ވައި ތަޣައްޔަރުވާ ގޮތަށް ބޮޑެތި ލޮރީ މާލޭގައި ދުއްވާ: ޑރ. ޙުސައިން

މާލޭގެ ވައި ތަޣައްޔަރުވާ ގޮތަށް އޮލަ ދުމާއެކު ބޮޑެތި ލޮރީފަދަ އުޅަނދުފަހަރު މާލޭގައި ދުއްވަމުންދާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ މާލެ ހިމެނޭ ސަރަޙައްދުގެ ވައި އެންމެބޮޑަށް ތަޣައްޔަރުވެފައިވަނީ އިންސާނުންގެ ޢަމަލުތައް ހުންނަ ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން އުޅަނދު ފަހަރުން ބޭރުވާ ދުމާއި ކުނި އެންދުމުގެ ސަބަބުން ޖައްވަށް ބޭރުވާ ދުމުގެ ސަބަބުން ވައި ތަޣައްޔަރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލެ ސަރަހައްދުގައި ކުނި އެންދުމުގެ ސަބަބުން ވަރަށް ބޮޑަށް ވައި ތަޣައްޔަރުވޭ. ޑީސެލާއި ޕެޓްރޯލް އަޅައިގެން މިދުއްވާ އުޅަނދުފަހަރުގެ ސަބަބުން، ޚާއްސަކޮށް ބޮޑެތި ލޮރީ ފަދަ ވެހިކަލްތައް އޮލަދުމާއެކު ވައި ތަޣައްޔަރުވާގޮތަށް އެބަދުއްވާ. މިއީ ޙައްލު ކުރަން ޖެހިފައިވާ ނުވަތަ ރަނގަޅުވުން ވަރަށް މުހިންމު ކަމެއް،" ވަޒީރު ވިދާޚުވިއެވެ.

ވަޒީރު ވިދާޅުވީ ތިމާވެއްޓަށް ގެއްލުންހުރި ވަރަށްގިނަ ކަންކަން "އަޅުގަނޑުމެން އަމިއްލައަށް" ވެސް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ބެލުމެއްނެތި ގޮނޑުދޮށާއި މޫދަށް ކުނިއެޅުންހިމެނެއެވެ. އެގޮތުން އުކާލެވޭ ޕްލާސްޓިކްތައް ފަރުތަކުގައި ހަރުލައި ފަނާނުވެ އެތައް ޒަމާންތަކެއް ވަންދެން ހުރުމުން މުރަކަތަކައް ހަލާކުވެ ފަރުތަކުގެ ރީތިކަން ގެއްލި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާ ކަމަށް ވެސް ވިދާޅުވިއެވެ. "އެހެންވީމާ ރާއްޖޭގެ ރައްޔިތުން އެބަޖެހޭ މުރަކައިގެ މިފަރުތައް ޙިމާޔަތް ކުރުމަށްޓަކައި އަންނަނިވި ޖީލުތަކަށް ދެމެހެއްޓުމަށްޓަކައި އެމީހުންނަށް ކުރެވެންހުރި ކަންކަންކުރަން. އޭގެ ތެރޭގައި ހިމެނޭ އެއްކަމެއް އެއީ ފަރުމައްޗަށް ކުނިނޭޅުން. ފަރަށް ގެއްލުން ލިބޭކަހަލަ ކަންތައްތައް ނުކުރުން،" ވަޒީރު ވިދާޅުވިއެވެ.

ޑރ. ޙުސައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތައް އުފެދިފައިވަނީ ފަރުތަކުގެ ސަބަބުން ކަމަށެވެ. ފަރުތަކުގައި ހުންނަ މުރަކައިން ވެލި އުފެދިގެން ވެލިތައް އެއްތަނަކަށް ޖަމާވެގެން ޖަޒީރާތަކަށް ބަދަލުވެގެން ދަނީ އެވެލިތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ރަށްރަށަކީ ޖާޒީރާ ވަންތައް ރަށްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަންވެސް ކުރަންޖެހޭ ކަމަށެވެ. އެހެންނޫނީ ރާއްޖޭގެ ރީތިކަން ގެއްލި ފަތުރުވެރިކަމަށް އޮންނަ މަޝްހޫރުކަން ވެސް ކުޑަވެގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.