ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 28

(1 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދިރިހުރުން ނިވުމުގެ ކުރިން ކުރިސްޓޮފަރުގެ މޫނު ނިވުނެވެ. ކަޅު އެންދެރި ރާޝާ ލޯގަނޑު ކައިރިން އެނބުރިލައިފައި ހިނިތުންވާން ފެށިއެވެ. ކަޅު މޫނުން ރަތްކުލައިގެ ތުންފަތް ފެންނަ އިރު އަނގުރުކޮޅެއް ކަހަލައެވެ. އޭނާ ކުރިއަށް ޖެހެމުން ބުންޏެވެ.

"މަރު ހަޅޭއްލަވައި އަޑުގަދަ ކުރަމުން ވެސް އާދޭ. އަދި ހިލަމެއް ބިލަމެއް ވެސް ނުކޮށް އާދޭ."

އޭނާ ހުއްޓުނެވެ. އޭނާގެ ފިސްތޯލަ ރޫޕުވަތީގެ އަތަށް ދިނެވެ. ދެން ކުރިސްޓޮފަރަށް ބުންޏެވެ.

"އަހަރެން އެ ލޯބިވެރިއަކާ އެކު މި ތަނަށް އައި ލޯބިވެރިއަކީ ހަގީގަތުގައި އަހަރެންގެ ފިރިމީހާ. ކަލެއަށް ވެސް އެނގޭނެ ފަދައިން އޭނާއަކީ ވިހަ މުލާއި ފަތުގެ މާހިރެއް. އަންހެނުން އިށީނދެ ތިބެނީ ފިރިހެނުންގެ މުލުގައި ކަމަށް އޭނާ އޮތީ އަހަރެންނަށް ވިސްނައިދީފައި. އަދި މީހަކު ލޯބިން އަހަރެން ބައިންދަން އުޅެންޏާ އެ މީހަކަށް ގަދަރުކުރާށާއި މީހަކު އަހަރެން މުލުން ލުހެލައި އެއްލައިލަން އުޅެންޏާ އޭނާއަށް ޓަކައި ޒަހަރަށް ވާން ވެސް ވިސްނައިދިން. ހީ ހީ ހީ ހީ"

އޭނާ ހެނމުން، ތެލުން ދަޅައަޅައިއަޅައި ހުރި ކަޅުކުލައިގެ ދެ އަތް ދިއްކޮށްލައިފައި ކުރިއަށް ހިނގައިގަންނަމުން ބުންޏެވެ.

"އަހަރެންގެ އަތުގެ ތެރެއަށް އާދޭ. މަރުވަނީ ކިހިނެއްކަން އަހަންނާ ކަރާކަރުޖައްސައިލައިގެން ބަލާ..."

ކުރިސްޓޮފަރު އަވަހަށް ވިސްނައިލިއެވެ. އެ ގޮތަށް ވިއަސް ޖެހޭނީ މަރުވާށެވެ. މި ގޮތަށް ވިއަސް ޖެހޭނީ މަރުވާށެވެ. ވީ އިރު މި ތަނުން ފިލަން މަސައްކަތްނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ ރާޝާ ކުރިއަށް އައިސް އޭނާގެ ކަނދުރާގައި އަތް އަޅުވައިލިއެވެ. ކުރިސްޓޮފަރު ގަސްތުކުރީ ރާޝާ އުފުލައިލައިފައި ސުއިޗު ބޯޑު ކައިރީގައި ހުރި އަންހެން ކުއްޖާގެ ގައަށް އެއްލައިލުމަށެވެ. އޭރުން ހިނދުކޮޅަކަށް އެ އެންމެން ކަންބޮޑުވާނެއެވެ. އަދި އޭނާއަށް ސުއިޗު ޖައްސާނެ ވަގުތު ލިބޭނެއެވެ. ދެން އަނދިރިވީމާ އެ މީހުން ބަލިކޮށްލަން ފަސޭހަވާނެއެވެ.

މި ގޮތަށް ގަސްތުކޮށްފައި އޭނާ ރާޝާގެ އުނަގަނޑުގައި ބާރަށް ހިފާއްޓަން އުޅުނެވެ. އެކަމަކު ތެލުގެ މަތީގައި އަތް ދިޔައީ ކައްސައިލައިގެންނެވެ. ދެ ވަނަ ފަހަރަށް ހިފާއްޓާނެ ދަނޑިވަޅެއް އޭނާއަކަށް ނުލިބެއެވެ. ރާޝާގެ ތުންފަތުކުލަފޯލީގެ ފަހަތުބައި އޭނާގެ ކަނދުރާގައި ޖެހުނެވެ. ތިނޯހެއް ހެރުނެވެ. ދެން އޭނާގެ ސިކުނޑި އައްސިވިއެވެ. އަތްފައިން ވާގިދޫވިއެވެ. ރާޝާ ފަހަތަށް ޖެހިލައިފައި ތުންފަތުކުލަފޯލީގެ ފަހަތުބައި ލައްޕައިލިއެވެ. ކުރިސްޓޮފަރު ހުރީ ދެ ފަރާތަށް އަރިއަޅައަޅައެވެ. ދެން އޭނާ އެހީއެއް ހޯދަންވެގެން ކުރިއަށް ޖެހިލިއެވެ. އަދި އަރި އަޅައިލައިގެން ވެއްޓުނެވެ. އެއީ އޭނާގެ ހަޔާތުގެ އެންމެ ފަހު ވެއްޓުމެވެ. އެއަށްފަހު އޭނާއަކަށް ނުތެދުވެވުނެވެ.

އެހެން މީހުންނަށް ފިޔަވަޅުގެ ހިލަން ވެސް ނީއްވާ މި ގޮތަށް ވެސް މަރު އާދެއެވެ. ކޮޓަރީގެ ތެރެއަށް ހިނދުކޮޅެއް ވަންދެން ފުން ހިމޭންކަން ވެރިވެފައި އޮތެވެ. ދެން އަރުސިލާ ގޮނޑިން ތެދުވަމުން ބުންޏެވެ.

"މި ކަން ވެސް މި ނިމުނީ. މިހާރު އަހަރެމެން ސީރިއަސްކޮށް ވިސްނަންވެއްޖެ. އަހަރެމެން އަންހެނުންނަށް ގަދަ ހެދޭނީ ކިހައި ވަރެއް ވަންދެން؟ އަހަރެމެންނަށް ފިސްތޯލައާއި މެޝިން ބަޑީގެ ޓުރިގަރަށް އިނގިލިން އޮބައިލެވިދާނެ. އެކަމަކު އަމާޒަކަށް ވަޒަނެއް ނުފޮނުވޭނެ. ހަމައެކަނި ރާޝާއަށް އޭނާގެ ވިހަ އަދާތަކުން މީހުން މަރަމުން ގެންދެވޭނީ ކިހައި އިރެއްވަންދެން؟"

ރާޝަ ތުންފަތުކުލަފޯލި ދައްކައިލަމުން ބުންޏެވެ.

"މީގައި މިހާރު ހުރީ ދެ ތިން ތިކި ޒަހަރު. އެއިން އަހަންނަށް ހީވަނީ މަރައިލެވޭނީ ދެ ދުޝްމިނުން ހެން. އޭގެ ފަހުން ވާނީ ކިހިނެއް؟"

އެކަކު ބުންޏެވެ. "އަހަރެމެން މި ރަށުން ދެތިން ފިރިހެނަކާ ގުޅައިލަންވީ. އެ މީހުންނަށް މި ހަތިޔާރު ބޭނުންކުރެވޭނެ."

އަރުސިލާ ކުރިއަށް ހިނގަމުން، ނިކަމެތިކޮށްލުމުގެ ރާގުގައި ބުންޏެވެ.

"އަހަރެމެންނަށް ތިމާމެންގެ މައިންނާއި، އަންހެން ދަރިންނާއި، އަންހެން ކޮއްކޮއިންނާއި، ދައްތައިންނާއި، އަނބީންގެ އިތުބާރަށް ލޮޅުން އަރުވައިފައި މި ތަނަށް އައިސް ތިބި ބައަކަށް އިތުބާރު ކުރެވިދާނެތަ؟"

ރޫޕުވަތީ އަވަހަށް ބުންޏެވެ.

"މި ތާ އެއް ނަންބަރު ކޮޓެޖުގައި ތިބޭ ހާތޯރާއާއި ޚޫރުޝީދު ބަލްގުރާމީއަކީ ދުނިޔޭގެ ގުޅުންތަކަށް ލޮޅުން އެރުވި ބައެއް ނޫން. އެ މީހުން މި ތަނަށް ގެނެސްފައި އެ ތިބީ ގަދަކަމުންކަން ކަލޭމެން އެންމެންނަށް ވެސް އެނގޭނެ. އެ ދެ މީހުން އަހަރެމެންނާ ބައިވެރިވެދާނެ."

ހުރިހައި އަންހެނުން އޭނާއަށް ތާއީދުކުރިއެވެ. އަރުސިލާ ބޯޖަހައިލައިފައި ބުންޏެވެ.

"އާނ. އަހަރެން އެ ދެ މީހުންގެ މަތިން ހަނދާން ނެތުނީ. އެ ދެ މީހުން ހަމަ އަހަރެމެންނާ ބައިވެރިވެދާނެ. ރޫޕުވަތީ! އެ ނުޖޫމީއަކީ ކަލޭމެންގެ ހިސާބުގެ މީހެއް. އޭނާއަށް ރަނގަޅަށް ވިސްނައިދެވޭނީ ކަލޭގެ ބަހުން. އެހެންވެ އެއް ނަންބަރު ކޮޓެޖުގައި އަހަރެމެންގެ ފަރާތުން ވާހަކަ ދައްކާނީ ކަލޭ."

އޭނ. ރޫޕުވަތީ ކަންބޮޑުވެފައި ބުންޏެވެ. ނު-ނު- ނޫން. އަހަރެން އެ ނުޖޫމީގެ ކުރިމައްޗަކަށް ނުދާނަން."

"ނުދާންވީ ކީއްވެގެން؟ ކަލޭވެސް އަހަރެމެންނާ ބައިވެރިވާން ދެކޮޅުހަދަނީތަ؟"

"ނޫން، އަހަންނާ މެދު ނުބައިކޮށް ހީނުކުރޭ. އަހަރެން ކަލޭމެންނާ ބައިވެރިވެގެން ފުރާނަ ވެސް ދީފާނަން. އެކަމަކު އޭނާގެ ކުރިމައްޗަށް ދާކަށް ނުކެރޭނެ. ހިނގައްޖެއްޔާ އަހަރެން މަރުވާނަން. އޭނާ އަހަންނަށް ކިއަނީ ދަރިފުޅު. ހިލޭ ފިރިހެނަކު ކަލޭމެން މީހަކާ ދިމާއަށް ވަގު އަތްނބެކޭ ބުނުމުގެ ބަދަލުގައި ދަރިއެކޭ ބުނެފިއްޔާ ކަލޭމެން މަރުވާކަމަށް ބޭނުމެއް ނުވާނެތަ؟"

އެ އެންމެންވެސް ތިބީ އެދުންވެރިކަމުގެ ދާންތަކަށް އަރައިއަރައި ބަލިވެފައެވެ. އެހެންކަމުން އެ މީހުން ރޫޕުވަތީގެ ވާހަކައިގެ އަޑިއާހަމައަށް ދިޔައެވެ. ރޫޕުވަތީ ބުނަމުން ދިޔައެވެ.

ބައްޕައިންނާއި ބޭބެއިންގެ ގުޅުމަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެ. އަހަންނަށް ހަމަހޭވެރިކަން ވީ އިރު އަހަންނަށް ފެނުނީ އަހަރެންގެ ޒުވާންކަމުގެ ފުރަތަމަ ދައްލާލަކަށް އަހަރެންގެ ރާބޯ ބައްޕަ ވީ ތަން. އޭރުއްސުރެން ބައްޕަގެ ގުޅުމަށް އަހަރެން ނަފުރަތުކުރަން. މުސްކުޅިއަކު ނޫނީ ދެވަންފުރައިގެ މީހަކު ފެނިއްޖެއްޔާ އޭނާ ނޮޅައިލަން ހިތަށްއަރާ.

އެކަމަކު މިހާރު އަހަންނަށް ވެފައި މި ވަނީ ކީއްކަމެއް ނޭނގޭ. އެ- އެ ނުޖޫމީއަކީ ޖާދޫހަދާ މީހެއް. އޭނާ އަހަރެންގެ އެތަކެއް އަހަރުވީ ނަފުރަތު ދޮންނަނީ. އަހަރެންގެ އެތެރެއަށް ވަދެ އަހަންނަށް ވިސްނައިދެމުން ގެންދަނީ އަހަންނަކީ އެހައި އަގުދަށް އަންހެނެއް ނޫން ކަމަށް. ދަރިފުޅުގެ ގުޅުމުން ބަލާ އިރު އަގުބޮޑުކަން ހުރި މިންވަރުން މީހަކު އަހަންނަށް ނުބައި ލޮލަކުން ބަލައިލައިފިއްޔާ އަހަރެންގެ ބައްޕަ އެ މީހެއްގެ ދެ ލޯ ދަމައިގަންނާނެ ކަމަށް.

އާހް. ދަރިފުޅުގެ އަބުރުގެ ފާރަވެރި ބައްޕަ މިހައި ތަނަށް އުޅުނީ ކޮންތާކު؟ އޭނާ އަންނަން އެހައި ލަސްކުރީ ކީއްވެގެން. މިހާރު މާ ލަސްވެއްޖެ. މިހާރު ދެން ރަނގަޅުވާނީ އޭނާ ދިޔައްޔާ. ކޮންމެވެސް މީހަކު ގޮސް އޭނާ ގާތު ބުނޭ. އަހަރެންގެ އެތެރޭގައިވާ، މާތް ގުޅުންތަކާ ހަތަރުކަޅިހަމަކުރަން ނުކެރޭ އަންހެނާގެ ލަދުވެތިކަން ހޭލައިފި. އަހަރެން މަރުވާނީ. ނޫނީ އުޅޭނީ އެ މަލާއިކަތާއަށް ނުފެނި."

އޭނާ ދެއަތުގެ ތެރޭގައި މޫނު ފޮރުވައިފައި ރޯންފެށިއެވެ. "އަހަރެން ނުދާނަން. އަހަރެން އޭނާގެ ކުރިމައްޗަކަށް ނުދާނަން."

ކޮޓަރީގެ ހަމަހިމޭން ކަމުގެ ތެރޭގައި އޭނާގެ އާހާއި ގިސްލުމުގެ އަޑު އެނބުރެން ފެށިއެވެ. އޭނާގެ ލަދުކުޑަ ލޮލުން ލަދުވެތިކަމުގެ ކަރުނަ އޮހޮރެމުން ދިޔައެވެ. އެ ތަނެއްގައި ތެދުވެރިކަން ވާ ތަންތަނުގައި އިންސާނާއަށް ގުދުވާން ޖެހެއެވެ. އެހެންކަމުން ހުރިހައި އަންހެނުން ތިބީ އިސްޖެހިފައެވެ.

ފަލަކިއްޔާތުގެ މާހިރުންގެ ހަތަރު މީހުންނާއި، ދެ އިންޖިނޭރުންނާއި، ހަތިޔާރުއެޅި ސިފައިންގެ ތިން މީހުން ހިންމަތު ރާއޯއާ އެކުގައި ގުލޯބު އާކަށް ދިޔައެވެ. އެއީ ޚޫރުޝީދު ބަލްގުރާމީ ބުނި ބުނުން އޮބުޒަވޭޓަރީގެ މެޝިންތަކުން ކިރައި ވަޒަންކުރާށެވެ. ދުންތަރީގެ ނުރައްކަލުން ސަލާމަތްވިކަން އެއްގަޑިއިރުގެ ތެރޭގައި ކަށަވަރުވިއެވެ. އެ މީހުން ދެން ބޭނުންވީ އެ ކަމާ ބެހޭގޮތުން ވާހަކަދައްކާށެވެ. އެކަމަކު އޭގެ ކުރިން ދެ މީހަކު އޮބުޒަވޭޓަރީ ދޮރު ހުޅުވައިފައި އެތެރެއަށް ވަނެވެ. އޭގެ ތެރެއިން އެކަކީ އިންޖިނޭރެކެވެ. އަނެކަކީ ސިފައިންގެ މީހެކެވެ. ދެ މީހުންގެ އަތުގައި ވެސް ސައިލެންސަރު ހަރުކޮށްފައި އޮތް ފިސްތޯލަ އޮތެވެ. އިންޖިނޭރު ބުންޏެވެ.

"އަހަރެމެންނާ އެކު މި ތަނަށް އައި ޔަހޫދީ އިންޖިނޭރާއި ސިފައިންގެ ދެ މީހުން، އަހަރެމެން ނުހަނު ހަމަހިމޭންކަމާ އެކު މަރުގެ އަނދަވަޅަށް ބާލައިފިން. މިހާރު މިއީ ކަލޭމެންގެ ފަހަރު."

ވާހަކަ ނިމުމާއެކު ދެ މީހުން ތަޅުންމައްޗަށް ވެއްޓުނެވެ. ހިންމަތު ރާއޯ ބިރުން ރޫރޫއަޅަން ފެށިއެވެ. ސިފައިންގެ މީހާ ބުންޏެވެ.

"ކަލޭ ތިޔަ ބިރުގަންނަނީ ކޮން ކަމަކާ؟ ކަލެއަކީ ޔަހޫދީއެއް ނޫނީމު. އަހަރެމެން މި ހަނގުރާމަކުރަނީ އެ މީހުންނާ. މަރުވި މީހުންގެ ހަތިޔާރު އަވަހަށް ނަގާ. މައިދާން ސަމާލުކުރޭ. އަހަރެމެން ގުލޯބު އާކުގެ ދޮރުލައްޕައިފިން. މީގައި މި ތިބީ އަހަރެމެން ފަސް މީހުން. އަހަރެމެންގެ ދިރިހުރުމަށްޓަކައި އެ މީހުންނާ ހަނގުރާމަކުރަން އަހަރެމެންނަށް ޖެހޭ."

އިންޖިނޭރު ބުންޏެވެ. "އަހަރެމެން ތިބޭނީ ތިރީ ބައިގައި. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ޕޯޓު ހޯލުގެ ކައިރީގައި ފަސް ގަޑި އިރު ފޯރީމަރަން ޖެހޭނެ. ނުރައްކަލެއް ހަމަ ދިމާވާ އިރަށް ނުރައްކަލުގެ ރަނގަބީލު ޖަހަން ވާނެ. ދެން އަހަރެމެން އެންމެން ވެގެން އެ މީހުންގެ ކަންތައް ނިންމައިލާނީ."

އެ މީހުން އޮބުޒަވޭޓަރީން ބޭރަށް ނުކުތެވެ. ހިންމަތު ރާއޯ ބުންޏެވެ.

"ޖަޒީރާގައި ޔަހޫދީ ސިފައިން ވަރަށް ގިނަ"

ސިފައިންގެ މީހާ ބުންޏެވެ. "އަހަރެމެން އަތުގައި މި ތާ ގުލޯބު އާކުގައި ބަޑިބޭހާއި އުންޑައެއް ވެސް މަދެއް ނޫން."

އެ މީހުން މަރުވެފައި ތިބި ސިފައިންގެ ހަތިޔާރު ނެގިއެވެ. އިންޖިނޭރު ބުންޏެވެ.

"ހިންމަތު ރާއޯ! ހިތްވަރުދެރަކޮށްގެން ކަމަކުނުދާނެ. އަހަރެމެންގެ ސަރުކާރުތަކުން އެހީ ލިބެންދެން އަހަރެމެން ހަނގުރާމަކުރަން ޖެހޭނެ."

އެ މީހުން ލިފުޓަށް އަރައިގެން ތިރިއަށް ދިޔައެވެ. އެރޭ ޖަޒީރާ ފެންނަނީ ވަރަށް ސިއްރުން ފުރިފައިވާ ގޮތަކަށެވެ. ހުރިހައި ދިމާއެއްގައި ވަނީ ހަމަހިމޭންކަމެވެ. އުސް ފަސްގަނޑެއްގެ މަތީގައި މެޝިން ބަޑި ބަހައްޓައިފައި ހުއްޓެވެ. ސިފައިން އެ ތާ ތިބެގެން ފޯރިމަރަން ހަމަޖެއްސީ އެތަނަށް ހުރިހައި ކޮޓެޖު ފެންނާތީއެވެ. މެންދަމުގެ ފަހުން ސިފައިންގެ މީހަކު އޭނާގެ އޮފިސަރާ ބައްދަލުކުރަން ދިއުމުން އެނގުނީ ނުހަނު ސިއްރުން ޔަހޫދީން މަރަމުން ގެންދާކަމެވެ. ތަހުގީގުކުރި އިރު ޑަކުޓަރު ބުނެފައި ވަނީ ފަސް އަންހެނުންނާއި ސިފައިންގެ މީހަކާއި އޭނާގެ އޮފިސަރު ކުރިސްޓޮފަރު މަރައިލައިފައިވަނީ ޒަހަރު ދީގެން ކަމަށެވެ.

ހަތަރު ސިފައިންގެ ޓީމެއް ހުރިހައި ކޮޓެޖެއް ފާސްކުރަން ފެށިއެވެ. ނަމަވެސް ޒަހަރެއް ވެސް ޒަހަރު ބޭނުންކުރާ ގާތިލުންނެއް ވެސް ނުފެނުނެވެ. ފާސްކޮށްކޮށް ތިއްބާ ފަތިސްވިއެވެ. ސިފައިންގެ ދެ މީހުން އަޑުގަދަކުރާ ހިފައިގެން ގުލޯބު އާކު ކައިރިއަށް ދިޔައެވެ. ގުލޯބު އާކުގެ ދޮރު ބަންދުކުރީ ކީއްވެގެންތޯ އެ މީހުން ހިންމަތު ރާއޯއާ ސުވާލުކުރިއެވެ. އަދި ވަގުތުން ބޭރަށް ނުކުތުމަށް އެންގިއެވެ.

ގުލޯބު އާކުގައި ތިބި މީހުން ބޭރަކަށް ނުނުކުތެވެ. އެކަމަކު ޕޯޓުހޯލުން އުންޑަތައް ބޭރަށް ނުކުތެވެ. އަދި ދެ ސިފައިން ޝިކާރަކުރިއެވެ. އެ ވަގުތު ދުރުން ޖައްވުގެ ތެރެއިން ހެލިކޮޕުޓަރުގެ އަޑު އިވުނެވެ. ކުޑައިރުކޮޅެއްގެ ފަހުން ދެ ހެލިކޮޕުޓަރު ފެނުނެވެ. އެ ދޭތި ބޯމަތީގައި އެނބުރެން ފެށިއެވެ. އެއް ހެލިކޮޕުޓަރުން އަޑުގަދަކުރާގެ ޒަރީއާއިން މީހަކު ބުނަމުން ގެންދިޔައެވެ.

"އެޓެންޝަން ޕުލީޒު. މި ޖަޒީރާ ހުސްކުރުމުގެ އިންތިޒާމުކުރެވެމުން އެބަ ދޭ. މިއަދު ހަވީރު މި ރަށަށް ހެލިކޮޕުޓަރު ޖައްސާނެ. އެއީ ތިޔަ ހުރިހައި ބޭފުޅުން ތިޔަ ބޭފުޅުންގެ ގައުމުގައުމަށް ގެންދިއުމަށް ޓަކައި. އަޅުގަނޑުމެން އެދެނީ އޭގެ ކުރިން ހުރިހައި ހަތިޔާރެއް ޖަޒީރާގެ ހާމައަށް އޮތް ސަރަހައްދަށް އެއްކުރަން. އަޅުގަނޑުމެންގެ މި އެދުމާ ދެކޮޅަށް ހަރަކާތެއް ހިންގައިފިނަމަ މި ރަށަށް ބޮންއަޅަން އަޅުގަނޑުމެންނަށް މަޖުބޫރުވާނެ."

އޭގެ ފަހުންވެސް ވާހަކައެއް ބުނަން އުޅުނެވެ. އެކަމަކު ކުއްލިއަކަށް މެޝިންބަޑި ޖަހަންފެށިއެވެ. އެއް ހެލިކޮޕްޓަރު ބާރަށް ދުއްވައިފައި ގޮސް ފިލިއެވެ. ތިރިން އުދުހެމުން ދިޔަ އަނެކައްޗަށް ވަޒަން އަރައި ބިމަށް ވެއްޓުނެވެ. ދެން އޭގައި އަލިފާން ރޯވިއެވެ.

އެ މީހުން ބުނި ބުނުމަކީ ހަމައެކަނި ބިރުދެއްކުމެއްކަން މެޝިންބަޑި ބޭނުންކުރި ޔަހޫދީންނަށް ރަނގަޅަށް އެނގެއެވެ. ދުނިޔޭގެ މުހިންމު މީހުން ތިބި ޖަޒީރާއަކަށް ފަހަރެއްގައި ވެސް ބޮމެއް ނާޅާނެއެވެ. އެ މީހުންގެ އެ ޚިޔާލު ރަނގަޅެވެ. ހުރިހައި ގައުމެއްގެ ވެސް ފިކުރަކީ މުހިންމު މީހުންނާއި ވަގަށްނަގައިފައި ވާ މީހުން ރައްކާތެރިކަމާ އެކު އެ މީހުންގެ ވަޒަނަށް ގެންދިއުމެވެ. އެކަމަކު އެ މީހުން ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ޚޫރްޝީދު ބަލްގުރާމީ ހާމަކުރި ފަދައިން ޖަޕާނުގައި އެ ދުވަހު ބިން ހެލުނެވެ. ބަޙުރުލް ކާހިލާއި ޚަލީޖު ބެންގޯލުގައި ތޫފާނު އުފެދުނު ޚަބަރު ރޭޑިއޯއިން ދުރަށް ފޮނުވަމުން ދިޔައެވެ. ހަވީރު އެ ޚަބަރު އަޑު އަހައިފައި ހާތޯރާ ބުންޏެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.