ރައްޔިތުންގެ ވިންދު- އެންޓި ޑިފެކްޝަން ގާނޫން އުވާލަންވީތަ؟ ނޫނީ އިސްލާޙު ކުރަންވީތަ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ. އެކި ފިކުރުގެ ބޭފުޅުން ކުރިމަތި ލައްވާފައިވެއެވެ. އެމްޑީޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ އާއި އެނޫންވެސް ޕާޓީ ތަކުގެ އިތުރުން މިނިވަން ކެންޑިޑޭޓުންނެވެ. ވޯޓުލާން ތިބި ބަޔެއް މީހުންނަށް މާބޮޑަށް ބަލައިނުގަނެވޭ ބޭފުޅުން އިންތިޚާބުގެ ރޭހުގައި ތިއްބެވި ނަމަވެސް ގިނަ ސަޕޯޓަރުން ވޯޓުލާން ނިންމީ އެއީ އޭނާ ސަޕޯޓުކުރާ ޕާޓީގެ ޓިކެޓާއެކު ކުރިމަތި ލެއްވި ކެންޑިޑޭޓަކަށްވުމުންނެވެ.

މަޖިލީހަށް މެމްބަރުން ހޮވުމަށްޓަކައި ރައްޔިތުންގެ ކައިރިއަށް ވަކި ކުލައެއްގައި ވަޑައިގެން ވިއްކަވާ އެންމެ ބޮޑު އެއްޗަކީ ކުރިމަތިލެއްވި ޕާޓީގެ ފިކުރެވެ. ޕާޓީގެ ލޯބީގައި ދެކަފިނުވެ ސާބިތު ކަމާއެކު ހުންނަވާނެ ކަމެވެ. ދުވަހަކުވެސް ޕާޓީ ދޫކުރައްވައި އެހެން ސޮއި ކުރައްވާނެ އެހެން ޕާޓީއެއް ވުޖޫދުގައިވެސް ނޯންނާނެ ކަމުގެ ހުވަފެން ދައްކަވައެވެ. އެއާއެކު ސަޕޯޓަރުންވެސް ފޫގަޅާފައި ނުކުމެ ޕާޓީ ފިކުރު މަތީގައި ހުންނާނެ ކަމުގެ ޔަގީންކަމާއެކު ވޯޓުލައި މަޖިލީހަށް އިންތިޚާބު ކުރުވައެވެ.

މަޖިލީހަށް އިންތިޚާބު ވުމަށްފަހު ބަޔެއް މެމްބަރުން ލަސްތަކެއްނުވެ އިތުރު ދުއްޔެއް މަހާލައްވައެވެ. ޕާޓީ ބަދަލު ކުރައްވައެވެ. އިންތިޚާބުގައި ވޯޓުލީ ރައްޔިތުންގެ އިޙްސާސްތައް އޮތްތާކު ބާއްވާފައެވެ. އެއަކަށް ނުބައްލަވައެވެ. ލޯބިވާ ޕާޓީ ދޫކުރައްވައި ޓްރާންސްފަރ މާކެޓުގައި ބޮޑު އަގުގައި ކުޅިވަރު ކުޅުންތެރިން ގަންނަ އުސޫލުން މެމްބަރުން ޕާޓީ ބަދަލު ކުރައްވާ  ކަމަށް މީހުން ދައްކާ ވާހަކަތަކަށް އިތުރު ސާފުކަމެއް އަންނަނީ ޕާޓީ ބަދަލު ކުރައްވާތާ ގިނަދުވަސްތަކެއްނުވެ މެމްބަރުންގެ މާލީ ތަނަވަސްކަން ނިކަން ކުރިއަރައި ދިޔުމެވެ. މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވިއިރު ވަރަށް އާދައިގެ ބޭފުޅުންގެ ގޮތުގައި ތިއްބެވި ބަޔެއް މެމްބަރުންނަށް މަޖިލީހުގެ މުސާރަ ހަޔެއްކަ މަސް ވަންދެން ޖީބަށް ލައްވަން ލިބިވަޑައިނުގަނަންނަވާއިރުވެސް ޕާޓީ ބަދަލު ކުރެއްވުމާއެކު ދެން އެފެންނަ މާލީ ތަނަވަސްކަމުގެ ސަބަބުން ކަޅު ފައިސާގެ ތުހުމަތު ވޯޓުލީ މީހުންނާއި ނުލާ މީހުންވެސް ކުރަން ފަށައެވެ. ނަމަވެސް ޕާޓީ ބަދަލު ކުރައްވާ މެމްބަރުން ވިދާޅުވީ އެކަން އެހެން ކުރެއްވީ ރައްޔިތުންގެ ވިންދު ހުރީ އެމަގުން ކަމަށްވާތީ ކަމަށެވެ.

މިހެން ކަންކަން ހުރުމާއެކު ރައްޔިތުންގެ ބަހަކީ އަހަރެމެން ވޯޓުލީ ވަކި ފިކުރަކުން ކުރިމަތި ލެއްވީމަ ކަމަށާއި ޕާޓީ ބަދަލު ކުރައްވައިފި ނަމަ މެމްބަރުކަން ގެއްލެން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހަގީގަތަކީ އެތަނަކީ ރައްޔިތުންގެ ބަސް އެހާބޮޑަށް ވަންނަ ތަނަކަށް އެއްވެސް އިރަކު މާބޮޑަށް ވެފައި އޮތްތަނެއް ނޫން ކަމެވެ. އެހެންވެ ފަސް އަހަރުގެ ދައުރެއް ނިންމާލާއިރު ބަޔެއް މެމްބަރުން ހަތަރު ޕާޓީއަށްވެސް ބަދަލުވެފައި އެބަހުއްޓެވެ. ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނެތެވެ. މެމްބަރާމެދު އެޅޭނެ ފިޔަވަޅެއް ނެތެވެ. ރައްޔިތުންނަށް ގޮތެއް ނިންމުމުގެ ބާރު ލިބެނީ 5 އަހަރު ފަހުންނެވެ. ނަމަވެސް ރައްޔިތުން އަބަދުވެސް ބޭނުންވެފައި ތިބި ގޮތަކީ އެއީކީނޫނެވެ. ރައްޔިތުންގެ މި ވިސްނުމަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ޕީޕީއެމުން ވެއްދި ޤާނޫނެއް ފާސްވުމުންނެވެ. އެއީ އެންޓި ޑިފެކްޝަން ގާނޫނެވެ. ޤާނޫނު ފާސްވެގެން ދިޔަގޮތް ގިނަބަޔަކަށް ކަމުނުދިޔަސް އެންމެންވެސް ބުނަމުން ދިޔައީ އެއީ ޤާނޫނަކުން ލިޔެވިފައި އޮންނަންޖެހޭނެ ޤާނޫނެއް ކަމަށެވެ. އިންތިޚާބުވާ ޕާޓީ ދޫކުރައްވައި އެހެން ޕާޓީއަކަށް ބަދަލު ވެއްޖެނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ޤާނޫނެއް އޮތުމަކީ ރައްޔިތުން އަބަދުވެސް ބޭނުންވި އަދި ދައްކަމުން އައި ޤާނޫނެއްގެ ވާހަކައެވެ. ނަމަވެސް މަޖިލީހުން އެ ޤާނޫނުވެސް ފާސްކުރީ ކޮންމެހެން ރައްޔިތުންގެ ބަސް އަހަން ނޫންކަން އެނގެނީ މެމްބަރުކަން ގެއްލޭނެ ކަމަށް ޤާނޫނުގައި ހުރި ބަޔެއް މާއްދާ ތަކުންނެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ޕީޕީއެމްގެ މެމްބަރަކު މިހާރު އެވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ ޤާނޫނު ނައްތާލާކަށް ރައްޔިތުން ބޭނުމެއް ނުވާނެއެވެ. މަޖިލީހުގެ ބަޔެއް މެމްބަރުންވެސް ވިދާޅުވާފަދައިންނެވެ. އެއީ އޮންނަންޖެހޭނެ ޤާނޫނެކެވެ. ނަމަވެސް އިސްލާޙު ތަކެއް ގެންނަންޖެހޭ ޤާނޫނެއް ކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. މެމްބަރު މަޖިލީހަށް އިންތިޚާބުވި ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލު ވެއްޖެނަމަ މެމްބަރުކަން ގެއްލޭ ގޮތަށް އޮތް އޮތުމަކީ ގިނަބަޔަކަށް ސަތޭކައިގެ ބަރާބަރު ނިންމުމެކެވެ. ނަމަވެސް ކަންބޮޑުވުންތަކެއް އުޅެނީ ޕާޓީން މެމްބަރާމެދު ހިތްހަމަނުޖެހޭ ޙާލަތެއް އަތުވެގެން ޕާޓީން އަޅާ ސުލޫކީ ފިޔަވަޅުތަކުގެ މެދުގައި މެމްބަރު ބަނދެވި، ޕާޓީން އެމެމްބަރު ވަކިކޮށްލައިފިނަމަ މެމްބަރުކަން ގެއްލޭ މާއްދާ އާއި މެމްބަރުން މަޖިލީހުގައި ވޯޓު ލައްވާ ގޮތަކުން މެމްބަރަށް އަންނަ ރޯޅިއެވެ.

އެހެންކަމުން ޤާނޫނު އެކީއެކައްޗަކަށް އަންބާ ކިޔާފައި އެއްލާނުލައި ވޯޓުލާ ރައްޔިތުންގެ ޚިޔާލުވެސް ހޯއްދައިގެން އިސްލާޙުތަކެއް ގެނެސް ޤާނޫނު ބޭއްވުމަކީ ރައްޔިތުންގެ ވިންދު ހުރި ގޮތެވެ. ރައްޔިތުންގެ ވިންދާއި އިޙްސާސް ހުރިގޮތް އެނގިވަޑައިގަންނަވާ ނަމަ އެންޓި ޑިފެކްޝަން ގާނޫނު މުޅިން އެކީ އުވާ ނުލައްވާށެވެ. އިސްލާޙުތަކާއެކު އޭތި ބާއްވަދޭށެވެ. ނަމަވެސް މެމްބަރު އަމިއްލައަށް ޕާޓީ ބަދަލު ކޮށްފިނަމަ މެމްބަރުކަން ނުގެއްލޭނެ ގޮތަކަށް އިސްލާޙު ކުރުމަކީ ރައްޔިތުންގެ ވިންދު ހުރި ގޮތެއްނޫނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.