ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 26

(30 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެމެންގެ މި ބިން އެނބުރެނީ އިރުގެ ވަށައިގެން. އޮގަސްޓު ފުރަތަމަ ދުވަހު ދުންތަރިއާ ބެހޭ ގޮތުން އަޅުގަނޑު އެ ވާހަކަ ބުނިއިރު ޢަދޫލު ސައިފީ އޭ ކިޔާ މި ދަނޑި ހުރަސްކޮށްފި. އޭރު ދުންތަރި ހުރީ ޢަދޫލު ޝަތުވީ ދަނޑި އާއި އިޢުތިދާލު ރަބީޢީ ދަނޑިއާ ދެމެދުގައި.

ބިމުގެ އެނބުރުމަށް މިހާރު ބައްލަވާ. ފިނި މޫސުމުގައި ބާވީސް ޑިސެންބަރުގައި ބިން ޢަދޫލު ޝަތުވީ ދަނޑި ހުރަސްކުރާނެ. އެ ގޮތަށް އެ ދަނޑި ހުރަސްކޮށް މިހާރު އެ ދަތުރުކުރަނީ އިޢުތިދާލު ރަބީޢީ ދަނޑިއާ ދިމާއަށް. ދުންތަރި އެ ދަނީ އޭގެ މަގުން ދަތުރުކުރަމުން. އެ ތަރި މި ރަތް ދަނޑީގައި ޑިސެންބަރު އަށާވީހުގައި ޖެހޭނެކަން އޭރު އަޅުގަނޑަށް މުޅިން ޔަގީން..."

"އެހެންވިއްޔާ މިހާރަކު ނުޖެހޭނެތޯ؟" ހާތޯރާ ކެތްތެރިކަމެއް ނެތި ސުވާލުކުރިއެވެ.

ނުޖެހޭނެ. އެކަމަކު ބިމަށް އަސަރުކުރާނެ. އަޅުގަނޑުމެންގެ ބިމުގެ އެނބުރުން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގޭ. އެކަމަކު ދުންތަރި ދަތުރުކުރަމުން އަންނަނީ ގަޑިއަކު ހަތް ސަތޭކަ މޭލުގެ ބާރުމިނުގައި ކަމަށް ލަފާކުރެވުނު ލަފާކުރުން ނުބައިވީ. އޭގެ ދުވެލި އެއަށްވުރެ މާ ބާރު. ބާރުކަން ހުރި ވަރުން އަށާވީސް ޑިސެންބަރުގައި އަޅުގަނޑުމެންގެ ބިން ދާނެ ހިސާބުގެ ނުރައްކަލުގެ ރަތް ރޮނގު މިހާރު ހުރަސްކޮށްފި.

އެހެންނަމަވެސް އެ ތަރި އެ ދަނީ ބިމާ ވަރަށް ކައިރިން. އިޓަލީއަށް ބިން ހެލުން އައީ އެހެންވީމާ. ބިމުގެ އެނބުރުމުގެ މައްޗަށް ބަލާ އިރު މާދަމާ ސައްބީސް ޑިސެންބަރުގައި ޖަޕާނާއި، ބަޙުރުލް ކާހިލާއި، ޚަލީޖު ބެންގޯލުގެ ވަރަށް ބޮޑު ބައަކަށް އެ ތަރީގެ އަސަރު ކުރާނެ. މާދަމާނޫންއަނެއްދުވަހު ހަތާވީސް ޑިސެންބަރު ދުވަހުގެރޭ އެގާރަ ޖަހާ އިރު، އަޅުގަނޑުމެން މި ތިބި ޖަޒީރާ އޮތް ބަޙުރު އަދުގަޔާނޫސްގެ ހުރިހައި ހިސާބަކަށް އަސަރުކުރާނެ އެކަމަކު އެއީ ވަރަށް ކުޑަކޮށް. އެއީ އެހައި އިރު ވާ އިރު އެ ތަރި އިރުގެ އޯބިޓުން ނުކުމެދާނެ. އަދި 1664ވަނަ އަހަރެކޭ އެއްގޮތަށް ޖުޕިޓަރާ ދިމާއަށް ދަތުރުކުރާނެ."

"ޚޫރުޝީދު ދެންމެ ތިޔަ ބުނުއްވީ މާދަމާ ބަޙުރުލް ކާހިލުގެ ވަރަށް ބޮޑު ބައަކަށް އަސަރުކުރާނެ ކަމަށް. އަޅުގަނޑުގެ ގައުމު ފިލިޕީންސް އޮންނާނީ އެ ކަނޑުގައި. އަޅުގަނޑުގެ ސޯމުނާ އިންނަނީ އެ ތާނގައި."

"ކަންބޮޑުވެނުލައްވާ. އިރާދަކުރެއްވިއްޔާ ސޯމުނާއަކަށް ކަމެއް ނުވާނެ."

"އެކަމަކު އަޅުގަނޑުމެންނެއް ނުތިބޭނެ. މިސްޓަރ ޚޫރުޝީދު! މާދަމާނޫންއަނެއްދުވަހު އެ ތަރީގެ އަސަރު މި ޖަޒީރާއަށް ކުރާނެ."

"ހޫނ. އޭނާ ހިސާބަކަށް ކަންބޮޑުވެފައި ބުންޏެވެ. "އަޅުގަނޑުމެންގެ ޢިލްމުން އަޅުގަނޑުމެންނަށް އެނގެނީ ކަމެއް ވާން އުޅޭކަން. އެކަމަކު އެކަމެއް ވާނެ ގޮތުގެ ފުރިހަމަ ފޮޓޯއެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެ ކަން ދިމާވާނީ ކިހިނެއް ކަމެއް ނޭނގޭ. އެއެއް އެނގޭނަމަ އަޅުގަނޑުމެން ތަދުބީރުކޮށްގެން ވާން އޮތް ކަންތައް ނުވާނެ ގޮތެއް ހަދާނެ."

"މިސްޓަރ ޚޫރްޝީދު! މާދަމާ ނޫން އަނެއް ދުވަހުން ބިމުގެ މި ބަޔަށް އަސަރުފޯރާނެކަން އެނގޭ. ވީ އިރު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ފުރާނާ ސަލާމަތްކުރަން މަސައްކަތް ކުރެވިދާނެ ނޫންތޯ. އަޅުގަނޑު މި ނަންގަންނަނީ ހަމަ ތެދެއް. އަޅުގަނޑު އެ ގުލޯބު އާކުގައި ދިރިއުޅެން ބޭނުމެއް ނޫން. އަޅުގަނޑު ގައިދީއެއްގެ ގޮތުގައެއް ނުދާނަން. ކަލާ ހިތްވަރުކުރައްވައިފި ނަމަ އަޅުގަނޑުމެންނަށް މި ތަނުން ފިލިދާނެ."

އޭނާ ޖަވާބު ދިނުމުގެ ބަދަލުގައި ކަނާތްތިލައަށް ބަލަންފެށިއެވެ. ހާތޯރާ ސުވާލުކުރިއެވެ.

"ޚޫރުޝީދު އަތުގެ ނާރުތައް ބައްލަވަނީތޯ؟"

"ލައްބަ. ބަލާކަށް ބޭނުމެއް ނޫން. އެކަމަކު މި ބަލަނީ. ތަގުދީރުގެ ކާތިބު އަޅުގަނޑަށް ޓަކައި ލިޔާ ހުކުން އަތްތިލައިގެ ނާރުތައް ކިޔުމަކާ ނުލައި ގަބޫލުކުރާނަމޭ ވަރަށް ގިނައިން ހިތަށްއަރާ. އެކަމަކު ނަމާދުކޮށް ނިމިގެން ދުޢާއަށް އަތް އުފުލައިލުމާ އެކު އަތްތިލަ ލޮލުގެ ކުރިމައްޗަށް އާދޭ. އަދި ނާރުތައް އަމިއްލައަށް ވާހަކަދައްކަން ފަށާ."

"ނާރުތައް ނަންގަންނަނީ ކީކޭތޯ؟ އަޅުގަނޑާ ބައިވެރިވެނުލައްވާން ކަލާއަށް ބާރުއަޅައި ބިރުގަންނަވަނީތޯ؟"

"ނާރުތަކުގެ ވާހަކައާ މެދު ސުވާލުނުކުރައްވާ. އަޅުގަނޑު ކަލާއާ ބައިވެރިވާނަން. އެކަމަކު ޝަރުތެއްގެ މަތިން. އެއީ އަޅުގަނޑުގެ މާޖިދާ އަޅުގަނޑާ އެކުގައި ދާނެ."

"މިސްޓަރ ޚޫރުޝީދު! ދަރިފުޅުގެ ގުޅުމަކީ ހުތުރު ލަފުޒެއް ކަމަށް ދެކޭ އަންހެނަކަށް ކަލާ މާޖިދާއޭ ކިއުއްވަނީތޯ. އޭނާ ކަލާއާ އެކުގައެއް ނުދާނެ."

"ގިޔާމަތުން ސަލާމަތްވެއްޖެ ކަމަށް އަޅުގަނޑު އޭނާއަށް ޔަގީންކޮށްދޭނަން."

"އޭނާ އެހައި ގިނަ ސައިންސުވެރިންނާއި ފަލަކިއްޔާތުގެ މާހިރުންގެ ތެރޭގައި ހުރެފައި ނުޖޫމީއެއްގެ ބަހެއް ގަބޫލެއް ނުކުރާނެ."

"އަޅުގަނޑު ހިންމަތު ރާއޯއަށް، ގުލޯބު އާކުގެ އޮބުޒަވޭޓަރީން ދުންތަރި ބަލާން ޗެލެންޖުކުރާނަން. އޭނާއަށް އަޅުގަނޑުގެ ވާހަކަ ޔަގީންކުރެވޭނެ. އޭރުން އޭނާ ރޫޕުވަތީއަށް ޔަގީންކޮށްދޭނެ."

"ކަލާނގެއަށް ޓަކައި ނަންގަންނަން. ކަލާ އެއްވެސް މީހަކަށް ޗެލެންޖުނުކުރައްވާ. އެ މީހުން އެއްބައަކު އަނެއް ބައަކާ ތަޅައިފޮޅަން ހަދައިގެން އެ އުޅެނީ އޮބުޒަވޭޓަރީއާ ދިމާއަށް ނުދެވިގެން. ދުންތަރީގެ ނުރައްކާ ފިލައިފިކަން އެ ޔަހޫދީންނަށް އެނގިއްޖެއްޔާ އެ މީހުންގެ ކުށުގެ ހެކި ނައްތައިލުމަށް ޓަކައި އަޅުގަނޑުމެން މަރައިލާނެ. އަޅުގަނޑުމެން އެނބުރި އަޅުގަނޑުމެންގެ ގައުމަށް ގޮސް އަޅުގަނޑުމެން ވަގަށްނެގި ވާހަކަ ޔަގީންކޮށްދޭކަށް އެ މީހުން ބޭނުމެއްނުވާނެ."

ހާތޯރާ އެ ބުނަނީ ތެދެކެވެ. ޚޫރުޝީދު ބަލްގުރާމީ ވިސްނިއެވެ.

"އެންމެ ރަނގަޅު. އަޅުގަނޑު އެއްވެސް މީހެއް ގާތަކު ނުބުނާނަން. އެކަމަކު ރޫޕުވަތީ ބަހައްޓައިފައި އެއްވެސް ތާކަށް ނުދެވޭނެ."

"މިސްޓަރ ޚޫރުޝީދު! އަޅުގަނޑު ރޫޕުވަތީއަކަށް ނުބައެއް ނުކިޔާނަން. ކަލާގެ ޖަޒުބާތަށް ތަދުވާނެ. އެކަމަކު އަޅުގަނޑު ނަންގަންނާނަން. ދުނިޔޭގެ މީސްތަކުން ވަނީ އޭނާގެ އެތެރެއަށް ޒަހަރު އަޅައިފައި. މިހާރު އެއީ ވިހަ ހަރުފައެއް. ކަލާއަށް އޭނާ ގޮވައިގެން މި ތަނުން ދުރުވުމުގައި ކާމިޔާބު ލިބިލެއްވިޔަސް އޭނާގެ ބަދުނާމުތަކަށް ކެތްކުރައްވައިގެން ދިރިއެއްނުހުންނެވޭ."

"އޭނާއާ އެކުގައި މަރުވެވިދާނެއެއް ނޫންތޯ؟"

ޚޫރުޝީދު ބަލްގުރާމީގެ އަޒުމު ފެނުމުން އޭނާގެ ގާތަށް ރުޅިއައެވެ. އޭނާ ކޮޓަރިން ބޭރަށް ހިނގައިގަންނަމުން ބުންޏެވެ.

"ޚޫރުޝީދު އަޅުގަނޑާ ބައިވެރިވެލެއްވިޔަސް ނުލެއްވިޔަސް އަޅުގަނޑު މި ދަނޑިވަޅުގެ ފައިދާ ހޯދަން މަސައްކަތް ކުރާނަން."

"މަޑުކުރައްވާ ހާތޯރާ، އަވަސް އަރައިގަނެގެން ނޫޅުއްވާ..."

އެކަމަކު އޭނާ ހުއްޓޭކަށް ބޭނުމެއް ނުވިއެވެ. ބާރަށް ހިނގައިފައި ކޮޓަރިން ބޭރަށް ނުކުތެވެ. ދެން ކޮޓެޖުން ބޭރަށް ނުކުތެވެ. ހަތިޔާރުއެޅި ސިފައިންގެ އޮފިސަރެއް އެ ތާނގައި ހުއްޓެވެ. އޭނާ ބުންޏެވެ.

"ސޮރީ މިސްޓަރ ހާތޯރާ. ތިޔަ ބޭކަލުންނަށް ކޮޓެޖުން ބޭރަކަށް ނުދުރުވެވޭނެ. މި ފަހަރު ހަމައެކަނި ތިޔަ ބޭކަލުންނެއް ނޫން. އެހެން މީހުން ވެސް އެ މީހުންގެ ކޮޓެޖުން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައި. ބޭރަށް ނުކުތުން މަނާ ގާނޫނު ހިންގައިފައި ކަމަށް ބައްލަވާ. ބޭރަށް ނުކުންނަ މީހުންގެ ގައަށް ބަޑިޖަހާނެ."

ހާތޯރާ ކުރާނެ ކަމެއް ނެތިގެން ބަލައިލިއެވެ. ކޮޓެޖުގެ ގޯތީގެ ދޮރޯށި ކައިރީގައި ހަތިޔާރު އެޅި ދެ ޒުވާނުން ސަމާލުގައި ތިއްބެވެ. އަމުރު އައުމާ އެކު ބަޑިޖަހަން ތައްޔާރަށް ތިބި ކަހަލައެވެ. އޭނާ އިސްޖަހައިލައިގެން އެނބުރި ކޮޓެޖަށް ވަނެވެ.

ދިހަ ނަންބަރު ކޮޓެޖުގައި ރޫޕުވަތީ އަރާމު ގޮނޑިއެއްގައި، ހިންމަތު ރާއޯއަށް ބަލަން އިނެވެ. ހިންމަތު ރާއޯ ހުރީ ނުތަނަވަސްކަމާ އެކު ދެކޮޅަށް ހިނގައިލަހިނގައިލައެވެ. އޭނާ މަޑުމަޑުން ވާހަކަދައްކަމުން ގެންދިއައެވެ.

"އެ މީހުން ކުރިއްސުރެން ވެސް އައީ އަހަންނަށް އިތުބާރުކުރަމުން. އެ މީހުން އަހަރެން ކޮޓެޖުގައި ހައްޔަރުކުރި ސަބަބެއް ނުވިސްނޭ."

ރޫޕުވަތީ ބުންޏެވެ. ހަމައެކަނި ކަލެއެއް ނޫން. އެންމެން ވަނީ ހައްޔަރުކޮށްފައި. ކަލޭ އަޑެއް ނާހަންތަ؟ އެ އޮފިސަރު ބުންޏެއްނު. ބޭރަށް ނުކުތުން މަނާ ގާނޫނު ހިންގަނީއޭ. ކާއެއްޗެއްސާއި ރަލާއި ސިނގިރެޓާއި އެހެން އެއްޗެހި ހޯދަން ކުޅިވަރު މާލަމަށް ދެވޭނީ ކޮޓެޖުގައި އުޅޭ އަންހެނުންނަށް އެކަންޏޭ. މާނައަކީ ކަލެއަކީ ގައިދީއެއް. އަހަންނަކީ މިނިވަނެއް."

"ބޭކާރު އަނގަނުތަޅާ." އޭނާ ރުޅިއައިސްފައި ބުންޏެވެ. "ކަލޭ ގޮވައިގެން މި ތަނަށް އާދެވުނީތީ އަހަރެން ހިތާމަކުރަން. މި ތަނުން ނުވަ މީހުން މަރާލައިފިކަން ކަލެއަށް އެނގެންޖެހޭނެ. އެ މީހުންނާ އެކުގައި އައި ރީތި ނުވަ އަންހެނުން މިހާރު ތިބީ ހުހަށް. އަހަރެން ކަލޭ ދޫކޮށްލައިފައި ގުލޯބު އާކަށް ދާނީ އެ ތަނުން މީހަކު ގޮވައިގެން."

ރޫޕުވަތީ ނިކަމެތިކޮށްލުމުގެ ރާގުގައި ބުންޏެވެ. "މުސްކުޅި އުމުރުގައި ތިމާގެ ދަރިއަށް ކެހި ދިން މީހަކު އަހަންނަށް ވެސް މަކަރުހަދާނެކަން އަހަންނަށް އެނގޭ."

"އެއީ އަހަރެންގެ ދަރިއެއް ނޫން!" ހިންމަތު ރާއޯ ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ.

"އެއީ ކަލޭގެ ދަރިއެއްކަން ނުވަތަ އެހެން މީހެއްގެ ދަރިއެއްކަން ޔަގީންކަމާއެކު ބުނަން އެނގޭނީ ހަމައެކަނި އަންހެނުންނަށް. ފިރިހެނުންނަށް އޮތް ގޮތަކީ ހަމައެކަނި ފިރިމީހާގެ ނުވަތަ ބައްޕަގެ ލޭބަލު ތަތްކޮށްގެން އުފަލުގައި ތިބުން. ހާހާހާހާ..."

އޭނާ ހީނގެންފައި ގޮނޑިން ތެދުވެފައި ބުންޏެވެ.

"އަހަރެން މި ދަނީ ކާއެއްޗެއް ބަލާ. އަދި އެ ނުވަ އަންހެނުން ގާތު އަހައިލާނަން. ކަލެއާ އެކީ ދާނީ ކާކުތޯ؟"

އޭނާ ހެމުން ކޮޓެޖުން ބޭރަށް ނުކުތެވެ. ހަތިޔާރުއެޅި ސިފައިންގެ މީހެއް ބޭރުގައި ހެޑުލައިޓުތަކުގެ އަލީގައި ހުއްޓެވެ. އޭނާ ހިނިތުންވަމުން އެ މީހާ ގާތުން ދިޔައެވެ. ކުޅިވަރު މާލަން ހުރީ ސަތޭކަ ގަޒު ދުރުގައެވެ. ކުޅިވަރު މާލަމުގެ ކައިރިއަށް އޭނާއަށް ދެވުނު ހިނދު ދުރުން އޭނާއަށް އެއް ނަންބަރު ކޮޓެޖު ފެނުނެވެ. އެއާ އެކުގައި ޚޫރުޝީދު ބަލްގުރާމީގެ މޫނު އޭނާގެ ލޮލުގެ ކުރިމައްޗަށް އައެވެ. އޭނާއަށް އިސްޖެހުނެވެ. އޭނާ ހިތަށްއެރިއެވެ.

"އަހަންނަށް މި އިސްޖެހުނީ ކީއްވެގެން. މީހުންނަށް އިސްޖެހެނީ ބަގުވާނުގެ ކުރިމަތީގައި. ނޫނީ ގާތް ގުޅުމެއްގެ ކުރިމަތީގައި. ބަގުވާން ދުވަހަކުވެސް އަހަންނަކާ ބައވެރިއެއް ނުވޭ. މާތް ގުޅުމެއް ދުވަހަކު ވެސް އަހަންނަކަށް ތައާރަފެއް ނުކުރޭ.

އެކަމަކު އެ ރަންތުނބުޅިލީމީހާ ޚިޔާލަށް އައީމާ އަހަންނަށް އެ ވަނީ ކީއްކަމެއް ނޭނގޭ. އަހަރެން އެ ކުޅޭބުދު މޭގައި ޖައްސައިލިން. އެ ވަގުތު ބުދަކަށް ވެގެން އަހަރެން ވެސް އެ ނުޖޫމީގެ މޭގައި ބޯއަޅައިލަން ބޭނުންވި. އަހަރެންގެ ހަޔާތުގެ ލަދުވެތި ހަތަރު އަނގޮޅިން އޭނާގެ ދަރިފުޅު ވެސް ދިޔަކަން އޭނާގެ ވާހަކައިން އެނގޭ. އެކަ- އެކަމަކު އަހަރެން ކުރާނީ ކީއް..."

އެއަށްފަހު އެނާ އެއް ނަންބަރު ކޮޓެޖާ ދިމާއަށް ބަލައިލުމުން އޭނާއަށް ހީވީ އެ ރަންތުނބުޅިލީމީހާ ކޮޓެޖުގެ އެތެރޭގައި އިނދެގެން ރޮނީހެންނެވެ. އަންހެން ދަރިއަކު އޭނާ ރޮއްވަމުން ގެންދަނީއެވެ. އެ އަންހެން ދަރިފުޅަށް ކޮންމެ ނަމެއް ވެސް ކިއައިފާނެއެވެ. ރެއިއްސުރެން އޭނާ އެތެރެއިން އުށަށް ވަމުން ދަނީ ކީއްވެގެން ކަން ރޫޕުވަތީއަށް އެނގުނީ ދެނެވެ. އެއީ މި ދުނިޔޭގައި ބައްޕައިން އެ މީހުންގެ އަންހެން ދަރީންނަށް ޓަކައި ކަރުނަ އޮހޮރަން އަދި ދަންނާތީއެވެ. އޭނާގެ އަމިއްލަ ތަގުދީރުގައި އޭނާއށް ދެރަގޮތެއް ދިމާވި ނަމަވެސް އޭގެ މާނައަކީ އޭނާ ދުވަސްވީ މީހުންނަށް އިހުތިރާމުކުރުން ދޫކޮށްލާން ވުމެއް ނޫނެވެ. އޭނާއަށް އިސްޖެހުނީ އިހުތިރާމުކުރުމުގެ ގޮތުންކަން އެ ވަގުތު އޭނާއަށް އެނގުނެވެ.

އޭނާ ކުޅިވަރު މާލަމަށް އައިސް ވިސްކީ ފުޅިއަކާއި ދެ މީހުންގެ ކާނާ ބަންދުކުރުމަށް އޯޑަރުކުރިއެވެ. ދެން ގޮނޑިއެއް ދަމައިލައިފައި މޭޒެއްގެ ދޮށުގައި އިށީނެވެ. ހޫނު ކާނާ ބަންދުކޮށްގެން ގެންނަން ކުޑަކޮށް ލަސްވާނެއެވެ. އެކަމަކު ވިސްކީ ފުޅިއާއި ބިއްލޫރިތަށި ވަގުތުން އޭނާގެ ކުރިމަތީގައި މޭޒުމަތީގައި ބެހެއްޓިއެވެ.

ފުޅި ފެނުމާ އެކުގައި ކަރުހިއްކުން އިތުރުވާ ގޮތް އެނގޭނީ ހަމަ ރާބޯ މީހަކަށެވެ. އެ ފަދަ މީހަކަށް ފުޅި ފެނުމާ އެކު ސިކުނޑީގެ އުޑުގައި ވިލާބޯވާން ފަށައެވެ. ރޫޕުވަތީގެ ލޮލަށް މަސްތުކަން ވެރިވާން ފެށިއެވެ. އެނާ ފުޅި ކަނޑައިލައިފައި ޕެގެއް ހަދަން ފެށިއެވެ. ކަނޑުގައި ބީހިލައިފައި އަންނަ ފިނި ވައިގެ ތެރޭގައި ވިސްކީން ހިތްހަމަޖެހުން ލިބެއެވެ. އޭނާ މަސްތީ ލޮލަކުން ރާތަށްޓަށް ބަލަން ފެށިއެވެ. ކުއްލިއަކަށް ރާތަށީގެ ތެރެއިން އޭނާއަށް ޚޫރުޝީދު ބަލްގުރާމީ ފެނުނެވެ. އޭނާ ހިންމަތު ރާއޯގެ އަތުގައި ފައިން ޖަހައި ފިސްތޯލަ ވައްޓައިލަނީއެވެ. އެއަށްފަހު ހިންމަތު ރާއޯ ބިންމައްޗަށް ވައްޓައިލައި އޭނާގެ ގައިގައި ގޮށްމުށުން ތަޅަމުން ބުނަނީއެވެ. ޝައިޠާނާގެ ދަރިޔާ! މިއަދު އަހަރެންގެ ދަރިފުޅު ދުނިޔޭގައި އިންނަމަ މީހުން އޭނާއާ ދިމާއަށް ވެސް ކަސްބީއޭ ގޮވައި އޭނާ ބަދުނާމުކުރަމުން ގެންދިއައީސް... އަހަރެން ކަލޭ މަރައިލާނަން. ހިންމަތު ރާއޯ! އަހަރެން ކަލޭ މަރައިލާނަން. މަލިކު މުޚުތާރު!..."

ރޫޕުވަތީގެ ލޯ ތެމެން ފެށިއެވެ. އޭނާއަށް ޓަކައި ހިންމަތު ރާއޯއާއި މަލިކު މުޚްތާރު ކަހަލަ މީހުން މަރައިލަން އުޅުނު ފުރަތަމަ އިންސާނަކަށް އޭނާއާ ދިމާވި މީހަކީ ޚޫރުޝީދު ބަލްގުރާމީއެވެ. ޣޭރަތްތެރި ބައްޕައެއް ފަދައިން އޭނާގެ ބޯމަތީގައި ފަސްބައި ފަތުރައިލަން ފުރަތަމަ އުޅުނު މީހަކީ އެއީއެވެ.

ރާތަށިން ފެނުނެވެ. ޚޫރުޝީދު ބަލްގުރާމީ އޭނާގެ ބޯމަތީގައި ފަސްބައި ފަތުރައިލައިފައި ބުނަމުން ގެންދިޔައެވެ.

"ދަރިފުޅާ މާޖިދާ! ތިޔައީ ވިޔާނުދާ ކަމެއް. މާތް ކުދީންނެއް ރަލަކު އަތެއް ނުލާނެ. ތިޔަ ނުބޮއި."

ބައްޕާ! އަޅުގަނޑު ބޯނަން. ނުބޮއެއް ނުހުންނާނަން."

އޭނާގެ ކަންކަށީގައި ވަރުގަދަ އެތިފަހަރެއް ޖެހުނެވެ. އުފަލުން އޭނާއަށް ރޮވެން ފެށިއެވެ. ބައްޕައަކު ފުރަތަމަ ފަހަރަށް، އޭނާ ނުބައިމަގުން އެއްފަރާތްކުރުމަށް ޓަކައި އޭނާގެ ގައިގައި ޖެހީއެވެ. ބައްޕައެއްގެ އަންހެން ދަރިއަކަށް ވުމުގެ އުފާ އެންމެ ފުރަތަމަ ފަހަރަށް އޭނާއަށް ލިބުނެވެ. އެކަމަކު ރާތަށިން ފެންނަމުން ދިޔަ މަންޒަރު ވަރަށް އަވަހަށް ނިމުނެވެ. މިހާރު އޭނާގެ ވަށައިގެންވަނީ އެ ކުޅިވަރު މާލަމުގެ މަންޒަރެވެ. އޭނާގެ ކުރިމަތީގައި ހުރި އޮފިސަރަކު ސުވާލުކުރަމުން ގެންދެއެވެ.

"ކިހިނެއްވީ؟ ތިޔަ ރޮނީ ކޮން ކަމަކާ؟"

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.