ފަތުރުވެރިކަމުގެ ދާއިރާއިން އިނގިރޭސީންނާއެކު ގުޅުން ބަދަހި ކުރަނީ

ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާއިން އިނގިރޭސިވިލާތާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި އިނގިރޭސިވިލާތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވައިފައިވަނީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖޭމްސް ޑޯރިސް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމުގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އިނގިރޭސިވިލާތުން އަބަދުވެސް ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ނާއިބު ރައީސް ފައިޞަލް ނަސީމް ވަނީ ރާއްޖެއާއި އިނގިރޭސީ ވިލާތާ ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ދެޤައުމަށްވެސް ފައިދާކުރާނެ ކަންކަން ހިމެނޭ ދާއިރާތަކާބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވައިފައެވެ. ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުން ލިބޭނެ ގޮތްތަކާމެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް އެޤައުމުން ނިންމަވާފައިވާ ނިންމެވުމަށް ނާއިބު ރައީސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި އިނގިރޭސިވިލާތުން ރާއްޖޭގެ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ދިނުމުގައި އިތުރު ލުއިތައް ދިނުމަށް ވޭތުވެ ދިޔަ އަހަރުތަކުގައި ކޮށްދެއްވާފައިވާ މަސައްކަތް ތަކަށް ވެސް ނާއިބު ރައީސް ޝުކުރު އަދާކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ނާއިބު ރައީސްކަމުގެ މަޤާމަށް ފައިސަލް ނަސީމު ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭން ކޮމަންވެލްތާއި އަލުން ގުޅުމަށް ނިންމާފައިވާތީ އެކަމަށްވެސް މަރުޙަބާ ވިދާޅުވިއެވެ.

މީގެއިތުރުން އިނގިރޭސި ސަފީރު ވަނީ ސަރުކާރުގެ 100 ދުވަހުގެ ޕޮރޮގުރާމްގެ މަސައްކަތްތައް ފާހަގަކުރައްވައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ތަޢުރީފުކުރައްވާފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.