ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 20

(24 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ނޫން. އަޅުގަނޑަކަށް ދޮރުހުޅުވާކަށް ނުކެރޭނެ. އަޅުގަނޑަކަށް ބައްޕައަށް މޫނުދައްކާކަށް ނުކެރޭނެ. ނޫން. ނޫން. ނޫން. ނޫން..."

މި އަޅާގެ ލޭ ރުޅީގެ އަލިފާނުގައި ކެކެން ފެށި. މި އަޅާ މުށްކަވައިފައި ޢާބިދާއާއި މަލިކު މުޚުތާރަށް ބަލައިލިން.. އެ ދެ މީހުންގެ ކަރުގައި ހިފައި މަރައިލާން ހިތަށްއެރި. އެކަމަކު މާޖިދާގެ އަޑު މި އަޅާ ހުއްޓުވި.

"ބައްޕާ! ބައްޕަ ތިޔަ ދުރުވީ މާ ލަހުން. ދެން އެނބުރި ދުރުވޭ. ކަލާނގެ ގަންދެން. އަޅުގަނޑު ދުނިޔޭގައި ހުރެގެން ބައްޕައަކަށް މޫނެއް ނުދައްކާނަން. ބައްޕަ ގާތު ވެސް އާދޭސްކުރަން. އަޅުގަނޑު މަރުވުމަށް ފަހު ވެސް އަޅުގަނޑުގެ މޫނު ދެކެނުލައްވާތި. އަޅުގަނޑުގެ މިހައި ވަރުގެ ލަދުވެތިކަމެއް ގަބޫލުކުރައްވާ. ބައްޕާ..."

އޭނާގެ ވާހަކަ ނިމުމާ އެކު އެތެރެއިން ދޮރުފަތުގައި އެއްޗެއް ޖެހުނު. އިނިސްޕެކުޓަރު ބުނި. "އެއީ ގޮނޑިއެއް ވެއްޓުނު އަޑު..."

ދެން މި އަޅާ ބާރަށް ދޮރުފަތުގައި ތަޅަމުން ގޮވިން. އެކަމަކު އޭނާގެ އަޑެއް ނީވުނު. މި އަޅާ އިނިސްޕެކުޓަރާ އެކު ދޮރުފަތުގައި ފައިން ތަޅަން ފެށިން.

ފުރަތަމަ އެތިފަހަރު – "ބުނޭ، އަހަރެންގެ ލަދުކުޑަ ތަޤުދީރު! އަހަރެންގެ ކުށެއް ނެތް ދަރިފުޅު ކޮޓަރީގައި މޫނު ފޮރުވަނީ ކީއްވެގެން؟"

ދެ ވަނަ އެތިފަހަރު – "ބުނޭ، އަހަރެންގެ ލަދުވެތި ޟަމީރު! ކަލޭ އަހަރެމެން މާތްކޮށް އުޅެން ވާގިދެނީ އެހެން މީހުން އަހަރެންނަކީ ފިނޑި، މޮޔަ ބައެއް ކަމަށް ބަލައިފައި އެ މީހުން ލައްވާ އަހަރެމެންގެ އިއްޒަތާ ކުޅުވަންތަ؟"

ތިން ވަނަ އެތިފަހަރު – "އަހަރެމެންނަކީ ބޮލަށްވުރެ މައްޗަށް ފެން އެރީމާ ހިލައިގައި ބޯ ތަޅާ މީހުން. ލިބޭ އެއްޗެއް ނޯވޭ. ފެޅެނީ އަމިއްލަ ބޯ."

އެތިފަހަރަކަށް ފަހު އެތިފަހަރެއް. ހެދޭނެ ގޮތެއް ނެތް. ބޭސް، ވޭނަކު ނުޖެހޭ. ދުޢާ އުޑަކު ނުޖެހޭ. ލަދުވެތިކަން ލަދުކުޑަ ކަމަކު ނުޖެހޭ. އޭ ގިޔާމަތާ! ކަލޭ ބިމުގައި ޖެހޭ – ޖެހޭ... ގަދަ އަޑަކާ އެކު ދޮރުފަތް ހަލާކުވެގެން ތަޅުންމައްޗަށް ވެއްޓުނު. ދެން ބިރުގަތުމާއި ރުޅިވެރިކަމާ އެކު ލޯބޮޑުކޮށްފައި، ބޯ އުފުލައި ބަލަން ފެށި.

މަތީގައި ފަންގިފިލާގައި ފަންކާ ހަރުކޮށްފައި ހުރި. ފަންކާގައި ވާ އައްސައިފައި ހުރި. ވާގަނޑުގެ މަޅީގައި މާޖިދާ އެލިފައި ހުރި. މަންމަ ލަދުކުޑަކަމުގެ އުނދޯލި އެލުވި. ދަރިފުޅު މަރުގެ އުނދޯލީގައި ހެއްލި. އޭނާ ދަންމަޅި ކަރުގައި ބެއްދުމުގެ ކުރިން އޭނާގެ މޫނު ހުރީ ދޯޕައްޓާއިން ރަނގަޅަށް ނިވާކޮށް ބަނދެފައި. އޭނާގެ މޫނު ރަނގަޅަށް ފޮރުވައިފައި. އޭނާގެ އަޑު އަޅާގެ ކަންފަތުގައި ގުގުމަމުން ދިޔަ.

"މާތް ރަސްކަލާނގެ ގަންދެން. އަޅުގަނޑު ދުނިޔޭގައި ހުރެގެން ބައްޕައަކަށް މޫނެއް ނުދައްކާނަން. ބައްޕަ ގާތު ވެސް އާދޭސްކުރަން. އަޅުގަނޑު މަރުވުމަށްފަހު ވެސް އަޅުގަނޑުގެ މޫނު ދެކެނުލައްވާތި. އަޅުގަނޑުގެ މިހައި ވަރުގެ ލަދުވެތިކަމެއް ގަބޫލުކުރައްވާ. ބައްޕާ..."

ބައްޕަގެ ދަރިފުޅާ. މި ކަހަލަ ލަދުގަންނަ ދަރިއަކު އެއްވެސް ތާކުން ނުދެކެން. މަރުވުމަށް ފަހު ވެސް އެހެރީ މޫނު ފޮރުވައިގެން.

މާތްރަސްކަލާކޯ! އޭނާގެ އަޅުވެތިކަމާއި ތޯހިރުކަން ހުރި މިންވަރީ މަލާއިކަތުން ވެސް އޭނާގެ ފަސްބައިމަތީގައި ނަމާދުކުރައްވާނެ. ވީ އިރު އެ ފަސްބައާ ހަމައަށް ސައިތާނާއަށް ދެވުނީ ކިހިނެއްތޯ؟

އެކަމަކު އެއް ކަމެއް ގަބޫލުކުރެވޭ. ދުނިޔެއަށް ގިޔާމަތް އަންނަ އިރު، ހިތަށް އަންނަ ގިޔާމަތް ހައި ބިރުވެރިވެފައި ވޭންދެނިވިއެއް ނުވާނެ.

"ގިޔާމަތުގެ ސަބަބުން ދަރިފުޅުގެ ލަދުރަކި ދިރިއުޅުމާއި ބައްޕަގެ ހިތް އަބަދަށްޓަކައި ހަލާކުވެއްޖެ. އަޅާގެ ވެރި ރަސްކަލާކޯ!"

     

ޚޫރުޝީދު ބަލްގުރާމީ ސަޖިދައިގައި ހަމަހިމޭނުން އޮތެވެ. އެކަމަކު އެތެރެއިން ތެޅިތެޅި އެވެ. އެނާ މާތް ރަސްކަލާނގެއަށް އޭނާގެ ވާހަކަތައް ދަންނަވަނީކީ ނޫނެވެ. ހުރިހައި ކަމެއް ދެނެވޮޑިގެންވާ ފަރާތަށް މީހަކު އިތުރަށް ދަންނަވާނީ ކޮން ވާހަކައެއް ތޯއެވެ؟ އޭނާއަށް ރޫޕުވަތީ ފެނުމުން އިޚުތިޔާރެއް ނެތި އޭނާގެ މާޖިދާއާ ދިމާއަށް އޮޔާދިޔައީއެވެ.

ރޫޕުވަތީއަކީ މާޖިދާ ކަމަށް ހީވާހައި އެ ދެ މީހުންގެ ސިފަ އެއްގޮތް ކަމުން ޚޫރުޝީދު ބަލްގުރާމީއަށް އޮޅުން އަރާނެކަމީ ޔަގީންކަމެކެވެ. ވަރަށް ގިނަ އިރު ވަންދެން އޭނާ ކަންބޮޑުވެފައި އޮތެވެ. މާޖިދާއަށް އޭނާ މޫނު ދައްކާނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު ލަދުން މޫނު ނިވާކުރި އިރު ބައްޕަގެ ވެސް އެ ކަން އެބަ ހުއްޓެވެ. އޭނާ ސަޖިދައިން ބޯ އުފުލައިލައިފި ނަމަ އެކަކަށް އަނެކަކުގެ މޫނު ފެންނާނެއެވެ.

ސަޖިދައަކީ ނިތްކުރި ބިމުގައި ޖެހުމުން ލޭގެ ހިނގުން އަވަސްވާ ޢަމަލެކެވެ. އެ ޢަމަލުން ލޭ ހަލުއިކަމާ އެކު ސިކުނޑިއާ ދިމާއަށް ދަތުރުކުރަން ފަށައެވެ. ސިކުނޑިން ކަންބޮޑުވުމާއި ހާސްކަމުގެ ހިރަފުސް ފިލައެވެ. ވިސްނުން ހަލުއިކަމާ އެކު ސީދާ މަގުން ހިނގަން ފަށައެވެ. ޚޫރުޝީދު ބަލްގުރާމީ އަވަސް އަވަހަށް ހަމަހެއާއި ބުއްދީގައި އޮވެގެން ވިސްނަން ފެށިއެވެ.

"ދޮރުމަތީގައި އެ ހުރި ކުއްޖާ ހީވަނީ އަހަރެންގެ މާޖިދާ ހެން. އެކަމަކު އެއީ އަހަރެންގެ މާޖިދާއެއް ނޫން. ކަލާނގެ ޤުދުރަތްތެރިކަން. އެއް ދަރިއަކު ގެންދަވައިފައި ހަމަ އެ ސިފައިގައި އެ ސޫރައިގެ ދެވަނަ ދަރިއަކު ދެއްވަނީ. އެ ކަމުގައި ވެސް އެ ކަލާނގެ މަސްލަހަތެއް އޮންނާނެ. އެ ކަލާނގެ މިންވަރުފުޅު ދެނެވޮޑިގެންވާނީ އެ ކަލާނގެ..."

މިހެން ހިތަށްއެރުމާ އެކު އޭނާ ސިޖަދައިން ބޯ އުފުލައިލިއެވެ. ބޯ އަނބުރައިލައިފައި އޭނާއަށް ބަލައިލިއެވެ. ރޫޕުވަތީ ސިނގިރެޓު ބޮޑަށް ދަމައިލިއެވެ. ދުންތައް ޚޫރުޝީދާ ދިމާއަށް ދޫކޮށްލިއެވެ. ޚޫރުޝީދު ބަލްގުރާމީ އިން ތަނުން ތެދުވެފައި ސުވާލުކުރިއެވެ.

"ތިޔައީ ކޮން ކުއްޖެއް؟ ކަލޭގެ ހެދުމުންނާއި ސިފައިން ހީވަނީ ތިޔައީ ހިންދުސްތާނު ކުއްޖެއް ހެން. ހިންދުސްތާނު މީހަކަށް މި ޖަޒީރާގައި އުޅެނީ އެންމެ މީހެއް. އެއީ ހިންމަރު ރާއޯ. ކަލޭ އައީ އޭނާއާ އެކުގައިތަ؟"

އޭނާ ހެނމުން ބުންޏެވެ. "ކަލޭ އަތް ނުބަލައި ވެސް ތިއޮތް ހުރިހައި ވާހަކައެއް ކިއައިދެނީ."

"އާނ! އިންސާނާގެ ވާހަކަދެއްކުމާއި، ހެދުމާއި އުޅުން އޭނާގެ ގޮތް ބުނެދޭ. ކަލޭގެ އުފަން ފަތް ކޮންމެހެން ބަލާކަށް ނުޖެހޭ. ކަލޭ ދުނިޔެއަށް އުފަންވީ އިރަކު ކަލޭގެ ދެ އިނގިލި ދޭތެރެއަކު ތިޔަ ސިނގިރެޓެއް ނެތް. އޭރު ކަލޭގެ ލޮލަކުން ދަލެއް ނޭއްލާ. ތިޔަ ހުރިހައި ކަމަކީ ކަލޭގެ ތިމާވެށި ކަލެއަށް ދިން ކަންތައްތަކެއް. ކަލޭގެ ތިމާވެށްޓަކީ އެ ކަހަލަ ތިމާވެށްޓެއް ކަމަށް ނުވާނަމަ ކޮންމެވެސް މީހަކު ކަލޭ އެ ފަދަ ތިމާވެށްޓަކަށް ގެންދިޔައީ. އެއީ ތިމާ ބޯ ސިނގިރެޓުގެ ދުން އެހެން މީހުންގެ މޫނަށް ބުރުވާ ތިމާވެށްޓެއް."

ރޫޕުވަތީގެ ދެ އިނގިލި ދޭތެރޭގައި އޮތް ސިނގިރެޓު ވެއްޓުނެވެ. އެ ގޮތަކީ އިނގިލިތައް ދޫވީއެވެ. ދެއްކުންތެރިކަމާ އެކު ފުއްޕައިފައި ހުރި ހަށިގަނޑު އެލުނީއެވެ. ފުރަތަމަ ފަހަރު އޭނާގެ ބައްޕަ އޭނާ ގޮވައިގެން ދިޔަ ތިމާވެށި އޭނާއަށް ހަނދާންވީއެވެ. އެ ހަނދާންތައް ވަރަށް ހިތްދައްޗެވެ. އޭނާ ލޯ ބޮޑުކޮށްލައިފައި ޚޫރުޝީދު ބަލްގުރާމީއާ ސުވާލުކުރިއެވެ.

"އަހަންނާ ދިމާއަށް ތިޔަ ކިސަޑުބުރުވަނީ އަހަންނާ ކަލެއާ ދެމެދުގައި ކޮން ދެކެފަރިތަ ކަމެއް އޮވެގެން؟"

"މީހުން އެކަކު އަނެކަކު ދެނެގަތުމަށްޓަކައި އަތްޖޯޑުކޮށް ތައާރަފުވޭ. އަހަރެން ތައާރަފު ހޯދަނީ އަތްބަލައިގެން. ކިސަޑުބުރުވާ ވާހަކަ ނުދައްކާ. ފުރަތަމަ ތިޔަ ދުންބުރުވަނީ ކަލޭ."

އޭނާ ރަނަށް ވީ ޒުވާންކަމުގެ އަވީން ކަލައިވެގެންނެވެ. އެހެންކަމުން އޭނާގެ ކުރިމަތީގައި ވާހަކަދައްކަން ހުރި މީހާ ވާހަކަދައްކަނީ ވަޒަންކުރުމަށް ފަހުގައި ކަމާއި އޭނާއަކީ މޮޅު ވާހަކަދެއްކުންތެރިއެއް ކަން ވަގުތުން އެނގުނެވެ. އޭނާ ދޮންދޮން އަތް ކުރިއަށް ދިއްކޮށްލަމުން ބުންޏެވެ.

"މި އަތުގައި ހިފާ ހިތުން މީހުން ހުވަފެންދެކޭ. ދުޢާކުރޭ. އެކަމަކު ކަލޭގެ ގާތަށް މި އައީ ނޭދެނީސް ފުދުނު ބޭނުމެއް ފަދައިން. މި އަތުގައި ހިފައިފައި އަހަރެންގެ ތަގުދީރުގެ ހާލު ބުނެދީފާނަމުތަ؟"

"އަހަރެން ހިތާމަކުރަން. އަހަންނަކަށް ބުނެއެއް ނުދެވޭނެ."

"ކީއްވެގެން؟ ކަލޭގެ ފީ މާ ބޮޑީތަ؟ އުނހު. އަހަރެންގެ އަތުގައި ހިފުމުގެ ފީއަށށްވުރެ ބޮޑެއް ނުވާނެ."

"އަންހެންކުއްޖާ. ކަލޭ މާ އަނގަގަދަ. ބޮޑެތި މީހުންނަށް އިހުތިރާމުކުރާކަށް ކަލޭ ދަހެއް ނުކުރަމުތަ؟"

"ބޮޑެތިމީހުންނަށް އިހުތިރާމޭ؟ ހާހާހާހާ..." އޭނާ ހޭން ފެށިއެވެ. ދެން އަތްތިލަ ހޫރައިލައިފައި ބުންޏެވެ. "ތިޔަ ބުނާ ބޮޑެތިމީހުންނަކީ ކޮން ބައެއް؟"

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.