒުވިއެވެ. އެކަމާ ގުޅިގެން އޮޒިލް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް  ކުޅުން ހުއްޓާލާފައެވެ.

އޮޒިލްގެ ކައިވެނީގައި އެރްދޮޣާން ބައިވެރިކޮށްފައިވާތީ ޖަރުމަނު ޗާންސެލާ އެންޖެލާ މާކެލް ވަނީ ނުރުހުން ފާޅުކުރައްވާފައެވ. އޭނާއާ ހަވާލާދެއްވައި އޭނާގެ ޗީފް އޮފް ސްޓާފް ވިދާޅުވީ ފުރަތަމަ އެރްދޮޣާންއާ ބައްދަލުކުރުމުން ޖަރުމަނުގެ ރައްޔިތުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އަނެއްކާ މިފަދަ ފިޔަވަޅެއް އޮޒިލް އެޅުމަކީ ހިތާމަހުރި ކަމެއް ކަމުގައެވެ.

ބޮސްފޮރަސްގައި ހުންނަ ތާރީޚީ އުސްމާނީ ގަނޑުވަރެގައި މިހާރު ހިންގާ ފޯ ސީޒަންސް ހޮޓަލުގައި އެތް ކައިވެނީގެ ހަފުލާގެ ކުރިން އޮޒިލްގެ ދެމަފިރިން ވަނީ ތުރުކީގެ ރެޑްކްރެސްންޓް މެދުވެރިކޮށް 14 ހާސް ފަގީރުންނާށާއި، ތުރުކީގައި ތިބި ސީރިޔާގެ 2 ހާސް ރެފިއުޖީންނަށް ކެއުން ދީފައެވެ.

މެސުދް އޮޒިލް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 92 މެޗު ކުޅެފައެވެ. އަދި 2014 ވަނަ އަހަރު ޖަރުމަނަށް ވާލްޑްކަޕް ހޯދައިދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.