ބަންގްލާދޭޝްގައި ހަޅުތާލުކުރަމުންދާ މަސައްކަތްތެރިންނާ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް

ބަންގްލާދޭޝްގައި މުސާރަ ބޮޑުކުރުމަށް އެދި ހަޅުތާލުކުރަމުންދާ އެތައް ހާސް މަސައްކަތްތެރިންނާ ފުލުހުންނާ ދެމެދު އިއްޔެއިން ފެށިގެން ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން އެބަދެއެވެ. ސަރުކާރަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދައިދޭ ސިނާއަތް ކަމުގައިވާ ހެދުން އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެތައްހާސް ބަޔަކު ވަނީ އެމީހުންގެ މަސައްކަތް ހުއްޓާލާއި ހަޅުތާލަށް ނުކުމެފައެވެ.

ހަޅުތާލުކުރަމުންދާ މީހުންގެ އެއްވުންތައް ރޫޅާލުމަށް ފުލުހުން ވަނީ ފެނާއި، ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

"މަސައްކަތުމީހުން ނުކުމެ މަގެއް ބަންދުކުރީ. ދުއްވާ ތަކެއްޗަށް ބާރުކުޑަކުރުމަށް އަހަރުމެންނަށް ޖެހުނީ މަގު ހުޅުވަން." އޭއެފްޕީއާ ވާހަކަދައްކަވަމުން އިންޑަސްޓްރިއަލް ޕޮލިސް ޑިރެކްޓަރު ސަނާ ޝާމިނުއް ރަޙްމާން ވިދާޅުވިއެވެ.

"މިހާތަނަށް 52 ފެކްޓަރީއެއްގެ މަސައްކަތްތެރިން ވަނީ މަސައްކަތް ހުއްޓާލާފައި. އޭގެ ތެރޭގައި ބައެއް ބޮޑެތި ފެކްޓަރީތައްވެސް ހިމެނޭ." އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހަފުތާގެ އަންގާރަ ދުވަހު މުޒާހަރާ ކުރަމުން ދިޔަ އެތައް ހާސް މަސައްކަތްތެރިންގެ ތެރެއަށް ފުލުހުން ރަބަރު ވަޒަން ޖެހުމުގެ ސަބަބުން އެކަކު މަރުވެ 50 މީހުން ޒަޚްމްވެފައި ވެއެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ހެދުން ފަހާ ފެކްޓަރީތަކުގައި މަސައްކަތްކުރާ 4 މިލިއަނެއްހާ ފެހުންތެރިން މަސައްކަތްކުރަނީ ކުޑަ މުސާރައަކަށެވެ.

165 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލާދޭޝްއަށް ލިބޭ ބޭރު ފައިސާގެ %80 ލިބެނީ ހެދުން އެކްސްޕޯޓުކޮށްގެންނެވެ. ބަންގްލާދޭޝް އިން ހެދުން ފައްސާ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި އެޗް & އެމް، ޕްރިމާކް، ވޯލްމާޓް، ޓެސްކޯ އަދި އަލްޑޯ ފަދަ މަރުކާތައް ހިމެނެއވެ.

މަސައްކަތްތެރިންގެ ޖަމްއިއްޔާގެ އިސްވެރިން ބުނާ ގޮތުން ހަޅުތާލު ހަމަނުޖެހުމަށް ބަދަލުވީ ފެކްޓަރީތަކުގެ ވެރިން މަސައްކަތްތެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުންނެވެ. އެ ޖަމްއިއްޔާގެ ލީޑަރަކު ކަމުގައިވާ އަމީނުލް އިސްލާމް ބުނި ގޮތުގައި "އެމީހުން (މަސައްކަތްތެރިން) މިފަހަރު ތިބީ އެހެން ހުރިހާ ފަހަރަކަށް ވުރެ އެއްބައިވަންތަ" ކޮށެވެ.

ސަރުކާރުން ވަނީ މިއަހަރު ފެށުމާއެކު ހެދުން ފެހުމުގައި މަސައްކަތްކުރާ މީހުން އެންމެ ކުޑަ މުސާރަ 8 ހާސް ޓާކާ (95 އެމެރިކާ ޑޮލަރު) އަށް ބޮޑުކޮށްފައެވެ. އެއީ އެންމެ އާދައިގެ މަސައްކަތު މީހުންނަށް މުސާރައިގެ %50 ގެ ކުރިއެރުމެއް ނަމަވެސް، މެދު ފަންތީގެ މަސައްކަތު މީހުން ބުނަމުން ދަނީ އެމީހުންގެ މުސާރަ ބޮޑުވީ ވަރަށް ކުޑަކޮށް ކަމުގައެވެ.

ފާއިތުވި 2018 ވަނަ އަހަރުވެސް ބަންގްލާދޭޝްގެ ހެދުން އުފައްދާ 4500 ފެކްޓަރީން 30 ބިލިއަން އެމެރިކާ ޑޮލަރުގެ ހެދުން އެކްސްޕޯޓުކޮށްފައި ވެއެވެ. ބަންގްލާދޭޝް އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހެދުން އުފައްދާ ގައުމެވެ. އެއްވަނަ ގައުމަކީ ޗައިނާއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.