އިންސާފުވެރި ވެއްޓެއް ޤާއިމުކުރުމަށް މަސައްކަތް ކުރާނަން – ޑރ. ޖަމީލް

big_1ggQw5vc2xRU37P

ޔުނައިޓެޑް އޮޕޮޒިޝަންގެ އެންމެ ބޮޑު އަމާޒަކީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ އަލުން އިއާދަ ކުރުން ކަމަށާއި، ރައީސް ނަޝީދާއި އެހެން ސިޔާސީ ލީޑަރުންނަށް އިންތިޚާބު ތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެ ފަދަ އިންސާފުވެރި ވެއްޓެއް ޤާއިމުކުރުން ކަމުގައި ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ޔުނައިޓެޑް އޮޕޮޒިޝަންގެ އޮފީސް ސްރީލަންކާގެ ކޮލޮމްބޯގައި ހުޅުވުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޙާއްސަ ޙާފްލާގައި ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވަމުންނެވެ. ސްރީލަންކާއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ބިންގާ އެޅުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރެވިގެން ދިޔަ ތަނެއް ކަމަށް ފާހަގަ ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ “ކޮލޮމްބޯގައި މިހުޅުވޭ އޮފީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ ތަނެއް” ކަމުގައެވެ.

ސްރީލަންކާގެ ސިޔާސީ މަޝްރަޙަށް އަލިއަޅުވާލައްވައި ޑރ. ޖަމީލް ވިދާޅުވީ “ލަންކާގައި ޑިމޮކްރަސީ އިޔާދަވެގެންދިޔަ ގޮތަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ނަމޫނާއެއް. ލަންކާގައި ދިއްލިގެންދިޔަ ޑިމޮކްރަސީގެ ހުޅުކޮޅު ރާއްޖެއަށް އަލިކަން ގެނެސްދޭނެ” ކަމަށާއި ދިވެހިންގެ ހިއްވްރު ބަލިނުކޮށް، މާޔޫސްނުވެ ވަރުގަދަ އަޒުމާ އެކު ރާއްޖެއަށް ޑިމޮކްރަސީ އަލުން އިއާދަ ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ސިޔާސީ ގޮތުން ކުރީގައި ޚިޔާލުތަފާތުވިނަމަވެސް ޤައުމުގެ މަސްލަހަތު މާ މުހިއްމުކަމަށާއި ސިޔާސީ ވާދަވެރިން އެކުވެ މަސައްކަތް ކުރަންފެށީ ދިވެހިރާއްޖޭގެ މުސްތަޤްބަލު މާ މުހިއްމުވެފައި މިހާރު ކުރިމަތިވެފައިމިވާ ކަންކަމުން ޤައުމު ސަލާމަތް ކުރުމަށް ކަމުގައި ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި ޔުނައިޓެޑް އޮޕޮޒިޝަންގެ އަމާޒަކީ ނުޙައްޤުން އަދަބު ދެވިފައިތިބި މީހުންނަށް އިންސާފު ހޯދައިދިނުންކަމުގައި ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ އަޑު ކެނޑި، ޙައްޤުތައް ހަނިވެފައިވާއިރު ޚިލާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގައި މިނިވަންކަމާއި އެއްވެ އުޅުމު މިނިވަންކަން ލިބިދޭންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއަދުގެ ހާލަތަކީ ކޮންމެ ދުވަހަކުވެސް ދިވެހި ރައްޔިތުންނަށް ގެއްލުން ލިބިގެން ދިއުންކަމަށާއި ދުސްތޫރީ ނިޒާމު ގެއްލި، ވެރިކަމަމީ ގޭތެރޭގައި ހިންގާ ކަމެއްގެ ގޮތުގައި ރައީސް ޔާމީންގެ ޢަމަލުން ހާމަވާ ކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.