(19 އޮކްޓޯބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޖޭ. އެން. ސަލިވާން، އޭނާ ލިޔުއްވި [ދަ ލިމިޓޭޝަންސް އޮފް ސައިންސް] ގައި ލިޔުއްވައިފައި ވެއެވެ.
ސައިންސްގެ ދާއިރާގައި [ޒަމާނީ [އިންޤިލާބު] ގެ ގޮތުގައި އޮތީ ނިވްޓަންގެ ނަޒަރިއްޔާގައެވެ. ސައިންސްގެ ދުނިޔޭގައި ރަސްކަން ކުރީ ދުއިސައްތަ އަހަރު ކުރީގެ އެ ހާދިސާއެވެ. ޒަމާނީ ތަހުގީގުތަކުން އެނގުނު ގޮތުގައި އެއީ އަދި (ކަމެއް ސާބިތު ކުރަން) މުޅިއަކުން ފުދޭ ވަރުގެ ކަމަކަށް ނުވެއެވެ. ކުރީގެ މި ދެންނެވި ނަޒަރިއްޔާގެ ބަދަލުގައި އަދި އަދަށް ދާންދެންވެސް މުޅީން ފުރިހަމަ ނަޒަރިއްޔާއެއް ނުނުކުމެއެވެ. ފަލްސަފާގެ އަލީގައި މިހާރު ދައްކާ ވާހަކަތަކާއި ނެރޭ ނަޒަރިއްޔާތައް ނިވްޓަންގެ ނަޒަރިއްޔާއާ ވަރަށް ބޮޑަށް ތަފާތު ކަމަށް ފާހަގަ ކުރެވެއެވެ. ހަގީގަތް ހޯދުމަށްޓަކައި ކުރެވޭ ޢިލްމީ މަސައްކަތްތަކަކީ ހަމައެކަނި ސައިންސްގެ އެހީގައި ކުރެވޭނޭ މަސައްކަތްތަކެއް ކަމަކަށް މިހާރަކު ޢިލްމީ މުޖުތަމަޢު ގަބޫލެއް ނުކުރެއެވެ. ސައިންސްގެ ބޮޑެތި މާހިރުން މިހާރު ވިދާޅުވާ ގޮތުގައި ސައިންސުން އަޅުގަނޑުމެންނަށް ގެނެސްދެނީ ހަގީގަތުގެ މައުލޫމާތުގެ ބައިކުޅަ ބައެކެވެ.
ސައިންސްގެ ދާއިރާއަށް މި އައި ބަދަލަކީ ކުއްލިއަކަށް އައި ބަދަލެކެވެ. ޓިންޑޯލް އޭނާގެ މަޝްހޫރު [ބެލްފާސްޓް އެޑްރެސް] ގައި ސައިންސަކީ އިންސާނާގެ މުހިއްމު ހުރިހައި ކަމެއްގައި ބަހުސު ކުރުމަށްޓަކައި ނުވަތަ ހުރިހައި ކަމެއް ދެނެގަތުމަށްޓަކައި ބޭނުން ކުރެވިދާނޭ ވަސީލަތެއް ކަމަށް ބުނުއްވިތާ އަދި ހައްޓި އަހަރެއް ނުވާނެއެވެ. މި އަގީދާގެ މައިގަނޑަކީ ނުވަތަ ބިންގަލަކީ ހުރިހައި ހަގީގަތެއް އުފަން ވަނީ [މާއްދާއާއި ޙަރަކާތު]ގެ ސަބަބުން ކަމަށް ގަބޫލު ކޮށްގެން ތިބި ތިބުމެވެ. އެކަމަކު މިހާރު މި ވަނީ މި ދެންނެވުނު މައުގަނޑު ނުވަތަ ބިންގަލުގެ އިތުބާރު ގެއްލިފައެވެ. ގުދުރަތުގެ ކަންތައްތައް ހާމަކޮށް ދިނުމުގައި ވަސީލަތަކަށް މާއްދާއާއި ޙަރަކާތް ބޭނުން ކުރި ކުރުން ވަނީ އުވޭން ގާތް ވެފައެވެ. މި ދަޢުވާގެ އަޑު އެންމެ ގަދަ ވެފައި އޮތީ އަށާރަވަނަ ގަރުނު ނިމެމުން އައި ދުވަސްވަރުއެވެ. އެދުވަސްވަރު ލާޕްލާސް ބުނުއްވައިފައި ވާ ގޮތުގައި ނެބިއުލައެ އުފެދިގެން އަންނަ ފުރަތަމަ މަރުހަލާގައި، އޭގައި އެކުލެވޭ ޒައްރާތައް ބެހިފައިވާ ގޮތް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ކުޅަދާނަ ހިސާބު އިލްމުވެރިއަކަށް ކުރިމަގުގައި ދުނިޔޭގައި ހިނގާނޭ ހުރިހައި ކަމެއް ފިލިން ފިއްޔަށް ކިޔައިދޭން އެނގޭނެއެވެ. އޭރު ގަބޫލު ކުރެވުނު ގޮތުގައި ހުރިހައި އިލްމެއްގެ ތަޅުދަނޑިއަކީ ނިވްޓަންގެ ނަޒަރިއްޔާއެވެ.
ނިވްޓަންގެ ނަޒަރިއްޔާގެ ފުރިހަމަ ނޫންކަން އެންމެ ފުރަތަމަ އެނގުނީ އަލިވާ ގޮތް މާއްދީ ހެކީގެ އެހީތެރިކަމާއެކު ބަޔާން ކުރަން އުޅުމުގެ ތެރޭގައެވެ. އެތަރ އުފެދުނީ މި މަސައްކަތުގެ ތެރޭގައެވެ. (އެތަރ އަކީ ހުޅުހިފާ، ކުލައެއް ނެތް ދިޔާ އެއްޗެކެވެ.) މިއީ ސައިންސުގެ މައިދާނުގައި އުފެއްދި އެންމެ ތާކުންތާކު ނުޖެހޭ، ބޭނުމެއް ނެތް މާއްދާއެވެ. އެތައް އަހަރެއް ވާންދެން މި މާއްދާގެ ވާހަކަ ދައްކައި ފޮނި ކަނޑައި އެކި ކަހަލަ ހިސާބު ޢިލްމުގެ މުއުޖިޒާތްތައް ދައްކަމުން ދިޔައީ ނިވްޓަންގެ ނަޒަރިއްޔާގެ ބޭނުން ކޮށްގެން އަލީގެ ވުޖޫދު ސާބިތު ކުރާށެވެ. އެކަމަކު މެކްސްވެލްގެ ތަޖުރިބާތައް ޝާއިއު ކުރެވި އައްޔަކީ އިލެކްޓްރީމެގްނެޓް ގެ ސަބަބުން އުފެދޭ އެއްޗެއްކަން ސާބިތު ކުރެވުމާއެކު އިހު މި ދެންނެވި ނަޒަރިއްޔާ އިނދަ ޖެހިއްޖެއެވެ. އެންމެ ފަހުން ސައިންސްވެރިންނަށް ގަބޫލު ކުރާން ޖެހުނީ ނިވްޓަންގެ ނަޒަރިއްޔާއަކީވެސް [މުޤައްދަސް] އެއްޗެއް ނޫން ކަމުގައެވެ. އައްޔަކީ މާއްދީ އެއްޗެއް ކަމަށް ސާބިތު ކުރާން އެތައް ދުވަހަކު މަސައްކަތް ކުރުމަށް ފަހު އެންމެ ފަހުން ކުޅަ ކަމަކީ ތަހުވީލް ނުކުރެވޭނޭ ތަކެތީގެ ފިހުރިސްތަށް އަލި ލައި ނިންމައިލީއެވެ.
މިއީ މިހެން ދަންނަވައިލީމާ ވަރަށް އާދައިގެ ކަމެއް ކަމުގައި ހީފުޅު ކުރެއްވިދާނެއެވެ. އެކަމަކު މިއީ ވަރަށް ވަރުގަދަ ނިންމުމެކެވެ. ނިވްޓަންގެ ތަސައްވުރުގައިވާ ގޮތުގައި އަޅުގަނޑުމެންނަށް ހުރިހައި ކަމެއް އެނގެއެވެ. އޭނާގެ ނަޒަރުގައި އިންސާނެއްގެ ހަށިގަނޑުގެ މިގުދާރަކީ (މާސް) އެ ހަށިގަނޑެއްގައި މާއްދާ އެކުލެވޭ މިންވަރެވެ. ހަށިގަނޑުގެ ބާރަކީ ހަށިގަނޑުގެ މަސްތަކަށް އަންނަ ހަރަކާތުގެ ތަޖުރިބާއިން އެނގޭ މިންވަރެވެ. އޭރު އަޅުގަނޑުމެން ގަބޫލު ކޮށްގެން ތިބީ މި ކިޔޭ އެއްޗެއްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމުގައެވެ. އެކަމަކު ކަރަންޓު މުތާލިއާ ކުރީމާ އެނގުނު ގޮތުގައި އޭގެ ޠަބީޢަތަކީ އަޅުގަނޑުމެންނަކަށް ނޭނގުނެވެ. އެނގިފައި ހުރި އިސްތިލާހުގެ ބޭނުން ކޮށްގެން ކަރަންޓަކީ ކޮން އެއްޗެއްކަން ކިޔައިދޭން ކުރި ހުރިހައި މަސައްކަތެއް ބޭކާރު ވެގެން ދިޔައީއެވެ. ކަރަންޓާ ބެހޭ ގޮތުން އެނގުނު ހަމައެކަނި ކަމަކީ އޭގެ ސަބަބުން އަޅުގަނޑުމެން ގެންގުޅޭ އެހެން ތަކެއްޗަށް ކުރާ އަސަރެވެ. ކަރަންޓު މިނަން ގެންގުޅޭ އެއްޗިއްސަށް ކަރަންޓުގެ ސަބަބުން ވާ ގޮތެވެ. ނަތީޖާއަކީ ކަރަންޓުގެ މިންވަރާ ގުޅޭ ހިސާބުގެ އަދަދުތައް ޖަހާން އެނގުމެވެ. މިންވަރު ކަނޑައަޅަން އެނގުމެވެ. މިއީ ކިހައި ވަރެއްގެ މުހިއްމު ކަމެއްކަން އެނގެނީ މިހާރުއެވެ. ޠަބީޢިއްޔާތުގެ ތެރެއަށް އަޅުގަނޑުމެން ވައްދައިގެން ގަބޫލުކޮށްގެން މިތިބަ އެއްޗަކީ (ކަރަންޓަކީ) އެޔާ ބެހޭ ގިތުން އޭގެ ހިސާބު މިންވަރު ފިޔަވައި އެހެން އެއްވެސް އެއްޗެއް އެނގިފައި ނެތް އެއްޗެއްކަން އެނގެނީ މިހާރުއެވެ.
އޭގެ ފަހުން މި ދެންނެވުނު ހަމަތަކުގެ މަތީގައި ތިބެގެން ބައެއް އެހެން އެއްޗެތީގެ ތަޖުރިބާވެސް ވަނީ ކޮށްފައެވެ. ތަޖުރިބަތަކަށް ފަހު ގަބޫލު ކުރާން މަޖުބޫރުވީ ފަހުން ބޭނުން ކުރެވުނު ތަޖުރިބާތީ އާލާތަކާ ކުރީގެ އާލާތަކާ އެއްވެސް ތަފާތެއް ނެތް ކަމެވެ. ޠަބީޢިއްޔާތުގެ ޢިލްމަށް ބަލާއިރު އެއްވެސް އެއްޗެއްގެ އަސްލު ވުޖޫދަކީ އެނގޭ ނުވަތަ އެނގިދާނޭ އެއްޗެއް ނޫން ކަމަށް އެންމެ ފަހުން ސައިންސްވެރިން ގަބޫލު ކޮށްފިއެވެ. ކުރެވޭނެހައިވެސް ކަމަކީ އެ އެއްޗެއްގެ ހިސާބީ އޮނިގަނޑެއް އެކުލަވައިލާން މަސައްކަތް ކުރުން ކަމަށްވެސް ގަބޫލު ކޮށްފިއެވެ. އެއްވެސް އެއްޗެއް އެ އެއްޗެއްގެ އަސސްލު ހަގީގަތާއެކު އަސްލު ސޫރައިގައި ދެނެގަނެވިދާނޭ ކަމަކަށް މިހާރަކު އިލްމީ ފެންވަރެއްގައި ގަބޫލެއް ނުކުރެއެވެ. ޕްރޮފެސަރ އެޑިންގޓަން ގެ ނަޒަރުގައި ޠަބީޢިއްޔާތީ ސައިންސުން އަޅުގަނޑުމެންނަށް ގެނެސްދިން ހަމައެކަނި ޢިލްމަކީ ހިސާބީ އޮނިގަނޑުގެ ޢިލްމެވެ.
(ނުނިމޭ)