ދީނާއި ސައިންސް (14)

(9 ނޮވެމްބަރު  2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޢާއްމު ގޮތެއްގައި ގަބޫލު ކުރެވިފައި އޮންނަނީ ސައިންސްވެރިންނަކީ ތައައްސުބުން އެއްކިބާ ވެފައިވާ ބަޔަކު ކަމުގައެވެ. ސައިންސްވެރިއެއް ކަމުގައިވާ އޭ. ވީ. ހިލްސް މިކަމާ ބެހޭ ގޮތުން ބުނުއްވާ އެއްޗެއް ބަލައިލަމާތޯއެވެ؟ "އަޅުގަނޑުމެން ސައިންސްގެ ދާއިރާގައި އުޅޭ މީހުންނަކީ އެހެން މީހުންނަށްވުރެ ބޮޑަށް ތައައްސުބާ ދުރުގައި އުޅޭ ބަޔަކަށް ގަބޫލު ކުރާނޭ އެންމެ ފަހުގެ މީހަކަށް ވާނީ އަޅުގަނޑެވެ.""1" (މާނައަކީ އޭނާ ގަބޫލެއް ނުކުރައްވައެވެ.)

ސަރ ޖޭމްސް ޖީންސް މިކަމާ ބެހޭ ގޮތުން ބުނުއްވަނީ އެހެން ވާހަކައެކެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ޒަމާނީ ސިކުނޑި ވަނީ މެސެނީ ތައުބީރު ގަބޫލު ކުރުމުގައި ތައްއްސުބުގެ ބޭނުން ހިފައިފައެވެ.""2"

ތައްސުބުގެ އޮއިވަރު އެކި ދިމަދިމާއަށް ދެމެމުންދާ ދުނިޔެއެއްގައި އިލްމީ ގޮތުން ކަމެއް ސާބިތު ކުރެވުމާއެކު އެކަމެއް ގަބޫލު ކުރާން ފަށައިފާނޭ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރާނީ ކިހިނެއްތޯއެވެ؟ ތާރީޚުގެ ތަޖުރިބާއިން އެނގޭ ގޮތުގައި އިންސާނާގެ ހުރިހައި ކަމެއް އޭނާ ބިނާ ކުރަމުން ދަނީ ޖަޒުބާތުގެ މައްޗަށެވެ. އޭނާގެ އިލްމީ ބުއްދީގެ މައްޗަކަށް ނޫނެވެ. އިލްމީ ގޮތުން ނުވަތަ މަންތިގީ ގޮތުން ބެލި ނަަމަވެސް ބުއްދިއާއި ދަލީލަކީ ޖަޒުބާތަށްވުރެ މަތީ ދަރަޖައެއް ލިބިފައިވާ އެއްޗަކަށް ވުމާވެސް އެކުގައެވެ. ޖަޒުބާތުގެ މައްޗަށް ބުއްދިއާއި އިލްމީ ދަލީލު ގަދަ ވެގަންނަތަން ފެންނަނީ ވަރަށް މަދު ފަހަރެއްގައެވެ. އިލްމީ ހަމަތަކުން ދަލީލުތައް ދައްކައިގެން ޖަޒުބާތީ ހަމަތައް ކުރި އަރުވައި އެއީ އެންމެ މޮޅު ގޮތް ކަމަށް ދައްކާން މަސައްކަތް ކުރެވޭ ކަމީވެސް ފެންނާން އޮތް ހަގީގަތެކެވެ. ހަގީގަތާ ދެކޮޅު ހަދައިގެންވެސް ޖަޒުބާތ ދުނިޔޭގައި އުޅުމަކީ އިންސާނަގެ ނަފްސިއްޔާތުގައި ހުންނަ ކަމެކެވެ. އެހެންވީމާ އިންސާނާއާ މުއާމަލާތް ކުރާއިރު އެންމެ ބޮޑަށް ހަނދާން ބަހައްޓާން ޖެހޭ ކަމަކީ އަޅުގަނޑުމެން މި މުއާމަލާތް ކުރަނީ މެސެނަކާ ނޫންކަން ހަނދާން ކުރާން ޖެހެއެވެ. ގޮބަކަށް ފިތައިލުމާއެކު މެސެނެއް ކަންތައް ކުރާ ފަދައިން އިންސާނާ އެއްވެސް ކަމެއް ނުކުރާނޭކަންވެސް ދަންނާން ޖެހެއެވެ. އަޅުގަނޑުމެން އިންސާނަކު ގާތު ބުނާ ކަމެއް އޭނާ ކުރާނީ އޭނާ އެކަމެއް ކުރާން ބޭނުން ނަމައެވެ. ނުވަތަ ގަސްތެއް އޮތިއްޔާއެވެ. އޭނާ އެކަމެއް ކުރާން ބޭނުން ނޫން ނަމަ ކިތަންމެ ދަލީލެއް ދެއްކިޔަސް، ކިތަންމެ ވާހަކައެއް ދެއްކިޔަސް އެ ކަމެއް ނުކުރާނެއެވެ. އިންސާނާޔާ އަޅުގަނޑުމެން ދައްކާ ވާހަކައަކީ ނުވަތަ ދައްކާ ދަލީލުތަކަކީ އިލެކްޓްރިކް ގޮބުތަކެއް ނޫނެވެ. އިންސާނީ ތާރީޚުގައި ދިމާވެފައިވާ އެންމެ ހިތާމަވެރި ކަމަކީ އިންސާނާއަކީ ބުއްދީގެ ބޭނުން ކުރާ މީހެއް ކަމުގައި ވިޔަސް، ހަމަ އެ ބުއްދީގެ ބޭނުން ކޮށްގެން މީހަކު ބޭނުންހައި ކަމެއް އިންސާނަކު ލައްވައި ނުކުރެވުން ކަމަށް ވުމަކީވެސް އެކަށިގެންވާ ކަމެކެވެ.

"1"  އޭ. އެން. ގިލްކޭ އޭނާ ލިޔުއްވި ފޮތެއް  ކަމުގައިވާ "ފެއިތް ފޯރ ދަ މޮޑަރން މޭން" ގެ 109 ވަނަ ސަފުޙާގައި ހިލްސް ބުނުއްވި ކަމަށް ބަޔާން ކުރައްވައިފައި.

"2" ދަ މިސްޓީރިއަސް ޔުނިވަރސް، ސަފުހާ 135

ސައިންސަށް ހޯދައި ނުގަނެވުނު އިންސާނާ

ދިގު އެތައް ދިރާސާއަކަށް ފަހު މި ޒަމާނުގެ އިލްމުވެރިން ގަބޫލު ކޮށްފައިވާ ގޮތުގައި ދިރުމެއް ނެތް މާއްދާޔާ ބެހޭ ގޮތުން އެތައް ހަގީގަތެއް ދެނެގަނެވުމާއެކުވެސް އިންސާނާއާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ދެނެގަނެވިފައެއް ނެތެވެ. ދުނިޔޭގެ ދިރުމާ ބެހޭ އިލްމާއި ދިރުމެއް ނެތް މާއްދާއާ ބެހޭ އިލްމާ ދެމެދު އޮތް އެންމެ ބޮޑު އެއް ތަފާތަކީ ދިރުމެއް ނެތް މާއްދާގެ އިލްމުގެ ހުރިހައި ކަމެއް ކަނޑައެޅި ގާއިމު ވެފައިވާ އުސޫލުތަެއްގެ މައްޗަށް އޮންނަ އޮތުމެވެ. ދިރުމާ ބެހޭ ޢިލްމުގެ ކަންތައް އޮތީ އެފަދަ ކަނޑައެޅި ނިމިފައިވާ އުސޫލުތަކެއްގެ މަތީގައެއް ނޫނެވެ. މި ވާހަކަ ޑޮކްޓްރ އެލެކްސިސް ކަރެލް ބަޔާން ކުރައްވަނީ މި ދަންނަވާ އިބާރާތުންނެވެ. "ޖާދޫގެ ޖަންގައްޔެއްގައި ހުންނަ ގަސްތައް އެ ގަސްގަހުގެ ސިފައާއި ތަން އެކި ފަހަރު އެކި ގޮތަށް ބަދަލު ވަމުންދާ ފަދައިން..." މާއްދީ ހަމަތައް ބަޔާން ކޮށްދޭފަދައިން ހަޔާތިއާތީ ހަމަތަކަކީ އަލްޖެބްރާގެ އަދަދުތަކަކުން ބަޔާން ކޮށް ދެވޭނޭ ހަމަތަކެއް ނޫނެވެ. މާއްދީ ދުނިޔޭގެ ސައިންސް ބިނާ ވެފައި އޮންނަނީ ތަފުސީލުގެ މައްޗަށެވެ. އެއީ ސައިންސަށް ބަލާއިރު ތަންކޮޅެއް ދަށް ފަންތީގައި އޮންނަ ކަމެކެވެ. އެހެނީ އެއީ ކަމެއްގެ ނުވަތަ އެއްޗެއްގެ ފުރިހަމަ ހަގީގަތް ހާމަކޮށްދޭ ކަމެއް ނޫނެވެ. އެ ހަމަތަކުން އެނގެނީ ބައެއް އުންސުރުތަކެވެ. މިސާލަކަށް ބަރުދަނާއި، ޖާގައާއި ތަނަވަސްކަމާ ގުޅޭ ބައެއް ކަންތައްތަކެވެ. އެ ހަމަތަކުގެ ބޭނުން ކުރީމާ ކުރިމަގުގެ ކަންތައްތައް ލަފާ ކުރުމުގެ ގާބިލުކަން އަޅުގަނޑުމެންނަށް ލިބެއެވެ. އަދި ބައެއް ފަހަރަށް ކަމެއް ހިނގާނޭ ގޮތް ކަނޑައެޅުމުގެ ގާބުލުކަންވެސް ލިބެއެވެ. އެއީ މާއްދާއަށް އަންނަ ބަދަލާއި، މާއްދާގައި އެކުލެވިފައިވާ ބައެއް ހަމަތައް އެނގުމުގެ ސަބަބުން ލިބޭ ގާބިލު ކަމެކެވެ. އިންސާނާ ފިޔަވައި ދުނިޔޭގައި ލެއްވި ހުރިހައި އެއްޗެއްގެ ހަގީގަތްތައް ދެނެގަތމުގެ ގާބިލުކަން އަޅުގަނޑުމެން މި ވަނީ ލިބިގެންފައެވެ. އެކަމަކު ދިރޭ ތަކެތީގެ، ޚާއްސަކޮށް އިންސާނާގެ، ސައިންސްގެ ދާއިރާގައި އަޅުގަނޑުމެންނަކަށް ފާހަގަ ކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނެތެވެ. މި ދާއިރާ އަދިވެސް އޮތީ އިބްތިދާާއީ މަރުހަލާގައެވެ. ދިރުމުގެ އަސްލަކީ ކޮބައިކަމާއި، ހަގީގަތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މި މަރުހަލާއިން މައްޗަށް ޖެހިލާން ޖެހެއެވެ.

ނޮބެލް އިނާމު ހޯއްދަވައިފައިވާ ޑޮކްޓްރ އެލެކްސިސް ކަރެލް އަކީ ނިވް ޔޯކުގެ ރޮކްފެލްރ އިންސްޓިޓިއުޓްގައި ހަޔާތިއާތީ އިލްމުގެ ދާއިރާއިން  ދިރާސާ ކުރައްވައި މަޝްހޫރުކަން ހޯއްދަވައިފައިވާ ބޭކަލެކެވެ. އޭނާ ލިޔުއްވައިފައިވާ ފޮތެއް ކަމުގައިވާ "މޭން، ދި އަންނޯވން" ގައި އިންސާނާ ސިފަ ކުރައްވައިފައިވާ ގޮތް ވިދާޅުވެ ލައްވާށެވެ.

"އިންސާާނާއަކީ އިންތިހާ ދަރަޖައަށް ދެނެގަންނާން އުނދަގޫ ރޫޅައިނުލެވޭ މަޖުމޫއާއެކެވެ. އިންސާނާ ސިފަކުރުމަށްޓަކައި ބޭނުން ކުރެވޭނޭ އެހެން އެއްވެސް އެއްޗެއް ނެތެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.