އިންތިޚާބާ ގުޅިގެން ނުރައްކާތެރި އަމަލުތައް ކުރުމަށްދަނީ ރާވަމުން: ފުލުހުން

މިމަހު ތޭވީސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫންކަމަށް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް ނުރައްކާތެރި އަމަލު ކުރުމަށް ރާވަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ "ތޭވީސް ސެޕްޓެމްބަރ ވަނަ ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫންކަން ބޭރުގެ ބައެއް ފަރާތްތަކަށް ދެއްކުމުގެ ގޮތުން ނުރައްކާތެރި ބައެއް އަމަލުތައް ކުރުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ވަނީ ލިބިފައި. ފުލުހުން ހިނގާ ބައެއް ތަހުގީގުތަކަށް މިކަމުގެ ބައެއް މައުލޫމާތު ވަނީ ލިބިފައި،" ކަމަށެވެ.

ޝިފާން ވިދާޅުވީ މާޒީގައި ރާއްޖެއިން ފެނިފައިވާ ފަދަ ނުރައްކާތެރި އަމަލުތައް ތަކުރާރު ކުރުމަށް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. 2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ވަނަ ދުވަހު ރާއްޖޭގައި ވަނީ ދައުލަތާއި، އަމިއްލަ މީހުންގެ އަގުބޮޑެތި މުދަލަށް ގެއްލުންދީ ރޯކޮށްފައިވާ ކަމަށް ޝިފާން ވދާޅުވިއެވެ. މިފަދަ އަމަލުތައް ތަކުރާރު ކުރުމަށް ރާވަމުންދަނީ ސީދާ ރިޔާސީ އިންތިޚާބަށް އަސަރުފޯރުވުމުގެ ގޮތުން ކުރަންރާވާ ކަންކަން ކަމަށް ފުލުހުން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާވިދާޅުވިއެވެ.

"މީގެ އިތުރަށް އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ނުރައްކާތެރި ބައެއް އަމަލުތައް ހިންގަން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް ވަނީ ލިބިފައި. އެހެންނަމަވެސް މިފަދަ އެއްވެސް އަމަލެއް ކުރުމުގެ ފުރުސަތެއް ދިވެހި ފުލުހުން ނުދޭނެވޭ ވާހަކަ ދަންނަވަން. މިފަދަ އަމަލެއް ހިންގައިފިނަމަ އެފަރާތްތައް ހޯދައި އެފަރާތްތަކަށް ހިތްވަރުދޭ ފަރާތްތައް ވެސް ހޯދައި އެފަރާތްތަކާމެދު ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ވެސް ދަންނަންވަން،" ޝިފާން ވިދާޅުވިއެވެ.

އޭނާ ވަނީ ރިޔާސީ އިންތިޚާނަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވައިލައިފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ހަމަޖެހުން ގެއްލި އެކަމަށް ބުރޫއަރައިފާނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.