ކްރައިމިއާގެ ކޮލެޖެއްގައި ބަޑިޖެހުމުގެ ސަބަބުން 19 މީހުން މަރުވެއްޖެ

ހަމަލާގައި ޒަޚްމްވި މީހަކަށް ފަރުވާދިނުމަށް ގެންދަނީ

ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ރަޝިޔާގެ ސަރަހައްދެއް ކަމުގައިވާ ކްެރައިމިއާގެ ކޮލެޖެއްގައި ބަޑިޖެހުމުގެ ސަބަބުން 19 މީހުން މަރުވެ ސާޅީހަކަށް މީހުން ޒަޚަމްވެއްޖެއެވެ.
ރަޝިޔާގެ ތަހުގީގީ އިދާރާއިން ހާމަކުރި ގޮތުގައި ކެރްޗް ޓެކްނިކަލް ކޮލެޖްގައި ކިޔަވާ 18 އަަހަރުގެ ދަރިވަރަކު ވަނީ ތަނުގެ ކްލާސްރޫމުތަކުގެ ތެރެއަށް ވަދެ އޭނާއާއެކު ކިޔަވާ ކުދިންނާއި މުދައްރިސުންގެ ގަޔަށް ބަޑިޖެހުމަށް ފަހު އަމިއްލަ ގަޔަށް ބަޑިޖަހައިގެން އަމިއްލައަށް މަރުވެފައެވެ.
މަންޒަރުދޮށް މީހުންނާ ހަވާލާދީ ޚަަބަރުތައް ބުނާގޮތުގައި، ކޮލެޖްގެ ތެރޭގައި ގޮތް ނޭނގޭ އެއްޗެއް ގޮވި އަޑުވެސް އިވިފައި ވެއެވެ. އަދި ފަހުން ފެނުނު ބައެއެް ތަކެތި ނުގޮވާ ގޮތަށް ހަދާފައިވާ ކަމަށްވެސް ޚަބަރުލިބެއެެވެ.
ހަމަލާ ދިން ދަރުވަރަކީ 18 އަހަރުގެ ވްލާޑިސްލާވް ރޮސްލިޔަކޯވްއެވެ. ކްރައިމިއާ ސަރަހައްދުގެ ވެރިޔާ ސަރްގޭ އަކްސިޔޮނޯވް ވިދާޅުވިގޮތުގައި ރޮސްލިޔަކޯވް އޭނާއާއެކު ކިޔަވާ ދަރިވަރުންނަށް ހަމަލާދީފައި ވަނީ ރައިފަލަކުންނެވެ. އޭނާ ބަޑިން ހަަމަލާދިނީ ކޮން ސަބަބަކާހުރެކަން ރަސްމީގޮތެއްގައި ހާމަކޮށްފައި ނުވިނަމަވެސް، ރަޝިޔާއިން ލިބޭ ބައެއް ޚަަބަރުތައް ބުނާގޮތުގައި، އޭނާގެ ޓީޗަރުން ދެކެ ރުޅިއަންނަ ވާހަަކައާއި "ބަދަލުހިފަން" ބޭނުންވާ ވާހަކަ އޭނާގެ އެކުވެރިން ގާތުގައި ބުނެފައި ވެއެވެ.
ރަޝިޔާއަކީ ކޮލެޖްތަކާއި ސްކޫލްތަކުގައި ބަޑިޖެހުމުގެ ހާދިސާތައް ވަރަށް ނުހިނގާ ގައުމެކެވެ.
ކްރައިމިިއާއަކީ ޔުކްރޭން ސަރަހައްދެއްގެ ގޮތުގައި އޮއްވައި 2014 ވަނަ އަހަރު ރަޝިޔާއިން އެގައުމުގެ ސަރަހައްދެއްގެ ގޮތުގައި ހެދި ސަރަހައްދެކެވެ. އެކަމާ ގުޅިގެން ބައިނަލްއަގްވާމީ ފާޑުކިއުންތައް ރަޝިޔާއަށް އަމާޒުވި ނަމަވެސް، ރަޝިޔާގެ ނިންމުމަށް ބަދަލު ގެނެސްފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.