އޭބީޔޫ ލަވަމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރު އޮކްޓޯބަރު 15 އިން 19 އަށް ޗައިނާގެ ކުއިންޑާއޯގައި ބާއްވާ "އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން ބާއްވާ ފުރަތަމަ "ސޯންގް ކޮންޓެސްޓު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އޭބީޔޫގެ މެމްބަރު ކޮންމެ ޤައުމަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އެހެންނަމަވެސް މިމުބާރާތަށް ހޮވާނީ  ކޮންމެ ޤައުމަކުން މީހެކެވެ.

މިއީ ޕީއެސްއެމްއާއި އޭބީޔޫ ފަދަ ޖަމްޢިއްޔާތަކާ އޮންނަ ގުޅުމުގެ ތެރެއިން ޢާއްމުންނަށް ހުޅުވާލަދިން ފުރުސަތެއް ކަމަށް ޕީއެސްއެމް އިން ވިދާޅުވިއެވެ. މިމުބާރާތުގައި 16 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވޭވޭނެއެވެ. ސޯލޯ އާޓިސްޓުނާއި މިޔުޒިކް ގުރޫޕަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވިދާނެއެވެ. ހަމަ އެކަނި ޝަރުތަކީ ލައިވްކޮށް ލަވަ ކިޔުން ކަމަށް ޕީއެސްއެމް އިން ވިދާޅުވިއެވެ.

"ކޮންމެ ބަހުރުވައެއްގެ ކޮންމެ ޖޯންރާއެއްގެ ލަވަވެސް ކިއިދާނެއެވެ. މުޅިން އަލަށް ކިޔާ ލަވައެއް ނުވަތަ ކުރިން ކިޔާފައިވާ ލަވައެއް ވެސް ކިއިދާނެއެވެ. ނަމަވެސް ލަވައަކީ އެއްވެސް ސެންސިޓިވް މައްސަލައަކަށް ހަދާފައިވާ ލަވައަކަށް ވެގެން ނުވާނެއެވެ." ޕީއެސްއެމް އިން ވިދާޅުވެފައިވެއެވެ.

މި މުބާރާތުގައި ހުށަހަޅާ ލަވައިގެ ދިގުމިނަކަށް ވާންޖެހެނީ 3 މިނިޓެވެ. ބައިވެރި ވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް ޗައިނާގައި ހުރުމާއި ދެކޮޅު ޓިކެޓުގެ ޚަރަދު ކުރަންޖެހޭނީ ބައިވެރިވާ މީހެއްގެ އަމިއްލައަށް ކަމަށް ވެސް ޕީއެސްއެމްއިން ވިދާޅުވެފައިވެއެވެ. މިއީ ކުރިއަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިން ދުނިޔޭގެ ފެންވަރުގައި ވިދާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް ޕީއެސްއެމް އިން ވިދާޅުވެފައިވެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން މެއިމަހުގެ 9 ގެ ކުރިން ޕީއެސްއެމްއަށް ސީވީ ފޮނުވުމަށް އެތަނުން ވަނީ އެދިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.