ދެ ގައުމުގެ ރޭލްވޭއާއި މަގުތައް އަލުން ގުޅާލުމަށް ދެ ކޮރެޔާ އެއްބަސްވެއްޖެ

ދެކޮނު ކޮރެޔާގެ ރޭލްވޭ އުތުރު ކޮރެޔާއާ ގުޅޭ ހިސާބުން ބަންދުކޮށްފައި

އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާގެ ގުޅުން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ދެ ގައުމުގެ ރޭލްވޭއާއި މަގުތައް އަލުން ގުޅާލުމަށް ދެ ގައުމުން އިއްޔެ އެއްބަސްވެއްޖެއެވެ. އެއާއެކު އެމެރިކާއިން ވަނީ މާ އަވަަހަށް ގުޅުންތައް ރަނގަޅުކުރަން ފަށައިފިނަމަ، ނިއުކުލިޔާ ޕްރޮގްރާމް ހުއްޓާލުމަށް އުތުރުކޮރެޔާއަށް ފިއްތުންތައް ކުރިމަތިކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅިދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމު ގުޅާލުމަށް އެއްބަސްވެފައި މިވަނީ ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން މިދިޔަ މަހު އުތުރު ކޮރެޔާއަށް ކުރެއްވި ދަތުރާ ގުޅިގެން، ސަރަހައްދީ ރޮނގުގައި އޮންނަ ޕަންމުންޖޮމްގައި ދެގައުމުގެ ދެމެދުގައި ދެެކެވުނު ވާހަކަތަކަށް ފަހުގައެވެ.
"ދެކުނު ކޮރެޔާއާއި އުތުރު ކޮރެޔާ މި އެއްބަސްވުމާ ހަަމައަށް އައީ ދެކޮރެޔާގެ ގުޅުން މަތީ ހަރުފަތަކަށް ގެންދާނެ ގޮތުގެ އެކްޝަން ޕްލޭނަކާމެދު އިޚްލާސްެތެރިކަމާއެކު ދެކެވުނު ވާހަކަަތަކަށް ފަހުގައެވެ." ދެކުުނު ކޮރެޔާގެ ޔުނިިފިކޭޝަން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވެއެވެ.
1950 އިން 1953 އަށް ހިނގި ކޮރެޔާ ހަނގުރާމައަށް ފަހު ވަކިކުރެވިފައިވާ ރޭލްވޭއާއި މަގުތައް އަލުން ގުޅުމުގެ ރަސްމިއްޔާތު އަންނަ ނޮވެންބަރު ނުވަތަ ޑިސެންބަރު މަހު ބޭއްވުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ގުޅިފައިވާ ބަޔާނުގައި ވާގޮތުން މިމަހުގެ ފަހުކޮޅުން ފެށިގެން ދެގައުމުގެ ޓީމުތަކުން އެކަމަބެހޭ ދިރާސާތައް ހަދަން ފަށާނެއެވެ.
2032 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ދެގައުމު ގުޅިގެން ބިޑު ހުށަހެޅުމާ ގުޅޭގޮތުން މިމަހުގެ ފަހުކޮޅު ވާހަކަތައް ބޭއްވުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
ދެކޮރެޔާގެ ގުޅުން ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެމެރިކާއިން ދަނީ އުތުރު ކޮރެޔާގެ ނިއުކުލިޔާ ޕްރޮގްރާމް ހުއްޓާލައި އެގައުމުގައި ހުރި ނިއުކުލިޔާ ހަތިޔާރު ނައްތާލުމަށް ބާރުއަޅަމުންނެެވެ. ފާއިތުވި ޖޫން މަހު އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕާއި، އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގް-އުން ވަނީ ސިންގަޕޫރުގައި ބައްދަލުކުރައްވާފައެވެ. އަދި ދެބޭފުޅުންެގެ ދެމެދުގައި އާ ބައްދަލުވުމް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އެހެންނަމަވެސް، މިހާރުވެސް އެމެރިކާ ދަނީ، އުތުރު ކޮރެޔާއި ނިއުކުލިޔާ ހަތިޔާރާއި، ބެލިސްޓިކް މިސައިލް އ "ވީ އެެންމެ ބޮޑަކަށް ފިއްތުމުގެ" ސިޔާސަތު އުތުރު ކޮރެޔާއާ ދެކޮަޅަށް ބޭނުންކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.