"ފިނިފެންމާ" ގޮއްވާލި މައްސަލައިގެ ޙުކުމް އިއްވުން މިރޭ!

images

ރިޔަސީ ލޯންޗުކޮޅު "ފިނިފެންމާ" އިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވަނިކޮށް އެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޝަރީޢަތް ނިންމައި ޙުކުމް އިއްވުން މިރެއަށް ތާވަލްކޮށްފިއެވެ.

ބޮންގޮއްވިކަމުގެ ތުހުމަތުގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުންންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ދަޢުވާއެވެ.

މި ޙުކުމް އިއްވުން މިރޭ 10:00 އަށް ތާވަލްކޮށްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާ ގޮއްވާލުމަށްޓަކައި، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ވިދާޅުވެގެން އައިއީޑީއެއް ނުވަތަ ގޮވާއެއްޗެއް ތައްޔާރުކުރިކަމަށް، އަދީބާ ދެކޮޅަށް މީހަކު ވަނީ ސިއްރުން ކޯޓުގައި ކުރިން ހެކިބަސްދީފައެވެ.

ހެކިބަސްދެމުން އެމީހާބުނެފައިވަނީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމަށްޓަކައި އައިއީޑީއެއް ހެދުމަށް އަދީބު އޭނާއަށް އެންގެވިކަމަށެވެ. އަދި އޭގެކުރިންވެސް އެފަދަ ބައެއް ކަންކަން އޭނާއާ އަދީބު ޙަވާލުކުރައްވާފައިވާކަމަށް އޭނާ މިއަދު ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ މެއިމަހުގެ ފުރަތަމަދުވަހު އިދިކޮޅު ފަރާތްތަކުން މަލޭގައިކުރި މޭޑޭ މުޒާހަރާއާދިމާކޮށް ގޮއްވާލުމަށް ވެސް އޭނާވަނީ އަދީބު އަންގަވައިގެން އައިއީޑީ އެއް ތައްޔާރުކޮށްދީފައިކަމަށް އެމީހާ މިއަދު ބުންޏެވެ.

މީގެއިތުރުން އޭރު އިދިކޮޅު ސިޔާސީފަރާތްތަކުން ހިންގަމުންދިޔަ ކަންކަމާދެކޮޅަށް ސިޔާސީ ސްޓަންޓެއް ޖެއްސެވުމުގެގޮތުން، ޓެސްޓެއްގެ ގޮތުން، ގަލްފް ކްރާފްޓްގެ ލޯންޗެއް ގޮއްވާލުމަށް ވެސް، އަދީބުގެ ވިދާޅުވެގެން އައިޑީއެއް ތައްޔާރުކޮށްދިން ކަމަށް އެމީހާ ބުންޏެވެ. އޭނާވަނީ އެ އައިއީޑީ ތައް ތައްޔާރުކުރި ގޮތާއި އޭގެ ތަފްސީލު ވެސް އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ ހާމަކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.