މިއަދަކީ ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަސް: ރާއްޖޭގެ މޭޑޭ މުޒާހަރާއަށް ހަތަރު އަހަރު ފުރުނު ދުވަސް

(މި ފޮޓޯ ނަގައިފައިވަނީ މޯލްޑިވްސް އިންޑިޕެންޑެންޓް ވެބްސައިޓުންނެވެ. މިއީ އެ ވެބްސައިޓްގެ މިލްކުވެރި ފޮޓޯއެކެވެ.)

މިއަދަކީ މޭޑޭ އެވެ. މޭ ދުވަހެވެ. ނުވަތަ ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަހެވެ. މިއީ ކޮންމެ އަހަރަކު މޭ މަހުގެ 1 ވަނަ ދުވަހު ދުނިޔޭގެ ގިނަ ގައުމުތަކުގައި ފާހަގަކުރާ ދުވަހެކެވެ. ގިނަ ގައުމުތަކުިގައި ސަރުކާރު ބަންދު ދުވަހެއްވެސްމެއެވެ.

މޭ ދުވަސް ފާހަގަ ކުރާ އެހެން ސަބަބެއްވެސް އޮވެއެވެ. އެއީ މޫސުން ބަދަލުވާ ދުވަހަށް ވުމެވެ. ހޫނު މޫސުން ފެށޭ ދުވަހަށް ވުމެވެ. ތާރީޚަށް ބަލާއިރު މިއީ ހޫނު ފެށޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގަދީމީ ޒަމާނުގެ މުޝްރިކުން ކަނޑައަޅައިފައި އޮންނަ ދުވަހެކެވެ. މިހާރުވެސް ބައެއް ތަންތާނގައި މި މަގުސަދުގައި މޭ ދުވަސް ފާހަގަ ކުރެއެވެ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި ބާވަތުގެ ކުޅިވަރުތައް ކުޅެ އުޅެއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަ ކުރަން ފަށައިފައި ވަނީ 1886 ވަނަ އަހަރުއެވެ.

1886 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު އެމެރިކާގެ ސިނާއީ މަސައްކަތްތެރީންގެ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރިއެވެ. އެމީހުން ގޮވައިލީ ރެޔަކާ ދުވާލެއްގެ ތެރޭގައި މަސައްކަތުގައި އުޅޭން ޖެހޭ ވަގުތު 8 ގަޑި އިރަށް ބަދަލު ކުރާށެވެ. އެ ދުވަސްވަރު 10 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ ދިގުމިނަކަށް މަސައްކަތް ކުރުވުމަކީ އާދައެކެވެ. ޝިކާގޯގެ ހޭމާކެޓް ސްކުއަރ ނަމަކަށް ކިޔާ މައިދާނެއްގައި ފެށްޓި މި މުޒާހަރާ އެތައް ދުވަހަކަށް ދެމިގެން ދިޔައެވެ. މުޒާހަރާގެ 3 ވަނަ ދުވަހު ނުވަތަ މޭ މަހުގެ 3 ވަނަ ދުވަހު ފުލުހުންނާއި މުޒާހިރީންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވިއެވެ.

ވިދިގެން އައިރޭ މަސްރަހު އިތުރަށް ހޫނު ވެގެން ދިޔައެވެ. މުޒާހަރާ ރޫޅައިލާން އެރޭ މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުންގެ ސަފުތަކުގެ ތެރޭގައި ބޮމެއް ގޮވައި 7 ފުލުހުން މަރުވެ، 60 ފުލުހުންނަށް އަނިޔާ ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުން މުޒާހިރީންނަށް ދިމާއަށް ބަޑި ޖަހަން ފަށައިފިއެވެ. އުންޑަ އަރައިގެން އެތައް ބަޔަކު މަރުވިއެވެ. ދުއިސައްތައެއްހައި މީހުންނަށް އެކިވަރުގެ އަނިޔާ ވިއެވެ. މި ހާދިސާއަށް ކިޔައިފައިވާ ނަމަކީ "ހޭމާކެޓް އެފެއަރ" އެވެ. މި ހާދިސާގެ ހަނދާނުގައި މޭ 1 ވަނަ ދުވަހަކީ މަސައްކަތްތެރީންނަށް ބަންދު ދުވަހަކަށް ހަދާން އިންޓަރނޭޝަނަލް ސޯޝަލިސްޓް ކޮންފަރެންސުން ނިންމީއެވެ. އޭގެ ފަހުން މޭ މަހުގެ 1 ވަނަ ދުވަހު ހޫނު މޫސުން ފެށޭ ދުވަސް ފާހަގަ ކުރުމާއެކު މަސައްކަތްތެރީންގެ އެއްވުންތަކާއި އަޑުއުފުލުމާއި މުޒާހަރާތައް ބާއްވަން ފެށްޓީއެވެ.

ދިވެހިރާއްޖޭގައި މޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާ ގިނަ ކަންތައްތަކެއް ކޮށްފައެއް ނެތެވެ. އެކަމަކު 2015 ވަނަ އަހަރުގެ މަޝްހޫރު "މޭޑޭ މުޒާހަރާ" އަކީ ފާހަގަ ކުރެވޭ އެއްވުމެކެވެ. މިއީ މަސައްކަތްތެރީންގެ ނަމުގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާއެކެވެ. މިހައިތަނަށް އެންމެ ގިނަ މީހުން އެއްވީ މުޒާހަރާއެވެ. މި މުޒާހަރާ ބޭއްވީ އޭރުގެ އިދިކޮޅު ޕާޓީތައް ބައިވެރިވެގެންނެވެ. އިސްކޮށް އޮތީ އާދަލަތު ޕާޓީއެވެ. މުޒާހަރާގެ ތައްޔާރީތައް ވާން ފެށުމާއެކު ފުލުހުން ބުނަމުން ދިޔައީ އެއްވުމަކީ ސުލްހަވެރި އެއްވުމަކަށް ނުވާނޭ ކަމުގައެވެ. އަދި "ހަމަނުޖެހުން ހިންގުމަށް" ފުރުސަތު ނުދޭނޭ ކަމަށްވެސް ފުލުހުން ދިޔައީ ބުނަމުންނެވެ. އަދި އިދިކޮޅު މީހުން ގެންދަނީ މުޒާހަރާއަށްޓަކައި ދަގަނޑު ރޮޑް ބުރިކޮށް ތައްޔާރުވަމުން ކަމަށްވެސް ފުލުހުން ތުހުމަތު ކުރިއެވެ. މުޒާހަރާ އިންތިޒާމުކުރި ފަރާތުން ބުނެފައިވާ ގޮތުގައި އެއީ ސަރުކާރުން މަސައްކަތްތެރީންނަށް އަނިޔާވެރި ވަމުންދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ މުޒާހަރާއެކެވެ.

މުޒާހަރާގައި ބައިވެރި ވުމަށްޓަކައި ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދަކަށް މީހުން މާލެ އެރިއެވެ. އެކި ރަށްރަށުން 300 ވަރަކަށް ކައުންސިލަރުންވެސް މާލެ ވަޑައިގަތެވެ. އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ މުޒާހަރާގައި ބައިވެރި ނުވާށެވެ. އަދި މުޒާހަރާއަކީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ޚަރަދު ކުރައްވައިގެން ސަރުކާރު ވައްޓާލަން ކުރާ މަސައްކަތެއް ކަމަށް އެމަނިކުފާނު ތުހުމަތުވެސް ކުރެއްވިއެވެ.

މޭ މަހުގެ 1 ވަނަ ދުވަހުގެ ހަވީރު ވެގެން އައި އިރު ފުލުހުން ތިބީ އިދިކޮޅުގެ މުޒާހަރާ މައިތިރި ކުރާން ތައްޔާރު ވެގެންނެވެ. މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް މީހުން ދިޔައީ އެއްވަމުންނެވެ. އިސްކޮށް އުޅުއްވާތަން ފެނުނީ އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲއާއި، ޖުމްހޫރީ ޕާޓީން އަމީން އިބްރާހީމާއި، އެމްޑީޕީން ޢަލީ ވަޙީދާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އަދިވެސް އިދިކޮޅު ޕާޓީތަކުގެ އިސް ބޭބޭފުޅުންނެވެ.

މުޒާހަރާގެ ބައިވެރިން ހެންވޭރުކޮޅުން، މަޖީދީ މަގުން މާފަންނާ ދިމާއަށް ހިނގައިގެންފިއެވެ. ސަރުކާރާ ދެކޮޅު ގޮވެލިތަކާއެކު ލަވަވެސް ޖަހަމުންނެވެ. އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާގައި ބައިވެރިވިއެވެ. މުޒާހިރީން ހިނގާފައި ގޮސް މާފަންނު ސޯޝަލް ސެންޓަރު ކައިރިއަށް ހުއްޓިއްޖެއެވެ. އެތާނގައި މުޒާހިރީންނާ މުޚާޠަބް ކުރައްވައި ޕާޓީތަކުގެ އިސް ބޭބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲގެ ވާހަކަފުޅެވެ. އޭނާ ވިދާޅުވަމުން ގެންދެވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަފްރާޝީމް ޢަލީ އަވަހާކޮށްލެއްވުމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤއްޔޫމްގެ ބައިވެރިވެވަޑައިގަތުމެއް އޮތް ކަމުގެ ކިތާބީ ހެކި އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމުގައެވެ. އެހެން ވިދާޅުވެފައި މިހިރީ ހެއްކޭ ވިދާޅުވެ ލިޔުންތަކެއް ދެއްކެވިވެސް މެއެވެ.

ލީޑަރުންގެ ވާހަކަފުޅު ދިގުވެގެންގޮސް މަޣްރިބު ނަމާދާ ގާތް ވެއްޖެއެވެ. އެޔާއެކު އިއުލާނު ކުރެވުނީ އިސްލާމީ މަރުކަޒަށް ނަމާދަށް ދާށެވެ. ނިންމީ ދިދައެއް ހިފައިގެން ހުންނަ ޖަޑިބެއްގެ ފަހަތުގައި ޖަމާއަތް ޖަމާއަތަށް އެކި މަގުމަގުން ގޮސް އިސްލާމީ މަރުކަޒާ ދިމާއަށް އެންމެން ނުކުންނާށެވެ. އެޔާއެކު މުޒާހަރާ ރޫޅި އެންމެން އިސްލާމީ މަރުކަޒާ ދިމާއަށް އެކި ދިމަދިމާއިން ހިނގައިގެންފިއެވެ. އޭރު އެ ދިމާއަށް ނުކުމެވޭން ހުރި ހުރިހައި މަގެއް ބަންދުކޮށްގެން ފުލުހުން ތިއްބެވެ. އިސާހިތަކު މުޒާހިރީންނާއި ފުލުހުންނާ ދެމެދު ހަރުކަށި ކުރިމަތިލުންތައް ހިނގާން ފަށައިފިއެވެ. ފުލުހުން މީހުން ހައްޔަރު ކުރާން ފަށައިފިއެވެ.

އެންމެ ބޮޑު ކުރިމަތިލުންތައް ހިނގަމުން ދިޔައީ މަސްމާރުކޭޓާ ދިމާގައެވެ. ލީޑަރުން ވަޑައިގަތީ އެދިމާއަށް ކަމަށް ވާތީއެވެ. ޗާނދާނީ މަގަކީވެސް މަސްރަހު ހޫނު ވެގެން ދިޔަ ސަރަހައްދެކެވެ. މަޣްރިބު ނަމާދު ނިމި، ޢިޝާ ނަމާދުވެސް ނިމިގެން ހިނގައްޖެއެވެ. މަގުތައް ހުހެއް ނުވެއެވެ. ހަމަނުޖެހުންގަނޑުގެ ތެރޭގައި މުޒާހިރީންގެ ބަޔަކު އަންހެން ފުލުހަކު ބިން މައްޗަށް ވައްޓާލައިގެން އަނިޔާކޮށްފިއެވެ. އަނެއްކޮޅުން އިސްލާމީ މަރުކަޒާ ދިމާއިން ފުލުހުންގެ ސަފުތައް ފޫވައްޓައިލައިފައި ޕިކަޕެއް ވަދެއްޖެއެވެ.

މުޒާހަރާއާ ގުޅިގެން ދުއިސައްތައަށްވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ. އަށްޑިހަ ވަރަކަށް މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިއެވެ. ފުލުސް އަންހެން މީހާއަށް ހަމަލާ ދިން މީހާ ހަތް އަހަރަށް ޖަލަށް ލާން ކޯޓުން ހުކުން ކުރިއެވެ.

މުޒާހާރާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޢަދާލަތު ޕާޓީއާއި އެމްޑީޕީ ޖުރުމާނާ ކޮށްފައެވެ. އަދާލަތު ޕާޓީ ޖުރުމާނާކުރީ 69000 ރުފިޔާއިންނެވެ. އެމްޑީޕީ ޖުރުމާނާކުރީ 53000 ރުފިޔާއިންނެވެ. އެއީ އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފުވުމާއި، ހަމަނުޖެހުން ހިންގުމާއި، ދައުލާތުގެ މުދަލަށް ގެއްލުން ދިނުމުގެ އަދަބެއްގެ ގޮތުންނެވެ.

މޭޑޭ މުޒާހަރާގައި ހައްޔަރުކޮށް، ކުށް ސާބިތުވެ ޖަލަށްލީ މީހަކު ކަމުގައިވާ ޢަބަދުﷲ ރަޝީދު ވަނީ 10 އޮކްޓޯބަރު 2017 ގައި ނިޔާ ވެފައެވެ. މިއީ ފުލުސް އަންހެންމީހާއަށް އަނިޔާކުރި ކަމަށް ސާބިތުވީ މީހެކެވެ. އޭރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔަ ގޮތުގައި އޭނާ ނިޔާވީ ޖަލުގައި އޭނާގެ މައްޗަށް ވީ އިހުމާލާ ގުޅިގެންނެވެ.

ފަހުން ނައިބު ރައީސް އަޙްމަދު އަދީބު މަގާމުން ދުރުކުރެވުމާއެކު މޭޑޭގެ މުޒާހަރާގައި ބޭނުން ކުރައްވާން އެމަނިކުފާނު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ސަރުކާރުން ދައުވާ ކުރިއެވެ. ކޯޓުގައި ދައުލަތުން ބުނެފައި ވަނީ އަދީބް ދެ ފިސްތޯލައާއި ތިން އުންޑަ ގެންގުޅުއްވި ކަމަށެވެ. (މިހާރު ދައުލަތުން ގެންދަނީ އެ މައްސަލަ ބާތިލު ކުރުމުގެ ވާހަކަ ކޯޓުގައި ދައްކަމުންނެވެ.) އޭރުގެ ދާޚިލީ ވަޒީރު ޢުމަރު ނަޞީރު ވިދާޅުވި ގޮތުގައި މޭޑޭގެ މުޒާހަރާގެ ތެރޭގައި އެއްޗެއް ގޮއްވާލަން އަދީބު މަސައްކަތް ކުރެއްވިއެވެ.

މުޒާހަރާއަށް ފަހުން މުޒާހަރާގެ އިސް ލީޑަރު، މިހާރުގެ ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲވެސް ހައްޔަރު ކުރިއެވެ. އަދި ކުށް ސާބިތުވެ ޖަލަށްވެސް ލިއެވެ. ބައެއް ލީޑަރުން ގައުމު ދޫކުރައްވައި ބޭރަށް ވަޑައިގަތީއެވެ. އޭގެ ތެރޭގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދާއި، ޖުމްހޫރީ ޕާޓީގެ ނާއިބު ލީދަރެއް ކަމުގައިވާ އަމީން އިބްރާހީމް ހިމެނިވަޑައިގަނެއެވެ. ޢަލީ ވަޙީދު މާލެ ވަޑައިގަތީ ޔާމީންގެ ސަރުކާރު ބަދަލުވީމައެވެ. އަމީން އަދިވެސް ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ޢަލީ ވަޙީދު ރާއްޖެއިން ބޭރުގައި ހުންނަވައި ވިދާޅުވި ގޮތުގައި މޭޑޭއަކީ އަމިއްލަ ފަސްގަނޑުގައި މިނިވަންކަމާއެކު ހިންގަވައިލެއްވުނު އެންމެ ފަހު ދުވަހެވެ. އޭނާ މިހެން ވިދާޅުވީ 2017 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.

2018 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު އަމީން އިބްރާހީމް ވިދާޅު ވެފައި ވަނީ 2015 ވަނަ އަހަރުގެ މޭޑޭއަކީ އަނިޔާއާއި ބޭއިންސާފާ ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި އޮތް ނުރުހުމާއި ނަފުރަތުގެ ރަމްޒެއް ކަމުގައެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ގޮތުގައި މޭޑޭގެ މުޒާހަރާއަކީ މިހައިތަނަށް އެންމެ އަނިޔާވެރިކޮށް ރޫޅައިލި މުޒާހާއެވެ. "މޭޑޭ މުޒާހަރާގައި ގޮވާލެވުނީ އަނިޔާވެރިކަމަށް ނިމުމެއް ގެންނަން އަދި މިއީ ދިވެހި ތާރީހުގައި ވެސް ބޭވުނު އެންމެ ބޮޑު އެއްވުން އަދި އެންމެ އަނިޔާވެރިކޮށް ރޫޅާލި އެއްވުން. އެދުވަހު ވަނީ ދިވެހި އެތަކެއް ރައްޔިތުންނަށް އަނިޔާކޮއްފައި. 200 އަށް ވުރެެން ގިނަ ރައްޔިތުން ގޮޅިއަަށް ދާން ޖެހުނު" އެ މަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބަދުﷲ ބަންދު ކުރިތާ 1000 ދުވަސްވުން ފާހަގަ ކުރުމުގެ ގޮތުން އޭރުގެ އިދިކޮޅު ޕާޓީތަކުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން 26 ޖެނުއަރީ 2018 ގައެވެ.

އެމަނިކުފާނު އެރޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނަވާނޭ ކަމުގައެވެ. މޭޑޭ މުޒާހަރާގެ ބައިވެރިންނާއި ޢިމްރާންގެ އަޒުމާ އެއްގޮތަށް ވެރިކަން ބަދަލު ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.

އޭގެ އަށްމަސް ދުވަސް ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

(މަޢުލޫމާތު: ރާއްޖޭގެ ނޫސްތަކާއި، ރީޑަރސް ޑައިޖެސްޓް)

1 ޚިޔާލު

  1. ނައީމުގެ އެހެން ލިޔުންތަކާ ތަފާތު ލިޔުމެއް.

    ކީއްވެބާ އެހެން ލިޔުންތެރިންގެ ތައާރަފު ގޮތަށް ނައީމުގެ ތައާރަފު ނެތީ؟?

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.