ބަނގުރާ ކައްކަމުންދިޔަ މީހަކު ލ. ގަމުން ހައްޔަރުކޮށްފި

ބަނގުރާ ކައްކަމުންދިޔަ މީހަކު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު ލ. ގަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. ގަން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އޭނާގެ ހަރަކާތްތަކަށް ފާރަލަމުންދަނިކޮށް ލ. ގަން ތުނޑި އިންޖީނުގެއާ ދިމާލު ވަލުތެރޭގައި ބަނގުރާ ކައްކަމުންދަނިކޮށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ އެވަގުތު ހުރިތަން ބަލައިފާސްކުރިއިރު އެތަނުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 1.5 ލީޓަރު 8 ފުޅިއާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމަނުތަކެއް ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ކުޑަކުއްޖަކާމެދު ބަދުއަހުލާޤީ އަމަލު ހިންގުމާއި މާރާމާރީ އާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން މަސްތުވާކެއްޗާއި ވައްކަމުގެ ގިނަ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 3 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.