ކުރީގެ ރީތީގެ ރާނީ، އަދި ގްލޯބަލް ތަރި ޕްރިޔަންކާ ޗޯޕްރާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޮނަސް ކާވެނި ކޮށްފިއވެ.
ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ހެދުން ފަރުމާ ކުރީ ރަލްފް ލޯރެން އެވެ. އަދި ޖޮނަސް އާއިލާ އާއި ޗޯޕްޅާ އާއިލާގެ އެންމެންގެ ހެދުންވެސް ފަރުމާކޮށްފަިއވަނީ ރަލްފް ލޯރެން އެވެ. މި ޚާއްޞަ ރަސްމިއްޔާތަށް ޕްރިޔަންކާ އާއި ނިކް އަދި އާއިލާ އިން ރަލްފް ލޯރެން ހޮވުން އެއީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ބުނެ ރަލްފް ލޯރެން އިން ވަނީ އެކަން ފަހަގަކޮށްފައެވެ.
އިންޑިއާ އާއި މުޅި ދުނިޔޭގެ މީޑީއާ އިން ފާރަވެރިވެ ތިބި ކާވެނިގެ ހަފްލާ އޮތީ ޖޯދްޕޫރްގެ އުމައިދް ބާވަން ގަނޑުވަރުގައެވެ. ނަމަވެސް ހަފްލާގައި ބައިވެރިވި މަދު މެހްމާނެއް ފިޔަވައި އެއްވެސް ބަޔެއްގެ ފޮޓޯ ޕަޕަރާޒީ އަށް ވެސް ނެގިފައި ނުވެއެވެ. ކާވެންޏަށްޓަޖައި ގަނޑުވަރުގައި ވަނީ ހެލިޕޭޑެއް އަޅާފައެވެ.
މިއަދުގެ ހަފްލާ އޮތީ ކްރިސްޓިއަން ދީނުގެ ސަގާފަތާ އެއްގޮތަށެވެ. ނަމަވެސް މާދަމާ ހިންދޫ ދީނުގެ ސަގާފަތަށްވެސް ކާވެނި ކުރެވޭނެއެވެ.
ކާވެނީގެ ރަސްމީ ކަންކަން ނިމުމުން ކާވެނީގެ އުފަލުގައި އުމައިދް ބާވަން ގަނޑޫވަރު ވަނީ އެކު ކުލައި ކުލައިން ދިއްލާފައެވެ. އަދި ކާވެނި ކުރެވުމާ އެކު އުމައިދް ބާވަންގައި ގަނޑުވަރު ގައި ހަވާ އެރުވުން އޮތެވެ.