ރާއްޖޭގެ ތާރީޚުގައި ، ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގާން އިސްވެތިބޭ ބަޔެއްގެ އަނިޔާވެރިކަން ނެތީ ކޮން އިރަކު ތޯއެވެ؟ ނިކަމެތި ރައްޔިތުންގެ މެދުގައި ޢަދްލު އިންސާފު ޤާއިމް ކުރެވި ޢަދްލަށް ޙުކުމް ކުރެވުނީ ކޮން ޒަމާނެއްގައި ތޯއެވެ ؟ ރައްޔިތުންނަކީ އެބައިމީހުންގެ އަޅުން ކަމުގައި ނުބަލާ ، ރައްޔިތުން ނިކަމެތި ނުކޮށް ، ކިބުރުވެރިކަމާއި ބޮޑާކަމުން އެއްކިބާވެގެންވާ ވެރިކަމެއް ރައްޔިތުންނަށް ލިބިފައިވަނީ ކޮން ދުވަހަކު ތޯއެވެ ؟
ރަނގަޅު ވާހަކަ އެކެވެ. މިއީކީ ރަސޫލު ޒަމާނެއްނޫނެވެ. އަދި ހަތަރު ޚަލީފާއިންގެ ދުވަސްވަރެއްވެސް ނުމެ ނޫންމެއެވެ. ޒަމާން ބަދަލުވެއްޖެއެވެ. މީހުންވެސް ބަދަލު ވެއްޖެއެވެ. އެހެނަސް ބަދަލުނުވާ އެއްޗަކީ އިންސާނަކަށްވީތީ އެއިންސާނާ ދިރިއުޅުމަށްޓަކައި އޭނާއަށް ލިބިގެންވާ ޙައްޤެވެ. އުފަންވުމަށްފަހު މަރުގެންނެވުމާ ހަމަޔަށްވެސް އެ ޙައްޤަކީ އިންސާނާއަށް ﷲ ކަށަވަރުކޮށްދެއްވާފައިވާ އަސާސީ ޙައްޤެކެވެ. އެޙައްޤު ، ރައްޔިތުންނަށް ވެރިން ފޯރުކޮށްދޭން ޖެހެނީ ، ޤާނޫނު އަސާސީގައި ލިޔެގެން އެކަންޏެއްނޫނެވެ. ވެރިންގެ ވަޢުދާއި ﷲ ގަންދީ ކުރާ ހުވަޔާ އަދި ވެރިޔަކަށް ވީތީ ތިމާގެ މައްޗަށް ﷲ ގެ ޙަޟްރަތުން އައިސްފައިވާ ވާޖިބާއި ފަރުޟަކީ ، ﷲ ގެ މަތިވެރި ޙަޟްރަތަށް އިންސާނާ އެނބުރި ރުޖޫޢަވުމުން ، އެކަންކަމާމެދު ސުއާލު ކުރެވޭނެ ކަންކަމެވެ
ވެރިޔަކަށްވުމަށްފަހު ، ރައްޔިތުންގެ ޙައްޤު ކަށަވަރުކޮށްދިނުމަކީ ، ވެރިޔެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއީ ރައްޔިތުންގެ ގާތަށްގޮސް ވޯޓު ހޯދަންވާ ވަޢުދު ވުމުގެ ކުރިންވެސް ، އެމީހެއްގެ މައްޗަށް ﷲ ފަރުޟު ކުރައްވާފައިވާ ވާޖިބެކެވެ. ވެރިކަމަށް ކުރިމަތިލުމަށްފަހު ރައްޔިތުންގެ ގާތަށްގޮސް އެންމެންވެސް ދައްކަނީ އެއްވާހަކަ އެކެވެ. ޢަދްލު އިންސާފު ޤާއިމްކޮށްދޭނެ ވާހަކައެވެ. ޙައްޤުތައް ކަށަވަރުކޮށްދޭނެ ވާހަކައެވެ. އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭނެ ވާހަކައެވެ. ވެރިން ވެރިކަމަށް އަންނަނީ އެކަންކަން ރައްޔިތުންނަށް ފުރިހަމަ ކޮށްދޭށެވެ. ވަޢުދުވާކަށްނޫނެވެ. އެއީ މިޒަމާނުގެ ޑިމޮކްރަސީ އައުމުގެ ކުރިންވެސް ، އެމީހުންގެ ވާޖިބެކެވެ
ވޯޓަށް ސަލާންޖަހަންގޮސް ، ރައްޔިތުންގާތު މިވާހަކަ ދައްކަން ޖެހެނީ ކީއްވެގެންތޯއެވެ ؟ އެއީ ރައްޔިތުންނަށް ލިބެންވާ އެހެނަސް ލިބިފައިނުވާ އެއްޗަކަށް ވާތީއެވެ. ޙައްޤު ވެގެންވިޔަސް އެތައް ޒަމާނަކުއްސުރެ ރައްޔިތުންނަށް ލިބިގެން ނުވާ އެއްޗަކަށްވާތީއެވެ. އެވާހަކަތައް ދައްކައިގަތީމަ ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފާޅުވަނީ އެއަށް ބޭނުންވެފައި ތިބޭލެއް ބޮޑުކަމުންނެވެ. ނެތް އުއްމީދަށް ދިރުންލިބި ، އެވާހަކަ އެންމެ ފޮނިކޮށް ދައްކާލާ މީހާއަށް ވޯޓުދެނީ ، ޢަދްލު އިންސާފާއި ހަމަހަމަ ކަމަށް އަދި ހެޔޮވެރިކަމަކުން ދިރިއުޅުމަށް ލިބިގެންދާނެ ބާއްޖަވެރިކަމަކަށް ހިތްއެދޭލެއް ބޮޑުކަމުންނެވެ
އާޚިރު ނަތީޖާއަކީ ކޮބައިތޯއެވެ ؟ ވޯޓަށް ސަލާންޖަހަންގޮސް ،ނިކަމެތި ރައްޔިތުންގެ ބޯކާލަން ރައްޔިތުންގާތު މިދައްކަނީ ތިމާއަށް ވެރިކަން ލިބުމުން ﷲ އެމީހެއްގެ މައްޗަށް ފަރުޟު ކުރައްވާ ވާޖިބެއްގެ ވާހަކައެވެ. ޙަވާލުވާ އަމާނާތެއްގެ ވާހަކައެވެ. ކިތަންމެ ވާހަކައެއް ދައްކައިގެން ކިތަންމެވަރަކަށް ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލިޔަސް އެކުރެވެނީ ހަމައެންމެ ކަމެކެވެ. ރައްޔިތުންގެ ގާތު އާދޭސްކޮށް އެބުނެވެނީ ، ތިމާ ބޭނުންވެގެން އުޅޭ ރުފިޔާ އާ ދުނިޔަވީ އަރާމާ ލައްޒަތާ ތިމަންނަޔަށް ދީފިއްޔާ ތިމަންގެ މައްޗަށް ވާޖިބުވާ ކަންކަން ކޮށްދޭނެ ވާހަކައެވެ. ތިމާމީހާ އެހެން ބަޔަކަށް ވިކި އަޅަކަށްވެގެން އެތައް މިލިއަން ރުފިޔާއެއް ހޯދައިގެން އެ ފައިސާ ހޭދަކޮށް ރައްޔިތުންގާތަށްގޮސް މިދައްކަނީ ކޮން ވާހަކައެއްތޯއެވެ ؟ ތިމާމީހާ ރައްޔިތުންގާތަށްދާން ފައިސާ ދޭ މީހުންގާތު ވަޢުދުވެފައި އޮންނާނީ އެބައެއްގެ މުހުތާދުތައް ފުއްދައިދޭނެ ވާހަކައެވެ. ފައިސާދޭމީހުންގެ ޙައްޤު އަބަދުވެސް ގުޅިފައި އޮންނާނީ ރައްޔިތުންގެ ޙައްޤުތަކާއެވެ. އެކަން ނިމޭނީ ރައްޔިތުންގެ ޙައްޤުތަކުން ބައެއް އުނިވެ ފައިސާދޭމީހުންނަށް ފައިދާހުރި މަގަކުންނެވެ
އެހެންކަމުން އިންތިޚާބެއްގައި ފައިސާ ވެފައި އޮންނާނީ ، ރައްޔިތުންގެ ޙައްޤުތައް ގަނެވިއްކާ ވަޞީލަތަކަށެވެ. ވެރިކަން ލިބުމުން ވެރިކަމަށް އަންނަން ހޭދަކުރި އަމިއްލަ ނުވަތަ ރިޝްވަތުގެ އަދި ހަދިޔާގެ ފައިސާއަކީ އަގު އަދާކުރަން ޖެހޭ އެއްޗެކެވެ. ގިނަފަހަރަށް އެޙައްޤު އަދާކުރަން ޖެހިފައި އޮންނާނީ ރައްޔިތުންގެ ޙައްޤުންނެވެ. ރައްޔިތުންގެ ޙައްޤަކަށް އަރައި ގަނެގެން ނުވަތަ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްގެން ނުވަތަ އެންމެ ކުޑަމިނުން ރައްޔިތުންގެ ފައިސާއަށް އިހުމާލު ވެގެންނޫނީ އިންތިޚާބީ ޚަރަދުތަކުގެ އަގު އަދައެއް ނުކުރެވެއެވެ
އަޑި ނޭގޭ ގޮތްގޮތަށް ރައްޔިތުންގެ މިލްކުގައި ހުންނަ ފަޅުރަށްތައް ރައްޓެހިންނާއި އިންތިޚާބުގައި އެހީވި މީހުންނަށް ބެހުމާއި ރައްޔިތުންގެ މިލްކުގައިހުންނަ ޤައުމުގެ ވަޞީލަތްތައް އެކމީހުންގެ މެދުގައި ބައިއެޅުމާއި ، ނުވިތާކަށް ރައްޔިތުންގެ މާލިއްޔާއިން ޚަރަދުކޮށް ، ބޭނުމެއްނެތް ބޭކާރު އެތައް ބަޔަކަށް ކޯޑިނޭޓަރު ކަމުގެ ވަޒީފާދިނުމާއި ، އޮބި ނޯންނަ ވަރަށް ސަރުކާރުގެ މަތި ބަރުވެ މޭޒެއް ނުބެހެއްޓޭވަރަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނާއި ސިޔާސީ މީހުންނަށް ވަޒީފާ ދޭން ޖެހެނީ އެހެން ވެގެންނެވެ. އެންމެ ބޮޑަށް އަސާސީ ޚިދުމަތްތަކަށް ބޭނުންވެފައި އޮންނަ ރަށް ބާކީ ކޮށްލާފަ ، ތިމާއާ އެންމެ ގާތް މީސްމީހުންގެ ރަށްރަށުގައި އެޚިދުމަތްތައް ޤާއިމް ކުރެވެމުންދަނީ އެހެން ވެގެންނެވެ. ރަށެއްގެ ތަރައްޤީގެ މަސައްކަތަކަށް ބަޖެޓް ކޮށްފަ ތިންހަތަރު އަހަރުވާ އިރުވެސް އެކަމެއްނުވެ އެފައިސާ އެހެން ދިމާލަކަށް ސޮއްސާލައިގެން ދަނީވެސް އެހެން ވެގެންނެވެ. މިހިސާބުން އެކުރެވެނީ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ނޫން ކޮންކަމެއްތޯއެވެ ؟ ވޯޓަށް ސަލާން ޖަހަން ގޮސް ރައްޔިތުންނަށް ވާ ވަޢުދު އޮންނާނީ އޮންނާނެ ތާކުއެވެ. ވަޢުދެއްވީކަމުގެ ހަނދާނެއްވެސް ނުހުންނާނެއެވެ. “ ނުފަޅާ ތުބުޅިން އުފުރާ ނުރަ “ ކިޔަނީ އެއަށެވެ
މިއީ މިއަދުގެ ޑިމޮކްރަސީގެ ޙަޤީޤަތެވެ. ކަން ހިނގާ ގޮތެވެ. ތިމާމެން ވޯޓުލީ މީހާއަށް އިންތިޚާބެއްގައި ކާމިޔާބު ލިބުމުން ، ރައްޔިތަކަށް އެލިބެނީ ހާދަހާ އުފާވެރި އަދި ދިރުންހުރި އުއްމީދެކެވެ. އުފަލުން ފޮޅެއެވެ. ނަށައިގަނެވެއެވެ. ބޮނޑިބަތް ކައްކާ އެއުފަލުގައި އެންމެން ބައިވެރި ވެއެވެ. ޤައުމީ ލަވަޖަހާ ލޮރީބުރުތައް ބާއްވައެވެ. އެކަމަކު އިންތިޚާބު ކާމިޔާބުވާ މީހާއަށް ، ރައްޔިތެއްގެ ހިތުގައި އެ ފޮނި ފޮނި އިޙްސާސްތައް ބާއްވައި ދެވެނީ ކިހާ ދުވަހަކަށް ތޯއެވެ ؟ ކެނޑިހާ ފޮންޏާއި ވީހާ ވަޢުދެއް “ ނުފަޅާ ތުބުޅިން އުފުރާ ނުރަ “ އަށްވީމަ ރައްޔިތަކަށް އެދެވެނީ ކިހާ ބޮޑު އަނިޔާއެއް ތޯއެވެ ؟ ވެރިކަމަށް އަންނަތާ އެއް އަހަރު ، ދެއަހަރު ، ތިންއަހަރު ތެރޭ ނުވަތަ ވެރިކަން ނިމުމުގެ ކުރިން ފުރިހަމަ ކޮށްދޭނެ ވާ ވަޢުދު ނުފުދިގެން ދިއުމުން އެލިބޭ މާޔޫސްކަމުގެ އިޙްސާސަކީ ރައްޔިތުން ގަދަކަމުން ބޯނެ ފޮނި ޒަހަރެކެވެ. ވެރިންނަކަށް އެކަމެއް އިޙްސާސެއް ނުވާނެއެވެ. ދައުރު ނިމެން ދެތިން ދުވަހަށްވީމަ އެއާޕޯޓެއް އަޅައިދޭން ވާ ވަޢުދު ފުއްދަން މަގުމަތީ ތާރު ރޮނގެއް ދަމާލާފަ އަނެއް ދައުރަށް ވޯޓު ދޭށޭ ރައްޔިތުންގާތު ބުނުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެކެވެ. ރައްޔިތުންނަށް ދެވޭ އަނިޔާއަކީ ވެވޭ އިހުމާލަކީ އަދި ކުރެވޭ މަލާމާތާއި ބޭއިންސާފަކީ އެއީ ނޫންތޯއެވެ ؟
އެއް ޓީވީ ޗެނަލެއް ހުޅުވާލި އިރު ، “އިންސާފުގެ މަގު “ ގައި މީހަކު ހުރެގެން އެހެރަ އަވަދިވަނީއެވެ. ޤައުމުގައި އިންސާފުން ހިނގި ހަމަ އެއްކަމެއްވެސް ނެތެވެ. ރޯމާ ދުވާލު މަގުމައްޗަށް މީހުން ކަތިލާ ކޮށާ އަޅަނީއެވެ. އެކަން ކުރާ ކުދިން އެއްދޮރުން ވަދެގެން އަނެއް ދޮރުން ނުކުމެގެން ދަނީއެވެ. ޑްރަގް ގެންގުޅޭ ކުދިންނަށް މީހަކު ވާގިވެރިވެ ، ޖީލެއް ހަލާކު ކުރި ވާހަކައެވެ. ފަނޑިޔާރު ގުދަށް އޮވެގެން ކަމެއްކުރި ވާހަކައެވެ. ގޮތް ނޭނގޭ މަރުތަކެއްގެ ވާހަކައެވެ. އެފްޕީއައިޑީގެ ވައްކަމުގެ ވާހަކައެވެ. އެތައް މިލިއަން ޑޮލަރެއްގެ ތެލުގެ ވަގު ވިޔަފާރިއެއްގެ ވާހަކައެވެ. ރައްޓެހި ދެމަހުޖަނަކަށް އެސްޓީއޯއިން ޗެކްބެހި ވާހަކައެވެ. މާފުށީ ޖަލުގައި އީވާން ނަސީމު މަރާލި ވާހަކައެވެ. އެންމެ ފަހުން ، އަޑުން އަޑު ނަގާ ކަރުން ނާރު ފުއްޕާފަ އެބުނީ އެވާހަކަ ދައްކާ މީހާ ޙައްޤުން ކަމަކާނުލައި އެތައް ދުވަހަކު ޖަލުގައި ބޭއްވި ވާހަކައެވެ
ުކުޑަ ދުވަސްކޮޅެއް ފަހެވެ. ކުރިން މިދެންނެވި ، ޙައްޤުން ކަމަކާ ނުލައި އެތައް ދުވަހަކު ޖަލުގައި ބޭއްވިކަމަށް ކަރުން ނާރު ފުއްޕާފަ އެހެން އެބުނި މީހާ އިނީ ކޮންތާކު ކަމަށްތޯއެވެ ؟ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައެވެ. އައްޑިހަ އެތައް މެންބަރުންނެއްގެ މައްޗަށް ބަސްކިޔަން އިސްވެ ، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރަން ޤާނޫނު ހަދަނީއެވެ. ރައްޔިތުންގެ ޙައްޤުތަކަށް އަރައި ގަނެވޭނެހާ ޤާނޫނެއް ހަދާ ، ޢަދްލު އިންސާފުން އެއްކިބާ ވެވޭނެހާ ޤާނޫނެއް ފާސްކޮށް ، އެކަންކަމަށް ހުރަސްއެޅޭގޮތަށް ކުރިން ހެދިފަ ހުރި ހުރިހާ ޤާނޫނުތަކެއް ކޮށާ މަށާ އަތަށް ހެޔޮވަރު ކުރަމުންގެންދަނީއެވެ. މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމާއެކު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ، ﷲ ގަންދީ ހުވާ ކޮއްގެން އިނދެ ، އެއްވެސް ބިރެއް އަދި ޖެހިލުމެއްވެސް ނެތިއެވެ. އެހެންވީމަ ، ޢަދްލު އިންސާފާއި ހެޔޮވެރިކަން އެއީ މިޒަމާނުގައި މިއުޅޭ ސިޔާސީ ކުދިންނަށް އަރަތަކަށް ނުވޭތޯއެވެ ؟
އެހެން ޓީވީ ޗެނަލެއް ހުޅުވާލީމެވެ. ފުރަތަމަވެސް އަޑު އިވުނީ އޭރު ހުންނެވި ރައީސް ، ޤައުމަށް އެއްވެސް ކަމެއް ނުކޮށްދެއްވާ ވާހަކައެވެ. ބޮޑުވެގެންވާ ބްރިޖެއް އެޅިޔަސް ، އުސްވެގެންވާ 25 ބުރީގެ ކޮތަރު ކޮއްޓެއް ކަހަލަ ޢިމާރާތެއް އެޅިޔަސް އޭގެ ތެރޭގައި ކަރަޕްޝަން އުޅޭ ވާހަކައެވެ. އެކަހަލަ ދެ ބްރިޖާ ދެ ޢިމާރާތް އެޅޭވަރަށް ، ރައްޔިތުންގެ މާލިއްޔަތުން ފައިސާ ޚަރަދު ކުރި ވާހަކައެވެ. ދެން ބުނީ އެއީ އެއްވެސް ކަމެއް ކޮށްދިންމީހެއް ނޫންކަމުގައެވެ. ގޮނޑުދޮށަށް އޮޔާ ލައްގާ ކާށިވެސ ްހޭޅީގައި އެހެން އޮވެ ނިރުފަޅައިގެން ހެދި ބޮޑުވެ ކާށި ލިބޭނެ ވާހަކައެވެ. ވޯޓަށް ސަލާން ޖަހަން ރައްޔިތުންގާތަށް ހިފައިގެންދިޔަ މެނިފެސްޓޯއިން ވީ ވަޢުދު ނުފުއްދާ ވާހަކައެވެ. ޢަދްލު އިންސާފު ޤާއިމް ކޮށްނުދޭ ވާހަކަ އާއި ޝަރުޢީ ނިޒާމަށް އަތްބާނާ ވާހަކައެވެ. ތިންބާރު އެއްކޮށް މުށުތެރެޔަށް ލައިގެން ، ނުވިތާކަށް ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ރައްޔިތުންނަށް އަނިޔާވެރި ވެރިކަމެއް ކުރާ ވާހަކައެވެ
އަޅުގަނޑުގެ ހިތަށް އެރިއެވެ. ވަޢުދު ފުއްދައިދީފަ އޮތީ ކާކުތޯއެވެ ؟ ރައްޔިތުންނަށް ޢަދްލު އިންސާފު ހޯދައިދީފައި އޮތީ ކޮން ބޭފުޅެއްތޯއެވެ ؟ ހެޔޮވެރިކަމެއް ކޮށްދިނީ ކޮން ރައީސެއްތޯއެވެ ؟ ތިންބާރާ ހަތަރުބާރު މުށުތެރެޔަށް ނުލާ ވެރިކަން ކުރެއްވީ ކޮން ވެރިއެއް ތޯއެވެ ؟ އެ ބޭފުޅަކު ފެންނާކަށް ނެތެވެ. އެހެން ނަމަވެސް އޭނާ އެއްވާހަކައެއް ރަނގަޅަށް ބުނެފިއެވެ. އެއީ ، ގޮނޑުދޮށަށް އޮޔާ ލައްގާ ކާށިވެސ ްހޭޅީގައި އެހެން އޮވެ ނިރުފަޅައިގެން ހެދި ބޮޑުވެ ކާށި ލިބޭނެ ވާހަކައެވެ. މިއީ ރައްޔިތުންނަށް ޙައްޤު މިންވަރެއްނޫނެވެ. ރައްޔިތުން ހޮވާ ވެރިޔަކު އެހުންނަނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ރައްޔިތުންގެ މާލިއްޔާއިން މުސާރަ އާއި ޢިނާޔަތްތަކާއި ވަޞީލަތްތައް ފުރިހަމަ ކޮށްގެންނެވެ. އެހެންވީމަ މުސާރަ ޙަލާލުވާރަވަށް މަސައްކަތްވެސް ކޮށްދޭން ޖެހޭނެއެވެ. އަދިހަމަ އެއާއެކު މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ، ރައްޔިތުންގެ މެދުގައި ޢަދްލު އިންސާފު ކަށަވަރުކޮށްދީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ރައްޔިތުންގެ އަތުގައި ފައިސާ ހުރި މިންވަރަކުން ތަރުތީބު ކުރެވިގެން ފުރިހަމަ ކޮށްދިނުމަކީ ރައްޔިތުން ހޮވާ ވެރިއެއްގެ މައްޗަށް އޮންނަ ވާޖިބެކެވެ. ރައްޔިތުންނަށް ނުފެނިގެން އަދި ނުލިބިގެން އުޅޭ އެއްޗަކީ އެއީއެވެ. ވެރިން ކޮށްދޭ ކަންކަމަކީ ކަލަ ގޮވާހެން ، ހިލޭ އަދި ހެޔޮފުޅުކަމުން ، ރައްޔިތުން އޭގެ އަގު ދެފަހަރަށް އަދާކުރާގޮތަށް ކޮށްދޭން ޖެހޭނެ ކަމެއްނޫނެވެ
ޢަދްލު އިންސާފަކީ ދިވެހިންނަށް ލިބެން އޮތް އެއްޗަކަށް ނުވަނީ ތޯއެވެ؟ ރައްޔިތުން އަޅުންގެ ގޮތުގަ އަދި ވެރިންނަކީ އަޅުންހޮވާ ވެރިއެއްގެ ގޮތުގަ ދިވެހި ތާރީޚު މިދެކޭ ކަޅު އަނދިރި ދުވަސްތައް ނިމޭކަށް ނުވޭތޯއެވެ ؟ އިހުއެވޭލާ ޒަމާނުއްސުރެ އަނިޔާވެރިކަން ނޫންވާހަކައެއް ވެރިކަމުގެތެރެއިން ފެނިފައެއް ނުވެއެވެ. އޮޔާ ލައްގާ ކާށިން ރުއްފެޅުމަކީ އެއީ ރައްޔިތުންނަށް ޙައްޤު މިންވަރުތޯއެވެ ؟
ރަސްރަސްކަލުންގެ ދުވަސްވަރު އިވެނީ ގަނޑުވަރު ތެރެއިން ކޮނެގެން ނެގޭ ޖާޑިން މިނިމަސް ފެންނަ ވާހަކައެވެ. ރަށްފުށުގެ ނިކަމެތި ރައްޔިތުން ކާން ހުންނަ މަހާ ރިހާކުރާ ފަލަމަޑީގެ ބާވަތްތަކާ ކާއްޓާ އެނޫންވެސް ތަކެތި ޖިޒީގެ ގޮތުގައި ރަސްކަމަށް ވެދުންކުރަންޖެހޭ ވާހަކައެވެ. ފިރިހެން ކުދިންގެ ޢިއްފަތްތެރިކަން ގަނޑުވަރުތެރެއަށް ގެއްލިދާ ވާހަކައެވެ. ކޮއެލުތެރެޔަށް ވެއްދޭ އަންހެން ކުދިންނަކީ ބިކުރުވެރިއެއްތޯ އަދި މީހެއްގެ ޙަލާލު އަނތްބެއްތޯވެސް ބަލައިނުލާ ވާހަކައެވެ
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ވަނީ ހަވަރަށް ދެވިފައެވެ. އަދި އަވަހާރަވީ ލިބިވަޑައިގަތް އަނިޔާތަކުގައި ހިތާމަވެރި ގޮތެއްގައެވެ. ސަބަބަކީ ހަމަ އެއްސަބަބެކެވެ. އަނިޔާ އާއި ބޭއިންސާފާ ޚިޔާނާތެވެ. ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ރައީސް އިބްރާހީމް ނާޞިރުގެމައްޗަށްވެސް ހަމައެކަމެވެ. އަނިޔާ އާއި ޚިޔާނާތެވެ. އޭގެފަހުން ރައީސް މައުމޫނާ ބެހޭގޮތުންވެސް ދެކެވެނީ ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމަކާއެކު ޢަދްލު އިންސާފު ނެތްވާހަކައެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލެވުނީ ބަޣާވާތަކުންނެވެ. ކޯނީގެ ރިޕޯޓުގައި ކޮންމެ އެއްޗެއް ލިޔެފައިއޮތަސް ގިނަދިވެހިން ޤަބޫލުކުރަނީ އެގޮތަށެވެ. ރައީސް ނަޝީދުގެ ވެރިކަމަކީވެސް ހެޔޮވެރކަމެއް ސިފަކުރެވޭފަދަ އިންސާފެއްނެތް ވެރިކަމެއްކަމަށް ގިނަބަޔަކު ދެކެއެވެ. ރައީސް ޔާމީނުގެ ވެރިކަންވެސް ދިވެހިން ތަޖުރިބާކުރީ އަނިޔާވެރި އަދި ޚުދުމުޚުތާރު ، ޢަދްލު އިންސާފުން އެއްކިބާ ވެގެންވާ ވެރިކަމެއްގެ ގޮތުގައި ސިފަކުރެއެވެ. ދެން ހުންނެވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ކަންވެދާނެގޮތެއް އަންދާޒާކޮށްލާކަށް ނޭނގެއެވެ. ތާރީޚުން ފެންނަން ހުރި ޙަޤީޤަތްތަކަށް ބަލާއިރު ، ތަފާތު ފިކުރު ތަކެއްގެ އެތައް ބައެއްގެ މަސްހުނި ކޯލިޝަނެއްގައި 4 ދިމާލުން އައި 4 ވިސްނުމަށް އުއްމީދުކުރާނީ ކޮންގޮތަކަށް ކަންވެސް އަންދާޒާކޮށްލާކަށް އަދި ނޭނގެއެވެ
ދިވެހިންނަށް އަދި ލިބިފައިނެތް ޢަދްލުވެރި “ ހެޔޮވެރިކަމެއް “ ގެ ފޮނި އުއްމީދުގައި ދިވެހިން އަބަދުވެސް ތިބޭނެއެވެ. “ ނުފަޅާ ތުނބުޅިން އުފުރާ ނުރަ “ އަށްނުވެ ، ވެރިކަން ހެޔޮމަގުން ތަރުތީބުވެގެންދިއުމަކީ ކޮންމެ ރައްޔިތެއްގެވެސް ފޮނިއުއްމީދަކަށް ވާނެއެވެ