ޕީޕީއެމްގެ މަޝްވަރާ މަޖިލީހުން ޢުމަރު ވަކިކޮށްފި

13347020_1028652527220521_9151921451530529845_n
- މަޝްވަރާ މަޖިލީހުން ޢުމަދު ވަކިކުރެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާންކުރެއްވުމުން.
- ރައީސް މައުމޫނު މިގޮތައް ނިންމެވީ ޢުމަރާ މަޝްވަރާ ކުރައްވާފަ.
- މިއީ މިވަގުތަށް އެންމެ ރަނގަޅުގޮތް - ޢުމަރު
ހޯމް މިނިސްޓަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އުމަރު ނަސީރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ޢިއުލާންކުރެއްވުމާގުޅިގެން ރައީސް މައުމޫނު އުފައްދަވާފައިވާ ޕީޕީއެމްގެ މަޝްވަރާ މަޖިލީހުން ޢުމަރު ވަކިކޮށްފިއެވެ.
ޕީޕީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައިވަނީ ޢުމަރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާގުޅިގެން ރައީސް މައުމޫން މިހާރުވަނީ އުމަރު މަޤާމުން ވަކިކުރައްވާފައިކަމަށެވެ. އެހެންކަމުން އެ ކޮމިޓީގައި މިހާރު ތިއްބެވީ ތިއްބަވަނީ، ރައީސް މައުމޫނުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ރާޝިދާ ޔޫސުފާއި މިސަރުކާރުގެ ކޯޑިނޭޓަރުކަމުން އެންމެފަހުން ވަކިކުރެއްވި އައިމިނަތު ނާދިރާއާއި ކުރީގެ މިނިސްޓަރުކަން ކުރެއްވި ހަމްދޫން ޢަބްދުﷲ ހަމީދާއި، އަނީސާ އަހުމަދާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރެވެ.
މި މަޝްވަރާ މަޖިލީހަކީ ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން ރައީސް މައުމޫނު އުފައްދަވާފައިވާ މަޖިލީހެކެވެ.
މި މަޖިލީހުން ޢުމަރު ވަކިކުރައްވާފައިވާއިރު، އުމަރު ރައީސްކަމަށް ކުރިމަތިލައްވާނެކަން އޭނާ ޢިއުލާންކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އުމަރު ވިދާޅުވެފައިވަނީ އޭނާ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށާ، 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާގެ ސްލޯގަން އަކީ "އަމާނާތްތެރިކަން" ކަމަށެވެ.
މަޝްވަރާ މަޖިލީހުން ވަކިކުރެއްވުމާ ގުޅޭގޮތުން ޢުމަރު ވިދާޅުވެފައިވަނީ ރައީސް މައުމޫން އެނިންމެވުން ނިންމެވީ އޭނާއާވެސް މަޝްވަރާކުރައްވައި، އެއީ އެންމެ ރަނގަޅުގޮތްކަމަށް ވާތީކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.