ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ ޢިލްމީ ޤާބިލްކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިނގާ ފުލުހުންގެ އަސާސީ ތަމްރީނުގެ 28 ވަނަ ކޯސް ދ. ވާނީގައި ފަށައިފިއެވެ.
6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ތަމްރީން ކޯސް އިފްތިތާޙް ކޮށްދެއްވައި ކޯސް ފައްޓަވައި ދެއްވީ ހެޑް އޮފް ޕޮލިސް އެކެޑަމީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް އެވެ.
168 ފުލުހުންނާއެކު ފެށި މި ކޯހަކީ ޤާނޫނީ ގޮތުން ފުލުހުންނަށް މަތިކޮށްފައިވާ އެންމެހައި ވާޖިބުތަކާއި އުޞޫލުތައް އުގަންނައިދީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓިޖިކް ޕްލޭން ތަންފީޒް ކުރުމަށް ބޭނުންވާ ޢިލްމާއި ޢަމަލީ ޤާބިލްކަން ލިބިދިނުމަށް ބާރު އަޅައިދޭ ގިނަ މާއްދާތަކެއް އެކުލެވިގެންވާ ކޯހެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ 4 ވަނަ ދަރަޖައިގެ މިކޯސް ކުރިޔަށް ގެންދާނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ފެތުމާއި ޑްރިލްކުރުމާއި، ކަސްރަތުގެ ތަމްރީނުތަކާއި ޢާއްމު މަޢުލޫމާތާއި އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރޭނިންގ އާއި ފުލުހުންގެ ހިސްޓްރީ އާއި ޓީމް ބިލްޑިންގ އެކްޓިވިޓީ ތަކުގެ އިތުރުން އެތިކްސް އެންޑް ޑިސިޕްލިން އާއި އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމާގުޅޭ މާއްދާތައް ހިމެނެއެވެ. 2 ވަނަ ފިޔަވަހީގައި ވިކްޓިމްސް އޮފް ކްރައިމް އާއި ފަޔަރ ފައިޓިންގ އާއި ޕޮލިސިންގ ސްކިލްސް އާއި، ޕެޓްރޯލިންގ އެންޑް އޮބްޒަވޭޝަން އާއި، ޓްރެފިކް އާއި ކަސްޓޯޑިއަލް ޕްރޮސެސިންގ އާއި، ރޭޑިއޯ ކޮމިއުނިކޭޝަން އާއި، ދިވެހި ބަހުގެ ހަމަތައް ފަދަ މުހިއްމު މާއްދާތައް ހިމެނެއެވެ. 3 ވަނަ ފިޔަވަހީގައި ޑޮމެސްޓިކް ވައިލެންސް އާއި، އިންވެސްޓިގޭޓިވް ޓްރޭނިންގ އާއި ފޮރެންސިކް ޓްރޭނިންގ އާއި، ކޮމިއުނިޓީ އެންގޭޖްމަންޓް އާއި ކުއްލި ޙާލަތުގައި ޙަރަކާތްތެރިވާނެ ގޮތްތަކާއި ފުލުހުންނާ ގުޅުންހުރި މުހިއްމު ޤާނޫނުތަކާއި، ތަންތަން ބަލައި ފާސްކުރުމުގައި ޢަމަލު ކުރާނެ ގޮތާއި ތަޙްޤީޤު މަސައްކަތްތަކާ ގުޅުންހުރި މާއްދާތައް ކިޔަވައި ދެވޭނެއެވެ.
ކޯސް އިފްތިތާޙް ކޮށްދެއްވުމަށްފަހު ޕޮލިސް އެކަޑަމީގެ ހެޑު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާ ގެ ކުރިމަގު ފެށިގެންދާނީ ރެކްރޫޓް ޓްރެއިނިންގ ކޯހުން ކަމަށާއި މިކޯހުގެ މަޤްސަދަކީ މި މުއައްސަސާއަށް ބޭނުން ހިފޭ އަގުހުރި، ރިވެތި އަޚްލާޤާއި ސުލޫކުގެ މައްޗަށް ތައްޔާރުކުރެވޭ ކިޔަމަންތެރި، ހުޝިޔާރު އަދި ޤާބިލް ފުލުހުންތަކެއް ބިނާކުރުން ކަމުގައި ވިދާޅުވިއެވެ. އަދި އެ ލަނޑުދަނޑި އަށް ވާޞިލްވުމަށް މިފަހަރު ފެށިގެން މިދިޔަ ޓްރެއިނިންގ އަކީ މުޖުތަމައުގެ ހާލަތާއި މި ޤައުމުގެ ހާލަތު އަދި މިޒަމާނާއި އެންމެ އެކަށޭނަގޮތަށް ފަރުމާކުރެވިފައިވާ ކޯހެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިތަމްރީން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށްފަހު ތަމްރީނުގެ ބައިވެރިން ވާން ޖެހޭނީ ނަމޫނާ ފުލުހުން ތަކެއްކަމުގައާއި، އިޖްތިމާއީ ގޮތުން މި މުޖުތަމުއު ތެރޭގައި ހުރި މަޒްހަބީ، ސިޔާސީ އަދި އެހެނިހެން ހިޔާލުތަފާތުވުންތަކާއި ނުފޫޒުން އެއްކިބާވެފައިވާ ބައެއްގެ ގޮތުގައި ދެމި ތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި 28 ވަނަ ޕޮލިސް ރެކްރޫޓް ކޯހުގެ ކޯސް އޮފިސަރ، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ އަރީފް ދެއްކެވި ވާހަކަފުޅުގައި، މި ތަމްރީން ފުރިހަމަ ކުރާ ކޮންމެ ފުލުހަކީވެސް، އިންސާނީ ޤަދަރާއި ކަރާމާތަށް އިޙްތިރާމްކުރާ، ޒިންމާދާރު، ޚިދުމަތްތެރި އަދި ޤައުމީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހޭނެ ފުލުހަކަށް ވާންޖެހޭނެކަމަށާއި، ފުލުހުންގެ މި ގަދަރު ލިބިގެންވާ ޔުނީފޯމަށް އިޙްތިރާމް ކުރާ ބައެއްކަމުގައި ވާންޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ.
މިރަސްމިއްޔާތުގައި ޓްރެއިނިންގ ސްކޫލްގެ އާ އޮނަ ކޯޑް ވަނީ ތަޢާރަފް ކުރެވިފައެވެ. މިއޮނަރ ކޯޑް ތަޢާރަފް ކޯށްދެއްވާފައިވަނީ ކޯސް އޮފިސަރ، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ އަރީފްއެވެ. އަދި މުދައްރިބުންގެ ތެރެއިން މަގާމުގެ ކުރިއެރުމާއި ކުލަ ލިބިފައިވާ ފަރާތްތަކަށް އެތަކެތި ހަވާލުކުރެވިފައިވެއެވެ. މަގާމުގެ ކުރިއެރުމާއި ކުލަ ލިބުނު ފަރާތްތަކަށް މިތަކެތި ހަވާލުކޮށް ދެއްވާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް އެވެ.