"ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިންގ އިން ޕަރސަންސް" ފަށައިގެން ކުރިޔަށްދަނީ

IMG_6555

އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް) އާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން އިންތިޒާމްކޮށްފައިވާ "ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިން އިން ޕަރސަންސް" ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފަށައިފިއެވެ. ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި ކޮލޯކިއަމްއަކީ، ހިއުމަން ޓްރެފިކިންގ އާގުޅޭގޮތުން ބައިނަލް އަޤުވާމީ ފެންވަރުގައި ތަޖުރިބާ ލިބިފައިވާ ކަމުގެ މާހިރުންނާއެކު، މަޝްވަރާކޮށް ތަޖުރިބާ ޙިއްޞާކުރުމަށްޓަކައި ބޭއްވޭ ކޮލޯކިއަމް އެކެވެ. މި ކޮލޯކިއަމްގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ޤާޟީންގެ އިތުރުން، މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮލޯކިއަމް އިފްތިތާޙްކުރުމުގެ ގޮތުން މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދެއްކެވި ވާހަކަފުޅުގައި މިފަދަ ކޮލޯކިއަމްއެއް ބޭއްވުމަށް އިސްނެންގެވިކަމަށްޓަކައި އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް) އަށް ޝުކުރުދެންނެވިއެވެ. އަދި 1951 ވަނަ އަހަރު އެ އޮގަނައިޒޭޝަން އުފެދުނުފަހުން އެކިއެކި ދައުލަތްތަކާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއެކު މިދާއިރާގައި ބާއްވަވަމުންގެންދަވާ ގުޅުން ފާހަގަކުރައްވައި، ހިޖުރަކުރާފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަންކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކަން ޑިވެލްޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޤުތިޞާދު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިރު، ނަތީޖާއާ ހަމައަށް ވާޞިލުވުމަށްޓަކައި އިންސާނީ ވަޞީލަތްތަކަށް ބޭނުންވާ މިންވަރުދާނީ އިތުރުވަމުންކަމަށާއި މި ވަޞީލަތްތައް އިތުރަށް ހަރުދަނާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ހިއުމަން ޓްރެފިކިންގ ގެ މައްސަލަތައް ވަރަށް ބޮޑަށް މަދުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބަވަނަވަމުންމިދާ ދުނިޔޭގައި ރާއްޖެ މިހާ ހަލުވިމެނެއްގައި ކުރިއަރަމުންދާއިރު، ހިއުމަން ޓްރެފިކިންގެ ގެ މައްސަލައަށް ދައުލަތުގެ ހުރިހާ އިދާރާތަކުންވެސް އަހުލުވެރިވާންޖެހޭ ކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު މިކަމަށް އިސްނެންގެވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.

ކޮލޯކިއަމް އިފްތިތާޙްކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް) ގެ ޗީފް އޮފް މިޝަން، މރ. ޖެޒެޕޭ ކްރޮޝެޓީ އާއި، ޔޫ.އެސް އެމްބަސީ ގެ ޑެޕިއުޓީ ޗީފް އޮފް ޕޮލިޓިކަލް އެފެއަރޒް މރ. ޕެޓްރިކް ޓިލޫ ވާހަކަފުޅުދެއްކެވިއެވެ.

ކޮލޯކިއަމްގެ ރިސޯރސް ބޭފުޅުންގެ ގޮތުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ ހިއުމަން ޓްރެފިކިންގ ދާއިރާއިން ތަޖުރިބާކާރު، ނޭޕާލްގެ ފަނޑިޔާރެއްކަމުގައިވާ އޮނަރަބަލް ޖަސްޓިސް ތެކް ނަރަޔަން ކުންވަރް އާއި، އިންޓަރނޭޝަނަލް ރޫލް އޮފް ލޯ ގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ސައުތު އޮސްޓްރޭލިޔާގެ އެޓަރނީ ޑެޒްލީ ޑެނިއަލް ބިލިޗް އެވެ.

މި ކޮލޯކިއަމް 05 މެއި 2016 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.