ނަވާޒް ޝަރީފް ލާހޫރްގެ ޖަލަކަށް ބަދަލުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާވަލްޕިންޑީ ގެ ޖަލަކުން  ލާހޫރްގެ ކޯޓް ލަޚްޕާތް ޖަލަށް އަންގާރަ ދުވަހު ބަދަލުކޮށްފިއެވެ. ޕަންޖާބްގެ ހޯމް ސެކްރެޓަރީ ފަޒީލް އަސްޣަރް އާއި ޙަވާލާދީ ޖިއޯ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަވާޒް ޝަރީފުގެ ޖަލު ގޮޅީގައި ޓީވީ އާއި، އެނދަކާއި، ރަޖާ އާއި ހީޓަރަކާއި، ގޮނޑިއަކާއި މޭޒެއްް ހުންނާނެއެވެ. އަދި ޖަލުގައި އެހީތެރިއަކު ވެސް ހަމަޖައްސާފައިވާ ކަމަށާއި ގެއިން ގެންނަ ކާބޯތަކެތި ފޯރުކޮށްދެވޭނެ ކަމަށް ވެސް ޖިއޯ ނިއުސް އިން ރިޕޯޓު ކުރެއެވެ. ދާދި ފަހުން ޖަލުން މިނިވަން ކުރުމުގެ ކުރީން ޖަލު ގޮޅީގެ ހާލަތު ދަށް ކަމަށް ބުނެ ޢާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

ޢުމުރުފުޅުން 68 އަހަރުގެ ނަވާޒް ޝަރީފް ހުންނަވާނީ ކޮރަޕްޝަންގެ ތުހުމަތުގައި ޖަލަށްލާފައިވާ އޭނާގެ ކޮއްކޮ ޝާހްބާޒް ޝަރީފް އާއި އެއް ޖަލެއްގައެވެ. ނަމަވެސް ވަކި ގޮޅިއެއްގައެވެ.

ޕާކިސްތާނުގެ އެންޓި-ކޮރަޕްޝަން ކޯޓަކުން ނަވާޒް ޝަރިފް ގެ މައްޗަށް 7 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ ހޯމަ ދުވަހުއެވެ. ޖަލު ޙުކުމުގެ އިތުރުން އޭނާ ވަނީ 2.5 މިލިއަން ޑޮލަރުން ޖުރިމާނާވެސް ކޮށްފައެވެ. ނަވާޒް ޝަރީފްގެ މައްޗަށް މިފަހަރު ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ ސުޢޫދީ ޢަރަބިއްޔާގައި ހުންނަ އަލް ޢަޒީޒިއާ ސްޓީލް މިލްސް އަށް ފަންޑްކޮށްފައިވަނީ ކޮންފަރާތަކުން ކަން ސާބިތުކޮށް ނުދެވުމުންނެވެ.

މިއަހަރުގެ ޖުލައި މަހުވެސް ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށް ޙުކުމްކޮށްފައިވެއެވެ. ނަަމަވެސް ކަފާލާތުގެ ދަށުން ސެޕްޓެންބަރު މަހު ވަނީ މިނިވަންކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.