ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ވެއްޖެ ކަމަށްވާނަމަ ރާއްޖެ އަޅުވެތިކުރާކަމަށް ބަޔަކު ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ހުޅުވުމާއި ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަކީ ފުދުންތެރި ބަޔަކަށް ވެއްޖެ ކަމަށްވަންޏާ ދެން އިރާދަ ކުރެއްވިއްޔާ މިތަން (ރާއްޖެ) އަޅުވެތުކުރަން ބަޔަކު ނާންނާނެ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި އަޅިވެތި ކަމުގެ ނަތީޖާއަކަށްވާނީ ބޭރު މީހުންގެ ގާތަށް ސަލާމްޖަހަން ދިޔުން ކަމަށެވެ. އެހެންނަމަވެސް މިހާރު ނަގަމުންދާ ފައިސާ ނުވަތަ ލޯނަކީ ޝަރަފުވެރިކަމާއެކު ނަގާ ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުވެތި ކަމުގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެން ބޭރުމީހުން ކައިރިއަށް ސަލާމްޖަހަން ދިޔުން. އެކަމަކު މިހާރު އަޅުގަނޑުމެން މިނަގާ ފައިސާ މިހޯދަނީ ޝަރަފްވެރި ކަމާއެކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނާއި ޚުދު ރައީސްވެސް ސަލާމްޖަހަން ބޭނުންފުޅު ނުވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ފުދުންތެރި ބައެއްގެ ގޮތުގައި ތިބުންކަމަށެވެ. އެގޮތުގައި ތިބެ ދުނިޔޭގެ އެހެންލީޑަރުންނާ ކޮނޑާކޮނޑު ޖައްސައިގެން ހނިތުންވުމާއެކު ހިނގޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެއްވެސް ދިވެއްސަކު އެއްވެސް ޒުވާނަކު ބޭނުމެއްނުވާނެ އަދި މި ރައީސް ބޭނުމެއް ނުވާނެ އަޅުގަނޑުމެން ސަލާމްޖަހަންދާކަށެއް. އަޅުގަނޑުމެން ބޭނުންވާނީ ފުދުންތެރި ބައެއްގެ ގޮތުގައި ތިބުމުން. ފުދުންތެރި ބައެއްގެ ގޮތުގައި ދުނިޔޭގެ ސަފުގައި އަޅުގަނޑުމެން ވެސް ހިނގާނީ އެހެންލީޑަރުންނާވެސް އެކީގައި ހަމަ ކަރާއިކަރު ޖައްސައިގެން، ކޮނޑާއިކޮނޑު ޖައްސައިގެން ހަމަ ހުރިހާ މީހުންނާއެކީ ހިނިތުންވެގެން،" ރައީސް ވިދާޅުވިއެވެ. އެއީ ދިވެހިންނަށް ލިބޭނެ ޝަރަފެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުގެ އިސްތިއުމާރީ ނުފޫޒުތައް ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން އަންނައިރު މިއަދު ގާއިމް ވެގެންދިޔަ ރަންވޭއަކީ މިނިވަންކަމަށް "އިތުރު ތާއީދެއްދޭ އެންމެ ވަރުދަ ކަންތައް" ކަމަށް ރައީސް ވިދާޅުވިއެވެ.