ރިޔާސީ އިންތިޚާބު ބާތިލް ކޮށްފާނެތަ؟

ސެޕްޓެމްބަރ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހެވެ. އެމަނިކުފާނާ ވާދަ ކުރެއްވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ބަލިވެ ވަޑައިގެންނެވީ އަށުތިރީސް ހާސް ވޯޓުގެ ތަފާތުންނެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ ރައީސް ޔާމީން ގަބޫލު ކުރައްވައި ރައީސް މުންތަޚަބު އިބްރާހީމް މުހައްމަދު ސާލިހަށް މަރުހަބާ ވެސް ވިދާޅުވއެވެ. އެހެންނަމަވެސް މިހާރު މަންޒަރު ބަދަލުވެއްޖެއެވެ. ރިޔާސީ އިންތިޚާބު ގަޑުބަޑުކުރުމުގެ ތުހުމަތު އިލެކްޝަންސްގެ މެމްބަރުންގެ މައްޗަށް ކުރެއްވިއެވެ. އެބޭފުޅުން ރިޝްވަތު ހިއްޕަވައި ނތީޖާ ބަދަލުކުރެއްވި ކަމަށް ވިދާޅުވާން ފެއްޓެވިއެވެ. އިލެކްޝަންސްކޮމިޝަންގތެ ތެރެއަށް ނުފޫޒު ފޯރައިފައިވާ ކަމުގެ ތުހުމަތު ކުރެއްވިއެވެ. އެންމެފަހުން އިންތިޚާބު ބާތިލް ކުރައްވަން މިހާރުވަނީ ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ. އެކޯޓުންވަނީ އެ މައްސަލަ ބަލައިގެންފައެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ކޯޓުން އިންތިޚާބު ބާތިލް ކޮށްފާނެ ކަމުގެ ސުވާލެވެ. ސިޔާސީ ފިކުރު ދެކަފިވެ ދެފަޅިއަށް މީހުން ބެހިފައިވާއިރު ރައީސް ޔާމީނަށް ނުވަތަ ޕީޕީއެމަށް ތާއީދުކުރާ އާންމުން ބުނަނީ އިންތިޚާބު ބާތިލް ކުރާނެ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކަށް ތާއިދުކުރާ މީހުން އުންމީދު ކުރަނީ ރައްޔިތުންގެ އަޑު ސްޕްރީމް ކޯޓުން އައްސަވާނެ ކަމަށެވެ. މާނައަކީ އިންތިޚާބު ބާތިލްކުރާނެ ތަނެއްނެތް ކަމަށް އެމީހުން ގަބޫލުކުރެއެވެ.

މި މައްސަލަ ކޯޓަށް ވެއްދުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބާތިލް ކުރަންޖެހޭނެ އެއްވެސް ސަބަބެއްނެތް ކަމަށެވެ. އިންތިޚާބާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އުފެދޭ ކަމަށްވާނަމަ އެކަން ހުށަހެޅުމުން ވަރަށް ރަނގަޅަށް އެކަން ބައްލަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭ ވަރުގެ އެއްވެސް ކަމެއް އިންތިޚާބުގައި ހިނގައިފައި ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އިންތިޚާބު ބާތިލްކުރަންޖެހޭ އެއްވެސް ސަބަބެއް މެދުވެރިވެފައިނެތް ކަމަށެވެ. އެހެން ކަމުން ވަކީ ބޭފުޅަކު އުފާކޮށްދެއްވުމުގެ ގޮތުން އިންތިޚާބު ބާތިލް ކުރައްވައިފާނެކަމާ މެދު އެއްގޮތަކަށް ވެސް ނުވިސްނެވުމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާ ސްޕްރީމް ކޯޓުން އިތުރުގޮތަކަށް ނިންމައިފައިވާނެ ކަމަށް ދެކެންވީ ފުރުސަތެއްވެސްނެތް. ވަކި މީހަކު ހިތްހަމަ ޖައްސައިދި ނުމަށް ސްޕްރީމް ކޯޓުން އިންތިޚާބު ބާތިލްކުރައްވާނެ ކަމަށް ނުވެސް ވިސްނަން. ރައްޔިތުން އެއޮތީ ވަރަށް ސާފުކޮށް ބުނެދީފައި ރައްޔިތުން ބޭނުންވާގޮތް،" އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އިންތިޚާބު ބާތިލް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ބަޔަކު މައްސަލައެއް ހުށަހެޅުމުން އެކަން ބެލުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "ރިޔާސީ އިންތިޚާބު ބާތިލްކުރާނެ ކަމަށް ނުފެނޭ. ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިއޮތް ކަމަށް ނުފެނޭ،" އުމަރު ވިދާޅުވިއެވެ.

އިންތިޚާބާ ބެހޭގޮތުން ސްޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމަވައިފި ކަމަށްވާނަމަ އެކަން ވެގެންދާނީ އަނެއްކާވެސް ރާއްޖޭގެ މުޅި ތާރީޚުގައި ފާހަގަ ކުރެވޭނެ ދުވަހަކަށެވެ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާވެ އަށަގަނެފައިވާ މިންވަރު މާދަމާގެ ހުކުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެންދާނެއެވެ. ގާނޫނީ ވެރިކަމާއި ރައްޔިތުންގެ ހިތުގައި ޖަހާ ވިންދަށް އިސްކަން ދެއްވަނީ ކިހާވަރަކަށްކަން މާދަމާގެ ހުކުމުން އެނގިގެންދާނެއެވެ.

ސްޕްރީމް ކޯޓުން މާދަމާ ކޮންމެ ގޮތަކަށް ނިންމެވިޔަސް އެކަމުގެ އަސަރު ރާއްޖޭގެ މުޅި އާބާދީއަށް ކުރާނެކަން ކަށަވަރެވެ. މާދަމާ އިވިގެންދާނެ ނިޔާގެ ސަބަބުން އެއްބައެއްގެ ހިތަށް ފިނިކަން ލިބިގެންދާނެއެވެ. އަނެއްބައެއްގެ ހިތަށް ކެތްނުކުރެވޭ ވަރުގެ ލޮޚުސާންތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގައި މިޒާތުގެ ކަންކަން ވަޒަންކޮށް ވާނެގޮތް އަންދާޒާ ކުރުމަކީ ފަސޭހަކަމެއްނޫނެވެ. ސަބަބަކީ ބާރުގަދަ ފަރާތްތަކުގެ ނުފޫޒާއި މިފަދަ ކަންކަމާމެދު މީހުންގެ ފިކުރު ބަދަލުވެގެންދާ އަވަސް ކަމުންނެވެ. ސަބަބުގެ މައްޗަށް ބިނާކޮށް މިފަދަ ކަންކަން ވެގެންދާނެ ގޮތެއް ހަމަހިލާ ނޭނގޭނެއެވެ. އެހެންކަމުން މިފަދަ ކަންކަން ނިންމަންޖެހޭނީ ހީއެއްގެ މައްޗަށެވެ.

ރާއްޖޭގެ ޑިކޮކްރަސީއަކީ އަދިވެސް އޮތީ ޅަފަތުގައި ކަމަށް ބުނެ އުޒުރު ދެއްކެން މިހާރުނެތެވެ. އެ ހަމައިން ބަލާއިރު ކޯޓުތަކުން ވެސް އިސްކަންދެއްވަން ޖެހޭނީ ރައްޔިތުންގެ މެދުގައި ސުލްހައާއި އަމާންކަމާއި ހަމަހަމަކަން ދެމެހެއްޓުމުގެ މައްޗަށެވެ.

ރާއްޖެ ކުޑައެވެ. އެހެންނަމަވެސް އދ. ގެ ކުޑައިގެ ދަށުގައި މިރާއްޖެ ހިމެނި ދުނިޔޭގެ އުސޫލުތަކާއި ހަމަތަކުގައި ރާއްޖެ ހިފައި އަމަލުކުރަމުން އަންނަތާ ލައްކަ ޒަމާން ވެއްޖެއެވެ. އެހެން ކަމުން ރާއްޖޭގެ ކޯޓުތަކާއި އަދިވެސް އެފަދަ މުއައްސަސާތަކުން ނިންމާ ނިންމުންތައް ވާންޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ ބައިނަލް އަގުވާމީ މިންގަނޑުތެ ތެރެއިން ނިންމާ ނިންމުން ތަކަށެވެ. އެހެންނޫނީ އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް ކަމަށްވިޔަސް އަޅުގަނޑުމެންގެ މައްޗަށް ފާޑުކިޔާ ގައުމުތައް އިތުރުވެދާނެއެވެ.


މާދަމާ ސްޕްރީމް ކޯޓުން ކޮންމެފަދަ ނިންމެވުމެއް ނިންމެވިޔަސް އެކަން ގަބޫލުކުރަން ޖެހުނަސް މެޖޯރިޓީ އެއޮތީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފައެވެ. މެޖޯރިޓީއާ ދެކޮޅަށް ކަމެއް ނިންމާނެ ކަމަށް ދުނިޔޭގެ ހަމައިން ނުބެލެވެއެވެ. އެހެންނަމަވެސް މަދަމާ ހުކުމް ކުރައްވާ ކަމަށްވާނަމަ ހުކުމް ކުރެއްވުމުގެ ކުރިން އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ކޯޓުން ނިންމާނެ ގޮތެއް ނޭނގޭނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.