ރައްޔިތުންގެ މަޖިލީހުން ހުސްވާން ކައިރިވެފައިވާ ތިން ގޮނޑި

އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ ކުރިޔަށް އޮތް ނޮވެމްބަރު މަހުގެ 11 ކަމެއް ނުވަތަ 17 ކަމެއް އަދި މުޅިން ކަށަވަރު ނުވިނަމަވެސް އެމަނިކުފާނު ހުވާ ކުރެއްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ތިން ދާއިރާގެ ގޮނޑި ހުސްވާނެ ކަމަށް ބެލެވެއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ނޮވެމްބަރު މަހު ރައީސް ކަމުގެ މަގާމުގެ ހުވާ ކުރެއްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ހުސްވާނެއެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ކަމުގައިވާތީއެވެ. އިބްރާހިމް މުޙަންމަދު ސޯލިޙް ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ހިންނަވަރު ދާއިރާގެ މަޖިލިސް ގޮނޑި ދޫކޮށްލައްވަން ޖެހިވަޑައިގަތުން އެއީ އެމަނިކުފާނަށްވެސް އުދަނގޫފުޅު ކަމެއް ކަމަށް މިއަދު ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙަކީ ފާއިތުވީ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި ޤާނޫނު ހެއްދެވުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅަކަށްވުމެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދުވަހު އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމުވެސް މަގާމުގެ ހުވާ ކުރައްވާނެއެވެ. އެހެންކަމުން ފައިސަލް މިހާރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިވެސް ހުސްވެގެންގޮސް ބައި އިލެކްޝަނަކަށް އެދާއިރާވެސް ކުރިމަތި ލާނެއެވެ.

އިބްރާހިމް މުޙަންމަދު ސޯލިޙް އާއި ފައިސަލް ނަސީމު ރައީސް ކަމާއި ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު ހިންނަވަރު ދާއިރާ އާއި ކާށިދޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވެ ބައި އިލެކްޝަނަށް ދާނެކަން ކަށަވަރު ވެފައިވާއިރު ދެން ހުސްވާނެކަން މިހާރު ޔަގީން ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ގޮނޑިއެވެ. މި ގޮނޑި ތަމްސީލު ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުއެވެ. ޝާހިދު ހުންނެވި މަޖިލީހުގެ ގޮނޑި އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވިއެކޭ ކިޔާފައި ހުސްވާކަށް ނުޖެހެއެވެ. ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވުމަކީ ޝާހިދުގެ އަމިއްލަފުޅު ނިންމެވުމެކެވެ.

އިންތިޚާބީ ރައީސް ހުވާ ކުރެއްވުމާއެކު ޝާހިދުވެސް 25 އަހަރަށް ފަހު މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައި އިންތިޚާބީ ރައީސްއާއެކު ސަރުކާރު ހިންގުމުގެ މަސައްކަތުގެ ތެރެއަށް ވަޑައިގަނަވާނެކަން މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ. އެހެންކަމުން ހެންވޭރު އުތުރުގެ ބައި އިލެކްޝަންވެސް އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމާއެކު ލަސްތަކެއްނުވެ އޮންނާނެ ކަމަށް ގަބޫލު ކުރެވެއެވެ.

މިތިންބޭފުޅުންގެ ތެރެއިންވެސް އިބްރާހިމް މުޙަންމަދު ސޯލިޙް އާއި އަބްދުﷲ ޝާހިދަކީ މަޖިލީހުގެ ހަޔާތުގައި ފާހަގަ ކޮށްލެވޭ ދެބޭފުޅުންނެވެ. ދެބޭފުޅުންނަކީވެސް މަޖިލީހުގެ މެމްބަރު ކަމުގައި މިވަގުތު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރު ކަމުގައި އެންމެގިނަ ދުވަސް ހޭދަކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުންނެވެ. އެހެންކަމުން އިބްރާހިމް މުޙަންމަދު ސޯލިޙް އާއި އަބްދުﷲ ޝާހިދު މަޖިލީހުގެ މެމްބަރު ކަމުން ވަކިވެވަޑައިގަތީ އެދެބޭފުޅުންނަށްވެސް ފަސޭހަފުޅު އިޙްސާސްތަކެއް ކުރެއްވޭނެ ކަމަކަށް ނުބެލެވެއެވެ. މިދެބޭފުޅުންނަކީ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ފައިސަލް ނަސީމަކީ މިހިނގާ ފަސް އަހަރު މަޖިލިސް މެމްބަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ.

ހުސްވާނެ ކަމަށް ބެލެވޭ މަޖިލީހުގެ ދާއިރާ ތަކުގެ ބައި އިލެކްޝަނަށް މިހާރުވެސް ބަޔެއް ބޭފުޅުން ގެންދަވަނީ ޝައުގުވެރިކަން ފާޅު ކުރައްވަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.