އަލްފާޟިލު ސީނާ އަހުމަދު ޒާހިރު ލިޔުއްވާފައިވާ ސިލްސިލާ މަޒުމޫނެއް ކޮންމެވެސް ނޫހަކުން ކިޔާލުމުގެ ފުރުޞަތު މީގެ ތިރީހަކަށް އަހަރު ކުރީން އަޅުގަނޑަށް ލިބުނެވެ. އޭރު އަޅުގަނޑުގެ އުމުރުގެ ޅަކަމާއި ލިބިހުރި ވަޞީލަތް ތަކުގެ މަދު ކަމުން އެމަޒުމޫނު ޝާއިޢު ކުރެވުނު އަހަރާއި މަޖައްލާގެ ނަން ހަނދާނެއް ނެތެވެ. ހަނދާން ހުރީ މަޒުމޫނުގެ މައުޟޫއާއި މައިގަނޑު ނަމެވެ. ''އައްޑޫ ރަދުން" މި މައުޟޫޢުގައި ލިޔުއްވާފައިވާ މަޒުމޫނުގައި ހާމަ ކުރައްވާފައި ވަނީ ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނުނީ ސަރުކާރާއި ދެކޮޅަށް ބަޢާވަތެއް ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވާ ސ. ހިތަދޫ އެޅަދީދީގެ ޢަލިދީދީގެ އަލްފާޟިލު ޢަބްދުﷲ ޢަފީފް ގެ ހަޔާތްޕުޅާއި، އޭނާ ސީޝެލްސް ގައި ދިރި އުޅުއްވަމުން ގެންދެވި ގޮތުގެ ވާހަކައެވެ. މި ދެންނެވި މަޒުމޫނު ކިޔާލެވިފައި ވުމުގެ ސަބަބަބުން ޙަޤީޤީ އައްޑޫ ރަދުންނަކީ ކޮބައިތޯ ބެލުމުގެ ޝައުޤު ވެރިކަން އަޅުގަނޑުގެ ހިތުގައި އުފެދުނެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި ތާރީޚުގައި ޢިލްމުގެ އެންމެ މައިތަނބުކަމަށް ވެފައިވަނީ، އަދި ދިވެހި ދަރީންގެ ތަޢުލީމުގެ ބިންގާ އެޅި، ދިވެހިރާއްޖޭގެ ތަޢުލީމީ އިމާރާތް އާރާސްތު ކުރެވޭ ހިސާބުކަމަށް ވެފައިވަނީ އައްޑޫއަތޮޅެވެ. އެހެނީ ޒަމާނުއްސުރެ އައްޑޫއަތޮޅުގައި ޢިލްމީ ގޮތުން ފުންނާބު އުސް ޢާލިމުންނާއި އުސްތާޛުން އުފެދި ޤައުމަށް ޚިދުމަތް ކުރައްވާފައިވެއެވެ. އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން އެބަގެންދަވައެވެ.
އަލްފަޤީޙު މުޙައްމަދު ޖަމާލުއްދީނު ނުވަތަ ވާދޫ ދަންނަކަލޭގެފާނު، އައްޑުއަތޮޅުގައި ފިޤުޙު ޢިލްމުވެރީން އުފެދި، ޢިލްމުވެރިކަން އެފަސްގަނޑުގައި ދެމެހެއްޓެވުން އެދި ދުޢާ ކުރެއްވިކަމަށް ތާރީޚުގައި ބަޔާންވެގެންވެއެވެ. ތާރީޚުގައި ބުނާ ދުޢާގައިވާ ގޮތަށް އައްޑޫއަތޮޅުގައި ފިޤްޙު ޢިލްމުވެރީންނާއި ޤުރުއާން ހިތުދަސް ކުރައްވާފައިވާ ޤުރުއާނުގެ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ގިނަ ޢަދަދެއްގެ ޢާލިމުން އުފެދިފައިވެއެވެ. އަލްޢައްލާމާ އަލްފަޤީޙުލް ޤާޟީ މަޙުމޫދު ރަންފުތު ފަނޑިޔާރާއި ޤާޟީ އިބްރާހީމް މަޖުދުއްދީނާއި އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނާއި އައިސާދަރު ދޮންބެއްޔާ އާއި ދިވެހި ބަހުގެ އެންމެ އަރާހުރި އެއް އެދުރު ކަމުގައިވާ ބަނޑޭރި ޙަސަންމަނިކުފާނަކީ އައްޑޫއަތޮޅު އެބޭފުޅުންނަށްޓަކައި ތާއަބަދަށް ފަޚުރުވެރިވާނޭ އުސްތާޛުންނެވެ.
ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚަށް ބަލާއިރު ރާއްޖެއަށް ތަހުޛީބާއި ކުރިއެރުން ތަޢާރަފް ކުރެއްވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއްބޭފުޅަކީ އައްޝައިޚު އިބްރާހީމް ބަހާއުއްދީނު ނުވަތަ ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކެވެ. ދިވެހި ބޭސްވެރިކަމުގެ މައިދާނުގައި އެންމެ ފާހަގަ ކުރެވުނު ޙަކީމަކީ އައިސާދަރު އަޙުމަދު ދީދީއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އެއްގައި އެންމެ މަތީ މަޤާމެއް އެންމެ ފުރަތަމަ ފުރުއްވެވީ ޝައިޚު ޙާޖީ އަބްދުއްރަޙުމާނެވެ. އެއުސްތާޛު ދެއްކެވި މަގުން ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ހިންގަވަމުން ގެންދަވާއިރު ޕްރޮފެސަރ ޙަސަން ޢުޤައިލް ވެވަޑައިގެންފައިވަނީ ދުނިޔެ ޤަބޫލުކުރާ ދިވެހި ފުރަތަމަ ސައިންސްވެރިޔާއަށެވެ. ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޖުތިމާޢީ މައިދާނުގައި އައްޑޫއަތޮޅު އެބޭފުޅުންނަށްޓަކައި ފަޚުރުވެރިވާ އެތައް ދަރީންނެއް ފަސްމަގުގައި ޚިދުމަތް ކުރައްވާފައިވާ ފަދައިން މިހާރުވެސް ޚިދުމަތް ކުރައްވަމުން އެބަގެންދަވައެވެ.
ކަންމިހެން ހުރިކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ރާއްޖޭގައި ރަސްކަން ކުރައްވާފައިވާ ބޭފުޅުންގެ ލިސްޓުގައި އައްޑޫއަތޮޅުގެ ބޭފުޅަކު ހިމެނިފައިވާކަން ދިވެހި ތާރީޚު ކިޔާ މީހަކަށް އެއްގޮތަކަށްވެސް އޮޅުން ނުފިލައެވެ. އެހެންނަމަވެސް ޙަޤީޤަތަކީ އައްޑޫއަށް ނިސްބަތްވާ ބޭފުޅަކު ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރައްވާފައިވާކަމެވެ. އައްސުލްޠާނު މުޙައްމަދު މުޙިއްދީނުލް ޢާދިލް އަވަހާރަވުމުން ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށް ދިވެހިން ނިންމީ އެދުވަސްވަރު ރާއްޖޭގައި ހުންނެވި އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާގެ އިތުރުން ވަލީވެރިއެއްގެ ދަރަޖަ ދިވެހީން ދެމުންއައި އައްޑޫ އަލްއައްލާމާ މުޙައްމަދު ސިރާޖުއްދީނެވެ. އެކަލޭގެފާނަކީ އިސްކަންދަރު ރަސްގެފާނުގެ ކޮއްކޯފުޅަކާއި ކައިވެނި ބައްލަވައިގެން ހުންނެވުމުގެ ސަބަބުން ރަސްކަމުގެ ޚާންދާނާވެސް ގުޅިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދިވެހި ރައްޔިތުންގެ ވަރަށްބޮޑު ތާއީދާއެކު ދިވެހިރަސްކަމަށް ސިރާޖުއްދީނު އިސްކުރަން ނިންމުމާ ގުޅިގެން އެކަލޭގެފާނު މާލެ ދޫކުރައްވައި ހައްދުން މައްޗަށް ވަޑައިގެން ފޮނަދޫގައި ވަޒަންވެރިވެވަޑައިގަތެވެ. ސިރާޖުއްދީނު ފޮނަދޫގައި ވަޒަންވެރިވެ ވަޑައިގަތުމުގެ ނަތީޖާއަކީ ފޮނަދޫ ޚަޠީބުގެ ނަމުން އެކަލޭގެފާނުގެ ނަންފުޅު މަޝްހޫރުވުމެވެ.
އަލްޢައްލާމާ މުޙައްމަދު ސިރާޖުއްދީނު، ދިވެހީންގެ ތެރޭގައި މަޝްހޫރު ނަމުންނަމަ ފޮނަދޫ ޚަޠީބު ރަސްކަމުގެ މަޤާމާއި ޙަވާލުވެވަޑައި ނުގަތުމުން ދިވެހިރައްޔިތުންގެ ނިންމުމަކަށްވީ އެދުވަސްވަރު ރާއްޖޭގެ ފަނޑިޔާރު ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ބިން ޙާއްޖު ޢަލީ ތުއްކަލާ ދިވެހި ތަޚުތުގައި ވެޑުވުމެވެ. އައްސުލްޠާނު މުޙައްމަދު ސިރީކުލަ ރަންމަނި މަހާރަދުން ގެ ނަންފުޅުގައި ރަސްކަންކުރެއްވި މިރަދުންނަކީ އައްޑޫއަތޮޅު އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޤާޟީ މުޙައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އުފަން ބޭފުޅެއް ކަމުގައިވާ ޙާޖީ ޢަލީތުއްކަލާ ހުވަދު އަތޮޅު ވާދޫ އަންހެންބެފުޅަކާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުންނެވެ. މިރަދުން ތަޢުލީމު ޙާޞިލް ކުރެއްވީ އެމަނިކުފާނުގެ ބައްޕާފުޅާއި ބޭބޭފުޅުން އަރިއަހުންނެވެ. އޭގެފަހުން ބޭރުގެ އިލްމުވެރިއެއް ކަމުގައިވާ ސައްޔިދު މުޙައްމަދު ޝަމްސުއްދީން އަރިއަހުން ދަރިވަރުވިއެވެ.
އައްސުލްޠާނު މުޙައްމަދު ސިރީކުލަ ރަންމަނި މަހާރަދުން އުފަންވެވަޑައިގަތީ ހުވަދޫ އަތޮޅު ދެއްވަދޫގައި ކަމުން އެމަނިކުފާނު ދެއްވަދޫ އަށް ނިސްބަތްކޮށް ދެއްވަދޫ ރަސްގެފާނުގެ ނަމުން ދިވެހީންގެ ތެރޭގައި މަޝްހޫރު ވެފައިވީ ކަމަކު އެރަސްގެފާނުގެ ބަފައި ފުށުގެ ޢާއިލާ އަކީ އައްޑޫ އާއިލާ އަކަށް ވެފައި މަންމަ އަކީ ވާދޫ މީހަކަށް ވިޔަސް ދިރިއުޅުއްވީ މާލޭގައި ކަމަށްވީ ހިނދު އެރަސްގެފާނުގެ " މަސް ވަޅުލެވިފައިވުން ” ފިޔަވައި ދެއްވަދޫ އާއި ހުރި އެއްވެސް ގުޅުމެއް ދިވެހި ތާރީޚުން އެގޭކަށްނެތެވެ. އެޗް، ސީ، ޕީ ބެލްގެ މޮނޮގްރާފުގައި އެރަސްގެފާނުގެ ނަންފުޅުގައި އައްޑޫ ގެންނަވާފައިވެއެވެ. އަދި މުޙައްމަދު އަމީނުގެ ތަންޤީޙު ކުރެވުނު ތާރީޚުގެ ތަންތަންކޮޅު ގައިވެސް އެރަދުންނަކީ އައްޑޫ ބޭފުޅެއްކަން އެނގޭ ވަރަށް ނަސަބު ލިޔުއްވާފައިވެއެވެ. ޙަސަން ތާޖުއްދީނުގެ ދިވެހިތާރީޚުގައި ވެސް އައްސުލްޠާނު މުހައްމަދަކީ އައްޑޫ ބޭފުޅެއްކަން އެނގޭ ވަރަށް ލިޔެވިފައިވުމުގެ އިތުރަށް ދިވެހީންގެ ތެރޭގައި މަޝްހޫރު ބޮޑުތަރުތީބުގެ މުޤައްދިމާގައި އައްސުލްޠާނު މުޙައްމަދު ބިން ޙާއްޖު އަލި ތުއްކަލާ ބިން ޤާޟީ މުޙައްމަދު ޝަމްސުއްދީނުލް އައްޑުވީ މިހެން ލިޔެވިފައިވުމުން މިއީ އައްޑޫ ބޭފުޅެއްކަން ރަނގަޅަށް އެނގެއެވެ. ދިވެހި ތާރީޚު ލިޔުއްވުންތެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީގެ ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރުގައި " އެރަސްގެފާނުގެ މަސް ވަޅުލެވިފައިވާ ރަށް” ކަމުގައި ދެއްވަދޫ ލިޔުއްވާފައިވާ ވުމަކީ އަޅުގަނޑުގެ މިބަހަށް ލިބޭ އިތުރު ދަލީލެކެވެ. އިތުރު ބާރެކެވެ.
އައްސުލްޠާނު މުޙައްމަދުގެ ރަސްކަމަކީ ދީންވެރިކަމަށް އިސްކަން ދެވިގެން އައި ރަސްކަމެކެވެ. ފަޤީރުންގެ ޙާލު ބެއްލެވި ވެރިކަމެކެވެ. ދިވެހިންގެ ތެރޭގައި ވަރަށް ފަހަކާ ޖެހެންދެން އޮތް ކަނދި ދުވަސް ( ދީނީ ކަންކަމަށް ގޮވާލެވޭ ދުވަސް ) މިފަދަ އެތައް ދީނީ އާދަ ތަކެއް ފައްޓަވައި ދަންނަބޭކަލުންނަށް ކަމޭ ހިއްތެވުމުގައި މިސާލެއްނެތް ރަސްކަލެއްގެ މަޤާމުގައި ހުންނެވުމަށްފަހު އަވަހާރަވެ، މާލޭގައި ފަސްދާނު ލެވިފައިވާ މިރަސްގެފާނަކީ އައްޑޫއަތޮޅު އެދަރިޔަކަށްޓަކައި އަބަދުގެ އަބަދަށް ފަޚުރުވެރިވާނެ އައްޑޫގެ ފަޚުރުވެރި ދަރިއެކެވެ. އެހެންކަމުން ތާރީޚުގައިމިވާ އޮޅުން އިސްލާޙުކުރެވި "ދެއްވަދޫ ރަސްގެފާނުގެ" ނަންފުޅު "އައްޑޫ ރަދުންގެ" ނަންފުޅަށް ބަދަލު ކުރުމަކީ ތާރީޚަށްޓަކައި އަދި އިންޞާފާއި ހަޤީޤަތަށްޓަކައި މިއަދު ކުރަންޖެހިފައިވާ ކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.
ginameehunnah en'gifa onnagothah alhugan'duves heekuranee e ee dhevvadhoo beyfulheh kamah.thaareekh liyunthakun badhalugennan hama varah ran'galhu thankolheh liyuntheriyaa faahaga ekurevvee
Varah furihama thaareekhee mauloomaathu thakeh genes dhin liumeh. Dhevvadhoo rasgefaanuge mas valhu levunu kamah takai erashuge rayyithun mi adhu ves fakhuru veriva adhi hageegay neygi oh mauloo eh. Shukuran Safwan
ހޮޅިވާހަކަ.. . އައްޑޫރަދުންނޭ ޒާހިރުގެ ފޮތުގައިބަޔާންކުރެއްވީ ކޮންމެހެން އަފީފަކީ ރަސްކަލަކަށް ވާތީ އެއްނޫން. އަފީފަކީ އައްޑޫ މީހުންގެ ހިތުގެ ރަސްގެފާނު އަދި އެމީހުންގެ ނަޒަރުގައި "އައްޑޫ ރަދުން" ގެ ލަޤަބު ޙައްޤު ބޭފުޅަކަށް ވާތީ . -އައްޑޫ މީހާ-
Afeef akee bodu baagee eh eyna ah radhun Ney kiyaigen nuvaane t