
ދިފާއީކަންތައްތަކާ ގުޅޭ ފައިލުތައް ރައްކާނުކުރެވުނު ސަރުކާރަކަށް ގައުމު ރައްކާތެރިކޮށް ބެލެހެއްޓޭނީ ކިހިނެއްތޯ ސުއާލު ކުރައްވައި ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރ މަމްތާ ބެނަޖީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ދިފާއީކަންތައްތަކާ ގުޅޭ ފައިލުތައް ރައްކާނުކުރެވުނުކަމަށް ވިދާޅުވެ މަމްތާ ވާހަކަފުޅުދެއްކެވީ ފަރަންސޭސިވިލާތުން އުފައްދާފައިވާ ރަފޭލް މަރުކާގެ 36 ޖެޓު ގަތުމަށް އިންޑިއާއިން އެެއްބަސްވެފައިވާ އެގްރިމެންޓް ދިފާއީ ވުޒާރާއިން ގެއްލިފައިވާ ކަމަށް އަޑުފެތުރިފައިވާތީއެވެ. އެ އެގްރިމެންޓުގެ ކޮޕީއެއް "ދަ ހިންދޫ" ނޫހަށް ލިބިގެން އެ ނޫހުން ވަނީ އެގްރިމެންޓުގެ މުހިއްމު ނުގުތާތައް އާއްމުކޮށްފައެވެ. "ހިންދޫ"އިން ހާމަކުރި މައުލޫމާތުން ރަފޭލް ޖެޓުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ބޮޑެތި ކަންތައްތަކެއް ހިންގާފައިވާކަން ވަނީ ފަޅާއަރާފައެވެ.
"ކަޝްމީރުގައި މޯދީގެ ސަރުކާރުގެ ސިޔާސަތު ވަނީ ނާކާމިޔާބުވެފައި. މޯދީ ބޮޑުވަޒީރަކަށް ހުންނަވައިގެން ކަޝްމީރަށް އަމުނުއަމާންކަން ގެނެވިދާނެ ކަމުގެ އުއްމީދެއް ނެތް. އައު ވެރިކަމެއް ގާއިމުކޮށްގެން މެނުވީ ކަޝްމީރުގައި އަމާންކަމެއް ގާއިމެއް ނުކުރެވޭނެ." މަމްތާ ބެނަޖީ ވިދާޅުވިއެވެ. "މޯދީގެ ބޮޑު ވަޒީރުކަމުގައި ކަޝްމީރުގައި 260 ޕަސެންޓަށް ޓެރަޒިޒަމްގެ ހާދިސާތައް އިތުރުވެގެން ހިނގައްޖެ."
މަމްތާގެ ވާހަކަފުޅުގައި ކަޝްމީރުގައި އަމުނުއަމާންކަން ގާއިމުކުރުމުގައި މޯދީގެ ސަރުކާރު ވަނީ ނާކާމިޔާބުވެފައި ކަމަށާއި މޯދީ ވެރިކަމުން ދުރަށް ވަޑައިގަތުމުގެ ވަގުތު ޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މަމްތާގެ ވާހަކަފުޅުގައި ކަޝްމީރު މީހުންނާ ދެކޮޅަށް މޯދީގެ ސަރުކާރުން ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުއްވެރިކުރެއްވިއެވެ. އަދި ގައުމުގައި ނަފުރަތު ފެތުރުމަށް މޯދީގެ ސަރުކާރުން ހިންގަމުން ގެންދާ ކަންތައްތައް ހުއްޓާލުމަށް ގޮވާލެއްވިއެވެ.