ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ އިދިކޮޅު ޕާޓީތަކުން ޕްރައިމަރީ ބޭއްވުމަކާ ނުލައި "ތަބަކަކަށް ލާފައި" ޓިކެޓު ދިނުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ ފެށުނީއްސުރެން އޭނާ ޕްރައިމަރީ ބާއްވަން ވަކާލާތު ކުރައްވަނީ މިފަދަ ކަންކަމާހެދި ކަމަށެވެ. "ޑީއާރުޕީގައި އަޅުގަނޑު ހުރިއިރުން ފެށިގެން ޕްރައިމަރީ ބާއްވަން ވަކާލާތު ކުރީ މިހެންވެދާނެތީ. އަދި ކިރިޔާ ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަޖީއާ ކުރިމަތިލާން މިޖެހުނީ،"
އޭނާ ވިދާޅުވީ ޕްރައިމަރީ އަކީ ޙަޤީގީ ރޭހަށް ނުކުތުމުގެ ކުރިން އެ މީހާ ޓެސްޓް ކޮށްލަން ބާއްވާ އެއްޗެއް ކަމަށެވެ. "ފުޓުބޯޅައިގައި ނަމަ އެއީ ޕްރީ ކޮލިފިކޭޝަން ބޭއްވުން. ކޮލިފިކޭޝަން ނުބާއްވާނަމަ ހުރިހާ ޓީމްތައް ވެސް ކުޅޭނީ ފަސްޓްޑިވިޝަންގައިތާ،" ޢުމަރު މިސާލު ދެއްކެވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ގާތްގަނޑަކަށް އެއްލައްކަ ދިހަހާސް ވޯޓު މިފަހަރު ވެސް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެވޯޓުވަނީ ދިހަ ބަޔަށް ބެހިގެން ގޮސްފައި ކަމަށް ވިދާޅުވިއެވެ. އެޕްރީލް 6 ގައި ބޭއްވި އިންތިޚާބުގައި އެމްޑީޕީއަށް ލިބިފައިވަނީ މިހާތަނަށް ބެލިބެލުމުން ގާތްގަޑަކަށް ހަތްދިހަ ހަ ހާސް ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިދިކޮޅު ފަޅި އިންތިޒާމް ކޮށްފައި ޕްރައިމަރީއެއް ބާއްވާފައި ސިންގަލް ކެންޑިޑޭޓުން ނެރެ އެމްޑީޕީއާ ވާދަ ކުރިނަމަ އެޕާޓީއަށް ނުލިބޭނެ ރާއްޖޭގެ ވިހި ޕަސެންޓުވެސް،" ޢުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގައި ޕްރައިމަރީއަށް ދޫދިނުމުގެ ވިސްމެއް ހުރި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުމުން އެކަމުގެ ހިތިކަން ފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުން އުމަރު އިންތިޚާބަކަށް ކުރިމަތިލީ 2008 ގައި ރިޔާސީ އިންތިޚާބަށް. ލިބުނީ %1.39 ވޯޓު. އުމަރު އެޖަހާ ގޮތަށް ހިސާބު ޖެހީމާ %98.61 މީހުން ވޯޓުލީ އުމަރާ ދެކޮޅަށް. މިއީ ސިޔާސީ މައިދާނުގައި ސެއްޅިއެއްގެ ބުރަދަންވެސް ހުރި މީހެއް ނޫން. ކޮންހާ ވާހަކައެއްތޯ ތިޔަ ދައްކަވަނީ؟
Umar is a national hero