ޕީޕީއެމްގެ ލީޑަރޝިޕާ ޙަވާލުވެ އިދިކޮޅު ލީޑުކުރަން ތައްޔާރު: ޢުމަރު

ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު: ފޮޓޯ ފޭސްބުކް

އިދިކޮޅު މައިޕާޓީ ޕީޕީއެމްގެ ލީޑަރޝިޕާ ޙަވާލުވެ، އިދިކޮޅު ލީޑުކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ހޯމްމިނިސްޓަރ އަދި ޕީޕީއެމްގެ ކުރީގެ ޑެޕިޔުޓީ ލީޑަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ވަރުގަދަ "އޮޕޮސިޝަން" އެއް އޮންނަންޖެހޭނެ ކަމަށެވެ. އެކަން ކުރުމަށް ޕީޕީއެމް ވަރުގަދަކޮށް ސަމާލު ކުރުވަންޖެހޭ ކަމަށެވެ. އެ ކަމަށްޓަކައި އެޕާޓީއަށް ވަރަށްވަރުގަދަ ލީޑަރޝިޕެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑު މިހުރި ޕީޕީއެމްގެ ލީޑަރޝިޕާ ޙަވާލުވެ ޕާޓީ ވަރުގަދަކުރަން ތައްޔާރަށް. އަދި އިދިކޮޅު ލީޑުވެސް ކުރަން ތައްޔާރަށް. އަޅުގަނޑު އިދިކޮޅު ލީޑަރަކަށް އަތުވެއްޖެނަމަ ސަރުކާރުން ޖެހިލުންވާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ވަރުގަދަ ސަފުތައް އަލުން ރުކުރުވާލައި ސިޔާސީ ޙަރަކާތްތައް ވަރުގަދަކޮށް އިންތިޚާބުތައް ކާމިޔާބުކުރާނެ އުކުޅުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. "އެކަން އަޅުގަނޑަށް ކުރެވޭނެކަން ސަރުކާރަށް ވެސް އެނގޭނެ،" ޢުމަރު ވިދާޅުވިއެވެ.

ފާއިތުވި މަޖިލީސް އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި ކައުންސިލް އިންތިޚާބު ޕީޕީއެމަށް ގެއްލިގެން ދިޔުމަކީ ޕާޓީގެ ލީޑަރޝިޕުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. "އެހެންވީމާ ރައީސް ޔާމީނަށް ވެސް މިވަގުތު އެންމެ ރަނގަޅުވާނީ އަރިއަކަށް ޖެހިވަޑައިގެން (ފަހަތަކަށް ނޫން) އަޅުގަނޑާ ލީޑަރޝިޕް ޙަވާލުކުރުން. އެކަން ކުރެއްވުމުގެ ވަގުތު މިހާރު ޖެހިއްޖެ،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ބޭފުޅަކު ލީޑަރޝިޕަށް އަޔަސް އެއީ ރިޔާސީ ޓިކެޓު ލިބުނީ ކަމަށް ނިންމައިގެން ނުވާނެ ކަމަށެވެ. ރިޔާސީ ޓިކެޓު ކަށަވަރު ކުރަންޖެހޭނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެއީ ތަބަކަށް ލައިފައި ދޭ އެއްޗަކަށް ހަދައިގެން ނުވާނެ،"

ޢުމަރު ވިދާޅުވީ އިދިކޮޅުގައި އަމިއްލައަށް މަސައްކަތް ކޮށްގެން ލީޑަރަކަށް އަންނަން ބޭނުންވާ ބޭފުޅަކު ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެފަދަ ބޭފުޅަކު ހުންނެވިނަމަ ލީޑު ކުރައްވަން ނުކުންނަވަންވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެކަމަކު އަޅުގަނޑު މިހުރީ ކެރިގެން ލީޑު ކުރަން ނުކުމެ،" އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ޕީޕީއެމް ތެރޭގައި އޭނާއަށް ތާއިދު ކުރާ މީހުން އެބަތިބި ކަމަށާއި ބައެއް މީހުން ދެކެނީ އޭނާއަކީ އެޕާޓީގެ ދެވަނަ ލީޑަރު ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. "ޕީޕީއެމްގެ ބައެއް މީހުން ބޭނުންވަނީ އަޅުގަނޑު ލީޑަރަކަށް އަނަންނަން. އަނެއްބައި މީހުން ބޭނުންވަނީ ޑެޕިޔުޓީ ލީޑަރަކަށް އަންނަން. އަނެއްބައި މީހުން ބޭނުންވަނީ ޔާމީން ފަހަތަށް އައިސް މަސައްކަތް ކޮށްދޭން. އެކަމަކު އަޅުގަނޑު މިހާރަކު ނެތިން އެއްވެސް ބަޔަކަށް ފަލި ޖަހައިދޭކަށް. މިހާރު ބޭނުންވަނީ ސީދާ ހުންގާނު. އެގޮތަށް ނުވަންޏާ އަދި ވެސް ހުންނާނީ މިހެން،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.