އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ދަތުރުކުރަމުން ދިޔަ ސީމަންޗަލް އެކްޕްރެސް ރޭލުގެ 11 ބައި ދަގަނޑުން ނައްޓާލައި ފުރޮޅާލުމުގު ސަބަބުން މަދުވެގެން 7 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ބިހާރު ސްޓޭޓްގެ ވައިޝަލީ ޑިސްޓްރިކްޓްގައެވެ.
މިއަދު ފަތިހު 3:58 ގައި ހިނގި މިހާދިސާގައި ރޭލުގެ ތިން ބައި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަނެއް އަށް ބައި ވެސް ވަނީ ދަގަނޑުން ނައްޓާފައެވެ.
އިންޑިޔާގެ ރޭލްވޭ މިނިސްޓަރު ޕިޔޫޝް ގޯޔަލް ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދު ސަހަދާއީ ބުޒުރުގުގައި އެހީދޭ މީހުން މިހާރު ހަރަކާތްވެރިވާން ފަށާފައިވާ ކަމުގައެވެ.
ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި 5 ލައްކަ ރުޕީސް (7 ހާސް އެމެރިކާ ޑޮލަރު)، ބޮޑަށް ޒަޚަމްވި ކޮންމެ މީހަކަށް 1 ލައްކަ ރުޕީސް (1400 ޑޮލަރު)، އަދި ކުޑަކޮށް އަނިޔާވި ކޮންމެ މީހަކަށް 50 ހާސް ރުޕީސް (700 އެމެރިކާ ޑޮލަރު) ލިބޭނެކަން ރޭލްވޭ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވާފައި ވާއިރު، އިންޑިޔަން ރޭލްވޭއިން ވަނީ އެހީގެ ތަކެއްޗާއެކު ހާދިސާ ހިނގި ސަރަހައްދަށް އެހީގެ ތަކެއްޗާއެކު ރޭލެއް ފުރުވާލާފައެވެ.
ބިހާރުގެ ޖޯގްބާނީ ސްޓޭޝަނުން ނިއުދިއްލީގެ އާނަންދް ވިހާރް ޓާމިނަލަށް ދަތުރުކުރާ ސީމަންޗަލް އެކްސްޕްރެސްއަށް މި ހާދިސާ ދިމާވިރު އެ ރޭލު ދިޔައީ އޭގެ އެންމެ ބާރު ދުވެލީގައި ދަތުރުކުރަމުންނެވެ.
ހާދިސާގައި ޒަޚަމްވި އެންމެން ކައިރި ހޮސްޕިޓަލްތަކަށް ގެންދެވިފައި ވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ރޭލްވޭއިން ވަނީ ހަމަކޮށްފައެވެ.
އީސްޓް ސެންޓްރަލް ރޭލްވޭގެ ޗީފް ޕަބްލިކް ރިލޭޝަންސް އޮފިސަރ ރާޖޭޝް ކުމާރު، ޓައިމްސް ނައު ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ލަފާކުރެވޭ ގޮތުގައި ރޭލު ދަގަނޑުން ނައްޓާލާއިފައި ވަނީ ދަގަނޑުގައި ރެނދުލައި، ބިންދައިގެން ގޮސްފައި ހުރުމުގެ ސަބަބުންނެވެ. ރޭލު ދަގަނޑުން ނައްޓާލި ސަބަބު ހޯދުމަށް އީސްޓަން ސާކަލްގެ ކޮމިޝަނާ އޮފް ރޭލްވޭ ސޭފްޓީ ލަތީފް ޚާންގެ ބެއްލެވުމުގެ ދަށުން މިހާރު ވަނީ ތަހުގީގު ފަށާފައެވެ.