އައްޑޫ ލިންކު ރޯޑުގައި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ފަށަނީ

އައްޑޫ ސިޓީ ލިންކްރޯޑުގައި ޓްރެފިކް ނިޝާންތައް ހަރުކޮށް ދުވެލި މަޑު ކުރެވޭނެ ގޮތްތައް ހެދުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ނިންމަވާފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މީގެ އިތުރަށް ކުނިކޮށްޓަށް ވަންނަ ދޮރާށި މިހާރު ހުރި ދިމާއިން އެހެން ދިމާއަކަށް ބަދަލުކުރުމަށް ކައުންސިލުން ވަނީ ނިންމަވައިފައެވެ.

ކައުންސިލުން މިގޮތަށް ނިންމެވީ ކުނިކޮށްޓަށް ވަންނަ ދޮރާށި މިހާރު ހުރި ދިމާއަކީ ކުނިކޮށްޓަށް ވަންނަ ފަރާތްތަކާއި މަގުން ދުއްވާ އެހެނިހެން ފަރާތްތައް ނުރައްކާތެރި ހާލަތަކަށް ހުށެހެޅުމަށް މަގުފަހިވާގޮތަށް ހުރި ދިމާއަކަށްވާތީ އެވެ. އެގޮތަށް ހުރުމުން ނުރައްކާތެރި ޙާދިސާތައް ތަކުރާރުވަމުންދާ ކަމަށާއި ދޮރާށި ބަދަލު ކުރުމުން އެކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

ސިޓީ ކައުންސިލުން މިއަދުވަނީ މި ކަމާ ގުޅިގެން ޕޮލިހާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ. އެބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލުންވަނީ  ކުނިކޮށްޓަށް ވަންނަ ގޭޓް ރައްކާތެރި ދިމާއަކަށް ބަދަލު ކުރަން ނިންމައި، އެދިމާގެ މަގު ފުޅާކޮށް ސާވިސް ލޭން އެއް ހެދުމަށާއި ލިންކު ރޯޑުގައި ޓެރެފިކް ނިޝާންތަކާއި ރިފްލެކްޓާސްއާއި، ދުވެލި މަޑުކުރުމަށް އެކި ސަރަހައްދުތަކުގައި ރަމްބަލް ސްޓްރިޕްސް ހަރުކުރުމަށް ނިންމަވައިފައެވެ. އަދި އަނދިރި ސަރަހައްދުތައް ދިއްލައި އަލި ކުރެވޭނެ ގޮތް ހަދައި، ލިންކު ރޯޑާ ގުޅޭ މަގުތައް ފެށޭ ހިސާބުތަކުގައި ސްޕީޑް ބްރޭކަރ ހަރުކުރުމުގެ މަސައްކަތް ވެސް އަންނަ ހަފްތާގައި ފަށާނެ ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.

"މިމަސައްކަތުގެ ތެރެއިން ލިންކު ރޯޑުގައި ހަރުކުރާ ނިޝާންތަކާއި، ރިފްލެކްޓާސް ފަދަ ތަކެތި ކައުންސިލުން ވަނީ މިހާރު ހޯއްދަވާފައެވެ. އަދި މަސައްކަތް ހިނގަމުންދާއިރު ޓްރެފިކް ފްލޯ ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުގައި ޕޮލިހުން އެހީތެރިވެދެއްވާނެއެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.